ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ 3 ވަނަ ރާޅެއް، އިންޑިއާއަށް ނާރާ ނުދާނެ ކަމަށާ، ކުރިއަށް އޮތް 6-8 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ރާޅު އެރުމުގެ ފުރުސަތު އެބައޮތް އޮކަމަށް އެއިމްސްގެ ޗީފް، ޑރ ރަންދީޕު ގުލޭރިއާ އިންޒާރު ކުރައްވައިފިއެވެ.
މި ދަނޑިވަޅަކީ ދުނިޔެ ސިއްސުވާލި ކޮވިޑްގެ ތޫފާނާ ގުޅިގެން އިންޑިއާއިން ތަންފީޒު ކުރަމުން ދިޔަ ހަރުކަށި ފިޔަވަޅުތަކަށް، އެ ގައުމުގެ އެކި ސަރަހައްދުތަކުން ލުއި ދޭން ފަށާފައި ވާ ދަނޑިވަޅެކެވެ. އަދި އެ ގައުމުގެ ވެކްސިން ކެމްޕޭންވެސް އެދެވޭ ރޫހެއްގައި ކުރިއަށް ނުގޮސް، މަޑުޖެހިފައި ވާ ދަނޑިވަޅެކެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ބައެއް ފިޔަވަޅުތަކަށް ދޫ ދޭން ފަށާފައި ވާއިރު، މި ބަލިން ސަލާމަތް ވުމަށްޓަކާ ކޮންމެހެން އަމަލުތައް ބަހައްޓަންޖެހޭ އުސޫލާ ހިލާފަށް މީހުން އުޅެމުންދާ މަންޒަރުވެސް އިންޑިއާއިން ދަނީ ފެންނަމުންނެވެ. އެގޮތުން، މާސްކާއި ސެނިޓައިޒާ ފަދަ އުފެއްދުންތަކަށް އޮތް ޑިމާންޑްވެސް މިހާރު ދަށަށް ގޮސްފައި ވާ ކަމަށް ހަބަރު ލިބެއެވެ.
ޑރ ގުލޭރިއާ ވިދާޅުވީ ކޮވިޑްގެ ފުރަތަމަ ރާޅާއި ދެވަނަ ރާޅުން އިންޑިއާގެ މީހުންނަށް ދަސްވި ފިލާވަޅެއް ނެތް ކަމަށެވެ. އެއްވުންތައް ބާއްވަމުން އަންނަ ކަމަށާ، މިކަމުގެ ސަބަބުން ކޭސް ނަމްބަރުތައް ގައުމީ ފެންވަރުގައި އިތުރު ވަމުން އަންނަ ކަމަށްވެސް ޑރ ގުލޭރިއާ ވިދާޅުވިއެވެ. އެހެން ކަމުން 3 ވަނަ ރާޅެއް ނައިސް ނުދާނެ ކަމަށް ޑރ ގުލޭރިއާ އިންޒާރު ކުރެއްވިއެވެ. މި ހުރިހާ ކަމެއް ބަރޯސާ ވަނީ ކޮވިޑް-19އާއެކު ދިރިއުޅުމުގެ އާދަތައް ބައްޓަން ކުރާ ގޮތެއްގެ މައްޗަށް ކަމަށްވެސް ޑރ ގުލޭރިއާ ވަނީ ވިދާޅުވެފައެވެ.