މިއަދު ޖުމްލަ 145 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ، 359 މީހަކު ބަލިން ރަނގަޅު ވެ، މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބި މީހުންގެ އަދަދު 4569 ތިރި ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 61 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 77 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓުތަކުން 7 މީހެކެވެ. ހަމައެއާއެކު މިއަދު 359 މީހަކު ބަލިން ރަނގަޅުވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއަދު ޕޮޒިޓިވްވި 145 މީހުންނާއެކު މިމަހު ޕޮޒިޓިވްވި ޖުމްލަ އަދަދަކީ 7787 އެވެ.
މިއަދުގެ އިތުރުން މި މަހުގެ 19 އަދި 18 އަކީ މި ވޭތުވެ ދިޔަ 2 މަސް ދުވަހުގެ ތެރޭގައި އެންމެ މަދު ކޭސް ރިޕޯޓް ކުރި ދުވަހެވެ. އެ ގޮތުން މި މަހުގެ 19 ވަނަ ދުވަހު 211 މީހަކު އަދި 18 ވަނަ ދުވަހު 142 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 4569 އަށް ތިރިވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އިއްޔެ އެކްޓިވް ކޭސްގެ އަދަދު އުޅުނީ 4784 ގައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 72294 އެވެ. މީހުންގެ ތެރެއިން 67507 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 207 އަށް އަރާފައެވެ.
މިއަދު މި ބަލީގައި މީހަކު އަދި މަރުވެފައި ނުވި ނަމަވެސް ރޭގެ ވަގުތެއްގައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެފައެވެ. ރެގަ މަރުވި 79 އަހަރުގެ ދިވެހި އަނހެންމީހާ އަކީ މި ބަލީގައި މަރުވި 207 ވަނަ މީހާއެވެ. އެމީހާ މަރުވެފައި ވަނީ ރޭ 11:01 ހާއިރުއެވެ. މި މަރާއެކު މި މަހު މަރުވި މީހުންގެ އަދަދު މި ވަނީ 47 އަށް އަރާފައެވެ.
ރާއްޖެއިން މި ބަލި ފެންނަން ފެށިތާ މިއަދާ ހަމައަށް 472 ދުވަސްވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު 13،757 ކޮވިޑް ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 48 މީހަކު ވަނީ މަރުވެފައެވެ. މިއަހަރު މިހާތަނަށް 58،392 މީހަކު ޕޮޒިޓިވްވެފައި ވާއިރު މި ބަލީގައި މި އަހަރު ވަނީ 159 މީހަކު މަރުވެފައެވެ.