މިޔަންމާގައި މިހާރު ގަދަބާރުން ވެރިކަން ހިންގަމުން އަންނަ އެ ގައުމުގެ އަސްކަރީ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމުގައި ކަނޑައަޅާ، މިޔަންމާއަށް ހަތިޔާރު އެތެރެ ކުރުން ހުއްޓުވުމަށް ބާރު ދޭ ގޮތަށް، އދއިން އެކުލަވާލާ، އާންމު މަޖިލީހުގައި ވޯޓަށް އެހި ގަރާރުގައި ބަސް ބުނުމަށް އިންޑިއާ އިންކާރު ކޮށްފިއެވެ.

މި ގަރާރު ފާސް ކުރުމަށް އދގެ އާންމު މަޖިލީހުގައި ކުރިއަށް ގެންދިޔަ ވޯޓުގައި ރަޝިއާއާއި ޗައިނާއާ ބައިރިވެ، އިންޑިއާއިން ވަނީ ވަކި ގޮތަކަށް ވޯޓު ނުދޭން ނިންމާފައެވެ.

119 ގައުމުގެ ތާއީދާއެކު އދގެ އާންމު މަޖިލީހުން ބަލައިގަތް މި ގަރާރާ ގުޅިގެން ވަކި ގޮތަކަށް ވޯޓު ނުދޭން އިންޑިއާއިން ނިންމި ސަބަބެއް ކަމަށް އިންޑިއާގެ ސަރުކާރުން ބުނަނީ، މި ގާރާރަކީ ލައިނުގަނެގެން އެކުލަވާލާފައިވާ ގަރާރަކަށް ވުން ކަމަށެވެ. އަދި މިކަން ކޮށްފައި ވަނީ މިޔަންމާގެ އަވަށްޓެރި ގައުމުތަކާ، ސަރަހައްދީ ގައުމުތަކާއެކު، އެކަށީގެންވާ ގޮތެއްގައި މަޝްވަރާ ކުރުމަކާ ނުލާ ކަމަށްވެސް އިންޑިއާގެ ސަރުކާރުން ބުނެއެވެ.

ފެބުރުއަރީ މަހު އަސްކަރިއްޔާއިން ބަޣާވާތްކޮށް މިޔަންމާގެ ކޮންޓްރޯލް ނެގި ފަހުން މިހާތަނަށް އެކުލަވާލި އެންމެ ވަރުގަދަ ގަރާރު ކަމަށް ގިނަ ބަޔަކު ސިފަ ކުރަމުން އަންނަ މި ގަރާރު ބަލައިގަތުމަށް އިންޑިއާއިން ވަކި ގޮތަކަށް ވޯޓު ނުދިން އިންޑިއާއިން ދިފާއަށް ވާހަކަދައްކަމުން ބުނެފައި ވަނީ، މި ގަރާރަކީ އިންޑިއާގެ ތަސައްވުރު ރަމްޒުކޮށްދޭ ގަރާރެއް ނޫން ކަމަށެވެ. އަދި މިއީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް އޮތް އެހީއެއް ނޫން ކަމަށްވެސް އިންޑިއާއިން ބުނެއެވެ.

މިޔަންމާ ގަރާރު ބަލައިގަތުމަށް އާންމު މަޖިލީހުގައި ކުރިއަށް ގެންދިޔަ ވޯޓުގައި ވަކި ގޮތަކަށް ވޯޓު ނުދީ، ހަވާސާވީ 36 ގައުމުގެ ތެރޭގައި ނޭޕާލް، ބަންގްލަދޭޝް އަދި ބޫޓާންވެސް ހިމެނެއެވެ. މިޔަންމާއާ ޗައިނާއާ ދެމެދު އޮންނަ ގުޅުމަށް ރިއާޔަތް ކޮށް، މިޔަންމާގެ ކަންކަމުގައި އިންޑިއާއިން އަމަލު ކުރަމުން ދަނީ މުއްބާރު އުސޫލެއްގެ ދަށުންނެވެ.