ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަަކަށް ލުއި ދިނުމުގެ ގޮތުން ކާފިއު ވަގުތަށް ގެނައި ބަދަލާއެކު އާ ޕާމިޓެއް ހައްދަން ނުޖެހޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވަނީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުން ލުއިތަކެއް ދޭން ނިންމާފައިވާ ކަަން އިއުލާން ކޮށްފައެވެ. އެގޮތުން ކާފިއު ވަގުތަކަށް ވަނީ ހަވީރު 6 އިން ފަތިހު 4 އަށް ހަމަޖައްސާފައެވެ. އަދި ފަތިހު 4 އިން ހެނދުނު 8 އާ ދެމެދު ހަމަޖައްސާފައި ވަނީ ވަކިވަކިން ކަސްރަތު ކުރަން ނުކުމެ އުޅޭ މީހުންނަށެވެ. އެމީހުން ނުކުމެ އުޅޭ އިރު އެއްވެސް ހުއްދައެއް ނަގާކަށް ނުޖެހެއެވެ.

ކާފިއު ވަގުތަށް ގެނައި ބަދަލާ އެކު، މިހާރު ވެސް ކާފިއު ނޫން ވަގުތު ބޭރުގައި އުޅޭ އިރު ފާހެއް ބޭނުން ކުރަންޖެހޭ ޖެހުމަކަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ބޭރުގައި އުޅުމަށް ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޫކޮށްފައިވާ އިރު ދެ ފާހަކީ ދެ ވަގުތަކު ނުކުމެވޭ ގޮތަށް ދޫކޮށްފައި ވާ ފާހެކެވެ. އެ ގޮތުން އެއް ވަގުތަކީ ހަނދުނު 8 އިން މެންދުރު 12 އަށެވެ. ދެވަނަ ވަގުތަކީ މެންދުރު 12 އިން ހަވީރު 4 އަށެވެ.

މިހާރު ގެނައި ބަދަލާއެކު ހަވީރު 6 ޖެހުމާ ހަމައަށް ބޭރުގައި އުޅުމަށް އިތުރު ފާހެއް ހައްދާކަށް ނުޖެހޭނެއެވެ. މަބްރޫކް ވިދާޅުވީ، އެ ވަގުތު ނުކުމެ އުޅެވޭނީ މެންދުރު 12 އިން ހަވީރު 4 އަށް ބޭރަށް ނުކުތުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.

މި ލުޔާ އެކު ވިޔަފާރި ކުރުމުގެ ފުރުސަތަށް ހުޅުވާލާފައިވާ ވަގުތު މިވަނީ އިތުރު ކުރެވިފައެވެ. އެގޮތުން ރެސްޓޯރަންޓް ކެފޭ ފަދަ ތަންތަނުން ޓޭކްއަވޭ ދެވޭ ވަގުތާއި ފިހާރަތައް ހުޅުވައިގެން އާންމުންނަށް ވަދެ އެތަނުން ވިޔަފާރި ކުރެވޭ ވަގުތު ވެސް މި ވަނީ ހަވީރު 6 އަކަށް ދަންމާލާފައެެވެ.