ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން މިހާރު އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ދޭން ނިންމާފައިވާ ލުއިތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރަމުން މަބްރޫކް ވިދާޅުވީ، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތަށް ހަމަޖެހުނު ނަމަވެސް މޮނިޓަރިންގެ ހާލަތުގައި ހުންނަ ރަށްރަށާއި ގެސްޓް ހައުސްތައް ހިންގާ ރަށްރަށުގައި އަދިވެސް އަމަލު ކުރަމުން ދާނީ ކުރީގެ އުސޫލާ އެއްގޮތަށް ކަމަށެވެ.
އެހެންކަމުން އަދިވެސް މޮނިޓަރިންގައި ހުންނަ ރަށްރަށަށް މީހުން އެރުމާއި ފޭބުން މަނާ ވާނެއެވެ. އަދި ގެސްޓް ހައުސް ހިންގާ ރަށްރަށުން ގެސްޓް ހައުސް ނުހުންނަ ރަށްރަށަށް ދަތުރެއް ނުކުރެވޭނެއެވެ.
ކޮވިޑާ ގުޅިގެން އިތުރަށް ދިން ލުއި ތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ހިންގާ ކާފިއު ވަގުތު ވެސް ވަނީ ކުޑަކޮށްފައެވެ. އެގޮތުން މިހާރު ކާފިއު ހިންގާނީ ހަވީރު 6 އިން ފަތިހު 4 އަށެވެ.
މީގެ އިތުރުން ސެލޫންތައް ހުޅުވުމަށް ހުއްދަ ދޭން ނިންމި ގޮތަށް ހިދުމަތްދޭ ޕްލޭން ހުށަހަޅައިގެން ޖިމްތައް ހުޅުވުމުގެ ހުއްދަ ދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ހުއްދަ ދެވޭ ޖިމްތައް ހުޅުވޭނީ ފަތިހު 5 އިން އިރުއޮއްސި 6 އަށެވެ.
ކޮވިޑުން ރައްކާތެރިވުމަށް މިހާރު ލުއިތައް ދެމުން މި އަންނަނީ މި މަހު ކޭސްތައް 200 އިން ތިރިއަށް ދާން ފެށުމުންނެވެ. އެ ގޮތުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 145 މީހެކެވެ.