ދުވަސް ނުފުރާ ވިހޭ އެންމެ ހަގު ކުއްޖާގެ ގޮތުގައި ސިފަކުރަމުން އައި ރިޗާޑް ސްކޮޓް ވިލިއަމް ހަޗިންސަން، އަނެއްކާވެސް ދުނިޔެ ސިއްސުވާލާ، ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.

ރިޗާޑް އުފަންވީ، ދުވަސް ފުރުމުގެ 5 މަސްދުވަސް ކުރިންނެވެ. އޭރު އޭނާގެ ހަށިގަނޑުގެ ބަރުދަނުގައި އެންމެ ޕައުންޑެއްވެސް ހަމަނުވެއެވެ. އޭނާ މުޅި ދުނިޔެއަށް އުއްމީދު އާ ކޮށްދިނީ، އޭނާގެ 1 އަހަރުގެ އުފަން ދުވަސް ފާހަގަ ކޮށްގެންނެވެ. މިއާއެކު މިހާރު އޭނާއަކީ ގިނިސް ވޯލްޑް ރެކޯޑް ހޯލްޑަރެއްވެސްމެއެވެ. އެއީ ދިރިހުރި ކުދިންގެ ތެރެއިން، އެންމެ ހަގުކޮށް އުފަންވި ކުއްޖާގެ ޝަރަފެވެ.

މިނެސޯޓާގެ ކުޑަކުދިންގެ ހޮސްޕިޓަލަށް ރިޗާޑް އުފަންވިއިރު، ޑޮކްޓަރުން ދިޔައީ މަންމައަކާ ބައްޕައަށް ކުރިމަތިލާން ޖެހިދާނެ އެންމެ ހިތްދަތި ދުވަހަށް އެ ދެމަފިރިން ތައްޔާރު ކުރަމުންނެވެ. ސްކޮޓް ދުވަސް ނުފުރާ ވިހާފައި ވަނީ، އޭނާގެ މަންމައަށް ކުރިމަތިލާން ޖެހުނު ސިއްހީ މައްސަލަތަކެއްގެ ސަބަބުންނެވެ.

ރިޗާޑް ސްކޮޓް ވިލިއަމް ހަޗިންސަން 1 އަހަރުގެ އުފަން ދުވަހުގެ ކޭކާއެކު / ފޮޓޯ: ގިނިސް ވޯލްޑް ރެކޯޑްސް

ދުވަސް ފުރުމުގެ 131 ދުވަސް ކުރިން މި ދުނިޔެއަށް ރިޗާޑް އުފަންވިއިރު އޭނާގެ ބަރުދަނުގައި ހުރީ 11.9 އައުންސެވެ. އަދި އަތްތިލައިގެ މަތީގައި އޭނާ ބާއްވާލެވޭ ކަމަށްވެއެވެ.

ހޮސްޕިޓަލުގެ ނިއޯނޭޓޮލޮޖިސްޓް، ޑރ ސްޓޭސީ ކާން ވަނީ، އެހާ ޅަ އުމުރުގައި އުފަން ވުމުން، ދިރިހުރުމަށް އޮތީ 0 ޕަސެންޓްގެ ފުރުސަތެއް ކަމަށް ރިޗާޑްގެ މައިންބަފައިންނަށް އަންގާ، އެކަމަށް ކައުންސިލިން ދީފައެވެ.

ރިޗާޑް އުފަންވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމުން، ރިޗާޑްއާއެކު ހޮސްޕިޓަލުގައި މަޑު ކުރުމުގެ ފުރުސަތެއް، އޭނާގެ މައިންބަފައިންނަކަށް ނުލިބުނެވެ. އަދި ޒިޔާރަތް ކުރުމުގެ ފުރުސަތުން، އެ އާއިލާގެ އެހެން މެންބަރުންވެސް މަހްރޫމުވިއެވެ.

ހޮސްޕިޓަލުގައި 6 މަހަށް ވުރެ ގިނަ ދުވަސް ހޭދަ ކުރުމަށްފަހު، ހާލު ރަނގަޅުވެ، ރިޗާޑްއަށް އޭނާގެ އާއިލާ ގާތަށް ދެވުނީ މިދިޔަ ޑިސެންބަރު މަހުއެވެ.