އަވަށްޓެރި ސްރީލަންކާގެ އަސްކަރީ ސިފައިން، އެ ގައުމުގެ މުސްލިމު އާބާދީ ލަދުގަންނަވަމުން ދާ ކަމުގެ މައްސަލައެއް ބެލުމަށް، ތަހުގީގު ފަށައިފިއެވެ.
ސްރީލަންކާގެ އަސްކަރިއްޔާއިން މިފަދަ ތަހުގީގެއް ފަށާފައި މިވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން އިއުލާން ކޮށްފައިވާ ލޮކްޑައުންގެ އަމުރުތަކާ ހިލާފުވާ މުސްލިމުންނަށް މަގުމަތީގައި ކުޑަކަކޫ ޖެއްސުން ފަދަ އަބަދު ދޭ މަންޒަރު ފެންނަ ޕޯސްޓްތަކެއް ސޯޝަލް މީޑިއާގައި އާންމުވި ހިސާބުންނެވެ.
މިކަމެއް ހިންގާފައި ވަނީ ވެރިރަށް ކޮޅުނބުގެ އިރުން، ގާތްގަނޑަކަށް 300 ކިލޯމީޓަރު ދުރުގައި އޮންނަ އެރަވޫރު އަވަށުގައި ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން މަގުމަތީގައި ކުޑަކަކޫ ޖަހައިގެން އިށީނދެ، ދެއަތް މައްޗަށް ނެގުމަށް މުސްލިމު، އާންމު ރައްޔިތުންނަށް، އަސްކަރީ ސިފައިން މަޖުބޫރު ކުރާ ކަމަށްވެއެވެ.
އެ ސަރަހައްދުގެ ރައްޔިތުން ވަނީ، މިއީ ދަށު ދަރަޖައިގެ އަދި ރައްޔިތުންގެ އަގު ވައްޓާލުމުގެ އަމަލެއް ކަމަށް ސިފަކޮށްފައެވެ. މީގެ އިތުރުން އޮފިޝަލުންވެސް ވަނީ، އަސްކަރީ ސިފައިންނަކީ، މިފަދަ އަދަބުތަކެއް ދިނުމުގެ ބާރާއި އިމްތިޔާރު ލިބިގެންވާ ބައެއް ނޫން ކަމަށް އެއްބަސްވެވަޑައިގެންފައެވެ.
ކުޑަކަކޫ ޖައްސުވާ، ދެއަތް މައްޗަށް އުފުލުވައިގެން އަދަބު ދިނުމުގެ ޝިކާރައަކަށް ވީ މީހުންނަކީ، ކާބޯތަކެތި ގަތުމަށް 2 ރެސްޓޯރަންޓަކަށް ދިޔަ މީހުން ކަމަށް މައުލޫމާތު ލިބެއެވެ.
ސްރީލަންކާގެ އަސްކަރިއްޔާއިން އާންމު ކުރި ބަޔާނަކާ ހަވާލާދީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، މިކަމާ ގުޅިގެން، ހަވާލުވެ ހުރި އޮފިސަރު ވަނީ މަގާމުން އެކަހެރިކޮށްފައެވެ. އަދި އަމަލު ހިންގި ސިފައިން، އަވަށް ދޫކޮށް ދިއުމަށް އަމުރު ކޮށްފައި ވާ ކަމަށް ހަބަރު ލިބެއެވެ. އަދި ކަމުގައި ޝާމިލުވާ ހުރިހާ ސިފައިންނަކާ ދެކޮޅަށް، ސުލޫކީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދޭނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19ގެ 3 ވަނަ ރާޅަކާއެކު، ސްރީލަންކާގައި ލޮކްޑައުންގެ އަމުރު ތަންފީޒު ކުރަމުން އަންނަތާ މިހާރު މަހެއްވެއްޖެއެވެ. ކޭސް ނަންބަރު މައްޗަށް ދިއުމުގެ އިތުރުން، މިދިޔަ އޭޕްރިލް އިން ފަށައިގެން މި ބަލީގައި ލަންކާއިން މަރުވި މީހުންގެ އަދަދުވެސް ވަނީ 4 ގުނަ އިތުރުވެފައެވެ.