ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޖަހާ ވެކްސިން ލިބިގަތުމަށް އިންކާރު ކުރާ ރައްޔިތުންނަށް، ފިލިޕީންސްގެ ނުފޫޒުގަދަ ރައީސް ރޮޑްރީގޯ ދުތާރުތޭ، ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ކޮވިޑް ވެކްސިން ޖަހަން އިންކާރު މީހުން ހައްޔާރު ކުރާނެ ކަމުގެ އިންޒާރު ދެއްވަމުން ދުތާރުތޭ ވަނީ އެފަދަ ފަރާތްތަކުން އަމިއްލަ ގައުމު ދޫކޮށް، އިންޑިއާ ނުވަތަ އެމެރިކާ ފަދަ ގައުމަކަށް ދިއުމަށް ގޮވާލައްވާފައެވެ.

އިންޒާރު ދެނިވި ރޫހުގައި ވާހަކަފުޅު ދައްކަވަމުން ދުތާރުތޭ ވިދާޅުވީ، ވެކްސިން ޖަހަން އިންކާރު ކުރާ މީހުންނާ ކުރިމަތިލެއްވުމަށް ރައީސަށް ފުރުސަތު ނުދިނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އެބާރު ރައީސަށް އެބައޮތް ކަމަށާ، ނަމަވެސް އެއީ އެއްވެސް މީހަކު އެދޭނެ ގޮތެއް ނޫން ކަމަށް ދުތާރުދޭ ވިދާޅުވިއެވެ. އެހެން ކަމުން ފިލިޕީންސްގައި ދިރިއުޅެން އެދޭނަމަ އަދި އެމީހަކީ އިންސާނެއް ކަމުގައި ވަނީ ނަމަ، ކޮވިޑް ވެކްސިން ޖެހުމަށް ދުތާރުތޭ ވަނީ އިންޒާރު ކުރައްވާފައެވެ.

އަދި ވެކްސިން ޖަހަން އިންކާރު މީހުންގެ ހަށިގަނޑަށް، ޖަނަވާރުތަކަށް ހާއްސަ ކޮށްފައިވާ އެންޓި-ޕެރަސައިޓް ވެކްސިނެއް ޖަހާނެ ކަމަށްވެސް އިންޒާރު ކުރައްވާފައެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ މާސްކު އެޅުމުގެ އުސޫލަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަން ނުވާ މީހުން ހައްޔަރު ކުރުމަށްވެސް ދުތާރުތޭ މީގެ ކުރިން ވަނީ އަމުރު ކުރައްވާފައެވެ.

ދުތާރުތޭ ވަނީ، ގަވައިދު މުގުރާލާ މީހުންނާ މެދު، ފުލުހުން ހަރުކަށި ވާންޖެހޭ ކަމަށާ، ނޭފަތް ނިވާ ނުވާ ގޮތަށް، އުސޫލުތަކާ ހިލާފަށް މާސްކު އަޅާ މީހުން ހައްޔަރު ކުރަން އަންގަވާފައެވެ. އެއީ އޭނާއަށް ކޮށްދޭ ކަމެއް ނޫން ކަމަށާ، ނަމަވެސް އެއީ ގައުމަށްޓަކާ ކޮށްދޭ ކަމެއް ކަމަށާ، އެކަމުން އެމީހަކަށްވެސް ރައްކާތެރިކަން ލިއްބައިދޭނެ ކަމަށް ދުތާރުތޭ ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުވެސް ދުތާރުތޭ ވަނީ ހަރުކަށި އަމުރެއް ނެރުއްވާފައެވެ. އެގޮތުން، ލޮކްޑައުން ކޮށްފައިވާ ސަރަހައްދުތަކުގައި ހައިޖާނު އުފައްދާ މީހުންގެ ގަޔަށް ބަޑިޖަހައިގެން މަރަންވެސް ދުތާރުތޭ ވަނީ ސަލާމަތީ ބާރުތަކަށް އަންގަވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ފިލިޕީންސްއަކީ އެންމެ ނުރައްކާ ބޮޑުވި މަންޒިލްތަކުގެ ތެރޭގައި ހިމެނޭ މަންޒިލެކެވެ.