ދުނިޔޭގެ އެންމެ މުއްސަނދި، މަހުޖަނުންގެ ލިސްޓުގެ ކުރިން ޖާގަ ހޯދަމުން އަންނަ އެމެޒޯން ކުންފުނީގެ ސީއީއޯ ޖެފް ބެޒޯސްއާއި އިތުރު ބަޔަކު ޖައްވަށް ކުރާ ދަތުރުގައި، ޖައްވު ތެރެއަށް ބެޒޯސް ގެއްލިއްޖެނަމަ އެކަމުގެ އިންޝުއަރަންސް އަށް ވާ އަގަކީ ކޮބައިކަން ކަނޑައެޅުމަށް، އިންޝުއަރަންސް ކުންފުނިތަކުން ފަސްޖެހިއްޖެއެވެ.

ޖައްވީ އެކިއެކި ކަންކަމަށް ޒަމާނުއްސުރެ ލޯބި ކުރާ ބެޒޯސް މިހާރު ވެސް ދަނީ، ދުނިޔޭގެ ވައިގެ ސަތަހައިން ބޭރުން ޖައްވަށް ދަތުރުކުރާ ފުރަތަމަ ބިލިއަނަރުގެ ޝަރަފު ހޯދުމަށް، މަހުޖަނު އީލޯން މަސްކު އަދި ރިޗާޑް ބްރޭންސަންއާ ވާދަ ކުރަމުންނެވެ.

އިންޝުއަރަންސް ކުންފުނިތަކަކީ އާދަޔާ ހިލާފު އެކި ކަހަލަ ހާދިސާތަކުގައި ލިބޭ ގެއްލުންތަކުގެ މާލީ ބަދަލު ހަމަޖައްސާ ދިނުމުގައި މިހާތަނަށް ދުނިޔެ ސިއްސުވަމުންދާ ކުންފުނިތަކަކަށް ވީ ނަމަވެސް، ބެޒޯސްގެ ޖައްވީ ދަތުރާ ގުޅިގެން، އަގެއް ކަނޑައެޅުމަށް، އިންޝުއަރަންސް ކުންފުނިތަކުން ދަނީ ފަސްޖެހެމުންނެވެ.

އެމޭޒަން ކުންފުނީގެ ބާނީ ޖެފް ބެޒޯސް

ޖައްވުގައި ހިނގާ މިފަދަ ކަމަކަށް ބަދަލު ދިނުމުގެ ކަމެއް މީގެ ކުރިން ހިނގާފައެއްވެސް ނެތެވެ.

އިންޝުއަރަންސް އިންފޮމޭޝަން އިންސްޓިޓިއުޓް (އައިއައިއައި)ގެ ތަރުޖަމާނު، މައިކަލް ބެރީ ވިދާޅުވީ، ޖައްވީ ފަތުރުވެރިކަމަކީ، އެކަމުގެ ރިސްކު ބޮޑު ކަމެކެވެ. ނަމަވެސް ލައިފް އިންޝުއަރަންސް ދޫކުރާ ފަރާތްތަކުން އަދި މާބޮޑު ސަމާލުކަމެއް ނުދީ އޮތް ކަމެކެވެ. އެހެނީ، ފަތުރުވެރި ދަތުރެއްގައި ޖައްވަށް ދަތުރު ކުރުމަކީ އިންތިހާއަށް ހީނަރު ކަމަކަށް ވާތީއެވެ.

ޖައްވު ތެރެއަށް ދޫކޮށްފައިވާ ސެޓެލައިޓްތަކާ، ރޮކެޓް އަދި އިންސާނުންނާ ނުލާ ދަތުރު ކުރާ ފްލައިޓްތަކުގެ އިންޝުއަރަންސަށް ބަލާއިރު 500 މިލިއަން ޑޮލަރުގެ މާކެޓެއް އެބައޮތެވެ. ނަމަވެސް، ބެޒޯސްގެ ބްލޫ އޮރިޖިން ފަދަ ކުންފުންޏަކުން ޖައްވަށް ފޮނުވާ ފަތުރުވެރިންނަށް ލިބޭ އަނިޔާ ނުވަތަ ހިނގާ މަރުގެ ހާދިސާއަކަށް އިންޝުއަރަންސް ދޫކުރުމުގެ ގާނޫނީ އޮނިގަނޑެއްވެސް އަދި ނެތެވެ.

ބެޒޯސް ދަތުރު ކުރުމަށް އަމާޒު ހިފާފައިވާ މަންޒިލާ އެންމެ ގާތަށްވެސް މިހާތަނަށް ދަތުރު ކޮށްފައި ވަނީ ބްރޭންސަންގެ ވާޖިން ގެލެކްޓިކުންނެވެ. ނަމަވެސް އެއީ މުޅިންވެސް ޓެސްޓު ފްލައިޓްތަކެވެ. 1960ގެ އަހަރުތަކުން ފެށިގެން ދުނިޔޭގެ ސަބް-އޯބިޓަށް ކުރަމުން އަންނަ މިދަތުރުތަކުގައި މިހާތަނަށް، 1 ގެ ފުރާނަ ވަނީ ގެއްލިފައެވެ.

އެސްޓްރޮނޯޓް ބޮބް ބެންކެން (މ) ޖައްވީ ދަތުރަށް ފަހު ދުނިޔޭގެ ބިމުގައި/ފޮޓޯ: މެމްފިސް

އެންމެ ގިނަ އަދަދަކަށް ޖައްވަށް ފަޅުވެރިން ފޮނުވާފައި ވާ އެއް ގައުމު ކަމަށް އެމެރިކާގެ ޖައްވީ ފަޅުވެރިންނަށް ލައިފް އިންޝުއަރަންސް ލިބެނީ، އެމެރިކާ ސަރުކާރުގެ ސްކީމުގެ ތެރެއިންނެވެ.

ބެޒޯސްއާއި އިތުރު 2 މީހަކު ގޮވައިގެން ޖުލައި 20 ވަނަ ދުވަހު ބްލޫ އޮރިޖިންއިން އުދުއްސާލާ ޖައްވީ އުޅަނދަކީ، ދުނިޔޭގެ ސަތަހައިން ފެށިގެން، (ޖައްވުގެ ތެރެއަށް) 100 ކިލޯމީޓަރު އުސްމިނަށް ދަތުރު ކުރާނެ އުޅަނދެކެވެ. މިއީ މައިކްރޯގްރެވިޓީގެ އިހުސާސް ކުރުވާނެ އުސްމިނެކެވެ. މި ކެޕްސޫލް، ދުނިޔޭގެ ބިމަށް، އަނބުރާ ދަތުރު ކުރާނީ ޕެރަޝޫޓް ނުވަތަ ވައިކުޑަތަކެއްގެ އެހީގައެވެ.

ބެޒޯސްގެ ތާރީހީ ދަތުރުގެ ދިގު މިނަކީ، ގާތްގަނޑަކަށް 10 ވަރަކަށް މިނެޓް ކަމަށް ހަބަރު ލިބެއެވެ.