ދުނިޔޭގެ އެންމެ ބޮޑު ފަރުގެ ގޮތުގައި ސިފަ ކުރަމުން އަންނަ އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފް، މޫސުމީ ނޭދެވޭ ބަދަލުތަކުން ސަލާމަތް ކުރުމަށް، އޮސްޓްރޭލިއާގެ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށް ބަޔާންކޮށް، އދއިން ރިޕޯޓެއް އާންމު ކުރުމާއެކު، އޮސްޓްރޭލިއާގެ ސަރުކާރުން އދއާ ދެކޮޅަށް އަޑު އުފުލައިފިއެވެ.

ސައެންސްއާއި ސަގާފަތާ ބެހޭ އދގެ ޖަމިއްޔާ، ޔުނެސްކޯއިން ވަނީ، ގްރޭޓް ބެރިއާ ރީފްއަކީ، ދުނިޔޭގެ ތަރިކައިގެ ސައިޓްތަކުގެ ތެރެއިން، ގެއްލުންތަކުގެ ސަބަބުން ނެތި ދިއުމުގެ ބިރު ހީވެފައި ވާ ތަންތަނުގެ ލިސްޓުގައި ހިމަނަން ޖެހޭ ތަނެއް ކަމަށްވެސް ބުނެފައެވެ.

ޔުނެސްކޯއިން ބުނީ، ގްރޭޓް ބެރިއާ ރީފްގެ ފެނުގެ ކޮލިޓީ ރަނގަޅު ކުރުމަށް ކަނޑައެޅި އަމާޒަށްވެސް އޮސްޓްރޭލިއާއިން ވާސިލު ވެފައި ނުވާ ކަމަށެވެ.

އޮސްޓްރޭލިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު ސުޒަން ލެއި ވިދާޅުވީ، މީގެ ކުރިން ވީ ވައުދުތަކާ، އދގެ ތަޖުރިބާކާރުން ހިލާފުވެވަޑައިގެންފައި ވާ ކަމަށެވެ.

ދުނިޔޭގެ ތަރިކައިގެ ސައިޓްތަކުގެ ތެރެއިން، ގެއްލުންތަކުގެ ސަބަބުން ނެތި ދިއުމުގެ ބިރު ހީވެފައި ވާ ތަންތަނުގެ ލިސްޓުގައި އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފް ހިމެނުމާ ގުޅޭ މަޝްވަރާތައް އަންނަ މަހު ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައި ވާއިރު، މިކަމުގެ ފަހަތުގައި ސިޔާސީ މަގުސަދު އެކުލެވޭ ކަމަށް ލެއި ވަނީ ތުހުމަތު ކުރައްވާފައެވެ.

ލެއި ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 80 އަށް ވުރެ ގިނަ، މިފަދަ މަންޒިލްތައް ހުރިއިރު، ހަމައެކަނި އޮސްޓްރޭލިއާގެ ވާހަކަ ފާހަގަ ކުރުމަކީ އިންސާފެއް ނޫން ކަމަށެވެ.

ދުނިޔޭގެ ތަރިކައާ ބެހޭ ކޮމިޓީއަކީ 12 މެންބަރު ގައުމުގެ މައްޗަށް އެކުލެވޭ ކޮމިޓީއަކަށް ވާއިރު، ކޮމިޓީގެ ޗެއާކަން ކުރަމުން ދަނީ ޗައިނާއިންނެވެ. ފާއިތުވީ އަހަރުތަކަށް ބަލާއިރު، އޮސްޓްރޭލިއާއާއި ޗައިނާ ސަރުކާރާ ދެމެދު ގުޅުންތައް ވަނީ އިންތިހާއަށް ހީނަރުވެފައެވެ.

އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފްގެ ދެބައިކުޅަ އެއްބައި މުރަކަ، ފާއިތުވީ 25 އަހަރެއްހާ ދުވަހުގެ ތެރޭގައި މަރުވެފައި ވާކަމަށާ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން، އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް އެ ފަރަށް ލިބެމުން ދާ ކަމަށް ސައެންސްވެރިން އިންޒާރު ކުރީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.