ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފިއެވެ.

މިދިޔަ ހޯމް ދުވަހު ރައީސް ދުބާއީއަށް ވަޑައިގަތީ އެމަނިކުފާނުގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ. އެމަނިކުފާނު އެ ދަތުރުފުޅު ނިންމާވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެން ކަމުގެ މައުލޫމާތު ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރީކް އަޒީޒް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.

ރައީސްގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހް ދުބާއީގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ އަވަހާރަވީ އިރު އުމުރުފުޅަކީ 55 އަހަރެވެ.

އަހުމަދަކީ ރައީސް ސޯލިހުގެ ހަގަށް ތިއްބެވި އަށް ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ރައީސް ސޯލިހުގެ އާއިލާގައި ޖުމްލަ 12 ބޭފުޅުން ތިއްބަވާއިރު އޭގެތެރެއިން 3 ބޭފުޅުންނަކީ ހާފިޒުންނެވެ. އެމަނިކުފާނުގެ އާއިލާގައި ލޯފަން 4 ބޭފުޅުން ތިއްބަވާ އިރު އަހުމަދު އަކީ ވެސް ލޯފަން ބޭފުޅެކެވެ.