13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ މުއްދަތު ޖެހުން ސިއްރު ކޮށްގެން ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
13 އަހަރުގެ ކުއްޖާގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ހަމަޖެހިފައި ވަނީ އެ މައްސަލައިގައި ހައްޔަރު ކުރި އުމުރުން 27 އަހަރުގެ ފިރިހެން މީހާއަށެވެ. އޭނާ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް ކުރިއަށް ގެންދާ މަޖިލީސް ސިއްރުކޮށްގެން ކުރިއަށް ގެންދަން ނިންމާފައި ވަނީ ކުޑަކުއްޖެއްގެ ހައްގު އެކުލެވޭ މައްސަލައަކަށް ވާތީ އެ ކުއްޖާގެ ކަރާމާތް ރައްކާތެރި ކުރުމަށްޓަކައެވެ.
ސިއްރުކޮށްގެން ކުރިއަށް ގެންދާ މި އަޑުއެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިން ކޮށްނެވެ.
13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މި ދިޔަ އާދިއްތަ ދުވަހު އެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލައާ ގުޅިގެން ރޭ ހެންވޭރުގައި ހުރި ގެއެއް ބަލައި ފާސްކޮށްފައި ވާ އިރު، 17 އަހަރުގެ ކުއްޖަކާ 27 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރު ކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. އަދި 13 އަހަރު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.