ބުރަކޮށް މަސައްކަތުގައި އުޅުމަށް ފަހު އެތައް "ޓެންޝަން" ތަކެއް ސިކުނޑީގައި މަސްހުނިވެފައިވާ ވަގުތުތަކުގައި ހިތްހަމަޖައްސާލުމަށް ލަވައެއް އަޑުއަހާލާ މީހުން މަދެއް ނޫނެވެ. އެގޮތުން މިއަދަކީ މިއުޒިކަށް ލޯބި ކުރާ މީހުންނަށާއި މިއުޒިކް ދައިރާގައި މަސައްކަތް ކުރާ ފަންނާނުންނަށް ހާއްސަ ދުވަހެކެވެ.

1982 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިއުޒިކް ދުވަހުގެ ގޮތުގައި ކުލަގަދަކޮށް މި ދުވަސް އައީ ފާހަގަ ކުރަމުންނެވެ. ދުނިޔޭގެ މިއުޒިކް ދުވަހެއްގެ ގޮތުގައި ފާހަގަ ކުރާ މިދުވަހަށް މި އަހަރު ހާއްސަކޮށްފައިވާ ޝިއާރަކީ "މިއުޒިކް އެޓް ދި އިންޓަސެކްޝަންސް" އެވެ. މި ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން ބުނީ، މި ދުވަހާ ގުޅިގެން ހުރިހާ މިއުޒިކީ ފަންނާނުންނަށް ތަހުނިޔާ އަރިސްކުރާ ކަމަށެވެ.

ކޮވިޑް ބަލިމަޑުކަން އައިސްފައިވާ މި ދަނޑިވަޅުގައި ގިނަ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ އެތައް ބަޔަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އިރު މިއުޒިކް ފަންނާނުންނަށް ވެސް މިވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ގިނަ ފަންނާނުންނަކީ އެކި ކަހަލަ ޝޯވްތައް ހުށަހަޅާ ފަންނާނުންނެވެ. ހާއްސަކޮށް ރާއްޖޭގައި މި ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަންނާނުން އާމްދަނީ ހޯދަމުން އަންނަނީ ރިސޯޓް މިއުޒިކް ޝޯވްތަކުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

މިވަގުތު ހާލަތު ހުރި ގޮތުން ގިނަ ފަންނާނުންގެ މަސައްކަތް މިވަނީ ހުއްޓިފައެވެ. އާންމުން އެއްތަނަކަށް އެއްވެ އުޅުން ހުރަހަކަށް ވެފައި ވުމުން މިއުޒިކް ފަންނާނުންނަށް މިވަގުތު މިވަނީ ގޭގައި ތިބެ ހަމައެކަނި ރެކޯޑިންތަކަކުން އާމްދަނީ ހޯދަން މަޖުބޫރުވެފައެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ޝަލަބީ ޝޯއެއްގައި

ނަމަވެސް ބައެއް ފަންނާނުން އަންނަނީ އޮންލައިން ޕްލެޓްފޯމްގައި އެ ފަންނާނުންގެ ހުނަރު ދައްކާލަމުންނެވެ. އެތައް ބަޔަކު ބޭނުން ކުރަމުން އަންނަ މުނިފޫހި ފިލުވާ އެޕްލިކޭޝަން ޓިކްޓޮކް އިން ވެސް ރާއްޖޭގެ އެތައް މިއުޒިކް ފަންނާނުންގެ ވީޑިއޯތައް ފެންނަ އިރު އެ ފަންނާނުންގެ އާ ލަވައެއް އަޑުއަހާލުމުގެ އިންތިޒާރުގައި ތިބި އެތައް ފޭނުން ތަކެއް ތިބީ ކެތް މަދުވެފައެވެ.

ޓިކްޓޮކްގައި ދިވެހި މިއުޒިކް ފަންނާނުންގެ ތެރޭގައި އެންމެ މަގުބޫލުކޮށް ފެންނަ ފަންނާނުންގެ ތެރޭގައި ހިމެނެނީ މެޒޯ މުހައްމަދުގެ ދަރިފުޅު މީރާ މުހައްމަދު މާޖިދާއި މޯލްޑިވިއަން އައިޑަލް އިން މަޝްހޫރުކަން ހޯދި އިބްރާހިމް ޝަލަބީއެވެ.