ހައްސާސީ ހަތަރު އަނގޮޅިއެއްގައި އޮތް އީރާނުގައި މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ، ކުރިންވެސް ލަފާ ކޮށްފައި ވާ ފަދައިން، އެ ގައުމުގެ ޖުޑީޝަރީގެ އިސްވެރިޔާ އިބްރާހީމް ރައީސީއެވެ.

އީރާނުގެ އެންމެ އިސް، ރޫހީ ލީޑަރު، އާޔަތުއްލޯ އަލީ ހާމަނާއީގެ ފުރިހަމަ ތައީދު ކަށަވަރު ކުރައްވައިގެން ހުންނެވި ރައީސީއަކީ އީރާނުގެ ހަރުކަށި އިންގިލާބީ ފިކުރުގެ ތާއީދުވެސް އޮތް ބޭފުޅެކެވެ. މެދު މިނުގެ ފިކުރަށް ތާއީދު ކުރައްވާ މިހާރުގެ ރައީސް، ހަސަން ރޫހާނީގެ ރިޔާސީ ދައުރު ހަމަވެ، އޯގަސްޓް މަހު، އާ ސަރުކާރު ހުވާ ކުރުމާ ހިސާބަށް، ރައީސީ ދެމި ހުންނަވާނީ މިހާރު ހުންނެވި، އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައެވެ.

ހާމަނާއީ ފަދައިން ބޮލުގައި ކަޅު ފަގުޑިއެއް އަޅުއްވައިގެން ހުންނަވާ، އުމުރުފުޅުން 60 އަހަރުގެ ރައީސީއަކީ، އެންމެ ފަހުގެ ރަސޫލާ، މުޙައްމަދު صلى الله عليه وسلم ގެ ވަންހަކޮޅަށް ނިސްބަތްވެވަޑައިގަންނަވާ "ސައްޔިދު ބޭކަލެއް" ކަމަށް އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވެއެވެ. އުމުރުފުޅުން 82 އަހަރުގެ ހާމަނާއީ އަވަހާރަވުމުން، އީރާނުގެ ރޫހީ ލީޑަރު ކަމުގެ މަގާމަށް ވަޑައިގަންނަވާނީވެސް ރައީސީ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ޖޫން 18، 2021 ގައި އީރާނުގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހީމް ރައީސީއަކީ ރޫހީ ލީޑަރު އާޔަތުއްލޯ އަލީ ހާމަނާއީގެ އަރިސް ބޭފުޅެއް / ފޮޓޯ: މިޑްލް އީސްޓް އޮބްޒާވާ

1979ގެ އިންގިލާބުގެ ކުރި

ރައީސީ އުފަންވެވަޑައިގަތީ އީރާނުގެ އިރުތުރުގެ މަޝްހަދޭ ކިއުނު ސަރަހައްދަށެވެ. އެއީ ޝީއީ މުސްލިމުންގެ ފިކުރު ވަރުގަދައަށް ފެތުރިފައިވާ ސިޓީއެކެވެ. އިމާމުންގެ އާއިލާއަކަށް އުފަންވެވަޑައިގެންނެވި ރައީސީ ވަނީ ދީނީ ތައުލީމު ހާސިލު ކުރައްވާފައެވެ. އުމުރުން އެންމެ 15 އަހަރުގައި ގޯމްއަށް ވަޑައިގެން، ތަފާތު އެކި، އިލްމުވެރިންގެ ދަށުން އިލްމު ހާސިލު ކުރެއްވިއެވެ. ރައީސީގެ އުސްތާޒުންގެ ތެރޭގައި ހުދު، ހާމަނާއީވެސް ހިމެނިވަޑައިގަންނަވައެވެ.

ހުކުރު ދުވަހުގެ އިންތިހާބަށް ހާއްސަކޮށްގެން އޮތް ރިޔާސީ ބަހުސްގައި، ރައީސީގެ ތައުލީމީ ފެންވަރުގައި އާންމު ނިޒާމުގެ ތެރެއިން ގުރޭޑް 6 އެއްގެ ފެންވަރު ކަމަށް ވަކާލާތު ކުރެވުމާއެކު، ރައީސީ ވަނީ އެކަން ދިފާއު ކުރައްވާފައެވެ. އެގޮތުން، ދީނީ ތައުލީމުގެ އިތުރުން އޭނާއަކީ ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ފަރާތެއް ކަމަށް ރައީސީ ވަނީ ވިދާޅުވެފައެވެ.

ޖޫން 18، 2021 ގައި އީރާނުގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހީމް ރައީސީ / ފޮޓޯ: ޓައިމްސް އޮފް އިޒްރޭލް

ރައީސީ ގައުމަށް ވަޑައިގަތީ އީރާނުގައި އިސްލާމީ ޖުމްހޫރިއްޔަތެއް ގާއިމު ކުރުމަށް މަގުފަހި ކުރުވި 1979 ވަނަ އަހަރުގެ އިންގިލާބުގެ މަދު އަހަރުކޮޅެއް ކުރިންނެވެ. އޭރު، އީރާނުގެ ގިނަ ބަޔަކު ތިބީ، މުހައްމަދު ރިޒާ ޝާހް ޕަހްލާވީގެ ވެރިކަމުގެ ހިންގުމުގެ ނިޒާމާ މެދު އިންތިހާއަށް ހިތްހަމަނުޖެހިފައެވެ.

ޝާހް އަރުވާލުމާ، ރޫހީ ލީޑަރު އާޔަތުއްލޯ ރޫހުއްލޯ ހުމައިނީގެ ލީޑަރުކަމުގެ ދަށުން އިމާމީ ވެރިކަމެއް ގާއިމު ކުރުމަށް މަގުފަހި ކުރުވުމުގައި، ރައީސީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

1979ގެ އިންގިލާބުގެ ފަސް

އިންގިލާބަށް ފަހު ރައީސީ ގުޅިވަޑައިގަތީ އީރާނުގެ ހުޅަނގުދެކުނުގެ މަސްޖިދު ސުލައިމާންގެ ޕްރޮސެކިއުޓަރުގެ އޮފީހާއެވެ. އޭގެ ފަހުން، ޝަރުއީ އެކި ދާއިރާތަކުގައި ޕްރޮސެކިއުޓަރެއްގެ ގޮތުގައި 6 އަހަރު ދުވަހު ތަޖުރިބާ ހޯއްދެވިއެވެ.

ބޮޑު ކުރިއެރުމެއް ފެނިގެން ދިޔައީ އީރާނުގެ ވެރިރަށް ތެހްރާންއަށް ރައީސީގެ ދިރިއުޅުއްވުން ބަދަލު ކުރެއްވި ހިސާބުންނެވެ. އެއީ 1985 ގައެވެ. ރައީސީ ތެހްރާންއަށް ބަދަލުވެވަޑައިގަތީ ޑެޕިއުޓީ ޕްރޮސެކިއުޓަރެއްގެ ގޮތުގައެވެ.

ޖޫން 18، 2021 ގައި އީރާނުގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހީމް ރައީސީ / ފޮޓޯ: ޓައިމްސް އޮފް އިޒްރޭލް

އޭގެ 3 އަހަރު ފަހެވެ. އީރާން-އީރާގު ހަނގުރާމަ ނިމުނުތާ މަސްތަކެއް ފާއިތުވެއްޖެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، ސިޔާސީ ގައިދީން ސިއްރިއްޔާތުގައި މެރުމާއި، އެ ފަދަ ފަރާތްތައް ނިޒާމުން ގެއްލުވާލުމުގެ ފަހަތުގައި އޮތް "މަރު ކޮމިޝަން"ގައި ރައީސީގެ އަތެއް އޮތެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު

ރައީސީއަކީ އެމީހަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން އީރާނުގެ ރައީސް ކަމާ ހަވާލުވެވަޑައިގަންނަވާނެ ފުރަތަމަ ޝަހްސުވެސްމެއެވެ. އާންމު މުޒާހަރާތަކާ ދެކޮޅު ހަރަކާތްތަކާ، ގިނަ އަދަދެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރެއްވި ކަމުގެ ކުށުގެ ތުހުމަތުގައި، އެމެރިކާއިން ރައީސީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

ޖޫން 18، 2021 ގައި އީރާނުގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހީމް ރައީސީ / ފޮޓޯ: ފްރާންސް 24

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ، އިންސާނިއްޔަތާ ދެކޮޅު ޖަރީމާ ހިންގި ކަމުގެ ކުށުގެ ދައުވާއާ ރައީސީ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގޮވާލާފައެވެ.

އީރާނުގައި ރައީސީގެ ނުފޫޒު

އީރާނުގެ ރޫހީ ލީޑަރު ކަމަށް، 1989 ވަނަ އަހަރު ހާމަނާއީ އިސްކުރެވުނު ހިސާޞުން، އީރާނުގެ ޝަރުއީ ނިޒާމުގެ ތެރޭގައި ރައީސީގެ ނުފޫޒު ދިޔައީ ގަދަ ކުރައްވަމުންނެވެ. ތެހްރާންގެ ޕްރޮސެކިއުޓަރުގެ މަގާމުގެ އިތުރުން، ޖެނެރަލް އިންސްޕެކްޝަން އޯގަނައިޒޭޝަންގެ އިސްވެރިޔާގެ މަގާމުގެ އިތުރުން 2014 ވަނަ އަހަރުގެ ނިޔަލަށް ފާއިތުވީ 10 އަހަރު، އީރާނުގެ އުއްތަމަ ފަނޑިޔާރުގެ ނައިބުގެ މަގާމުގައިވެސް ހުންނެވީ ރައީސީއެވެ.

އީރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް ނުވަތަ ތަޖުރިބާކާރުންގެ މަޖިލީހަށް ރައީސީ އިންތިހާބު ކުރެވުނީ 2006 ވަނަ އަހަރުގެ ތެރޭގައެވެ. މި މަޖިލީހަކީ އީރާނުގެ ރޫޙީ ލީޑަރު އަވަހާރަވެއްޖެ ހިނދެއްގައި އެ މަގާމަށް އަންނާނެ ޝަހްސެއް ކަނޑައެޅުމުގެ ޒިންމާއާ މަތިކޮށްފައިވާ މަޖިލީހެކެވެ. އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގެ އިތުރުން، މި ދެންނެވުނު މަޖިލީހުގައި އަދިވެސް ރައީސީ އިންނަވައެވެ.

ޖޫން 18، 2021 ގައި އީރާނުގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހީމް ރައީސީ / ފޮޓޯ: ފްރާންސް 24

2014 ވަނަ އަހަރު، އީރާނުގެ ބަންޑާރަ ނައިބު ކަމުގެ މަގާމަށް ރައީސީ ޕްރޮމޯޓް ކުރެވުނެވެ. އަދި 2016 ވަނަ އަހަރުގެ ނިޔަލަށް އެ މަގާމުގައި އޭނާ ހުންނެވިއެވެ. ދެންވެސް ފެނިގެންދިޔައީ ހަރުގަނޑުގެ ކުރިއަށް ރައީސީ އަރާވަޑައިގަންނަވާ މަންޒަރެވެ.

ރިޔާސީ އަމާޒު

އީރާނުގެ ރިޔާސީ ރޭހުގައި ރައީސީ ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަތީ 2017 ވަނަ އަހަރުއެވެ. ހުޅަނގުގެ ބާރުތަކާ ގާތް ގުޅުމެއް ދަމަހައްޓަވާ، އީރާނުގެ ތާރީހީ ނިއުކްލިއާ އެއްބަސްވުން 2015 ވަނަ އަހަރު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ރޫހާނީއާ ދެކޮޅަށެވެ. އެ ފަހަރުގެ އިންތިހާބުގައި ރައީސީއަށް ކަށަވަރު ކުރެއްވުނީ 16 މިލިއަނަށްވުރެ މަދު ވޯޓުކޮޅެއް ކަމަށް ހަބަރު ލިބެއެވެ. އެއި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ 73 ޕަސެންޓް މީހުން ބައިވެރިވި އިންތިހާބުގެ އެންމެ 38 ޕަސެންޓްއެވެ.

ކުޑަ މެދުކެނޑުމަކަށް ފަހު އަނެއްކާވެސް ފެނުނީ ހަރުފަތުގެ އުސްމިނަށް ރައީސީ ވަޑައިގަންނަވާ މަންޒަރެވެ. ހާމަނާއީގެ މޭސްތިރިކަމުގެ ދަށުން، އީރާނުގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް 2019 ވަނަ އަހަރު ރައީސީ އިސްކުރެއްވިއެވެ. މި މަގާމުގެ ބޭނުން ރައީސީ ހިއްޕެވީ، އޭނާގެ ޝަހްސުގެ ތަސްވީރު ބިނާ ކުރެއްވުމަށެވެ. ކޮރަޕްޝަނާ ދެކޮޅު ބޭފުޅެއްގެ ގޮތުގައެވެ. މި މޭރުމުން ރައީސީ ވަނީ ސަރުކާރާއި ޝަރުއީ ދާއިރާގެ ޝަހްސުންނާ ދެކޮޅަށް ޝަރީއަތް ހިންގަވަފައެވެ.

އީރާންގެ ރިޔާސީ އިންތިހާބު 2021 ގައި ކުރި ހޯއްދެވީ ޖުޑީޝަރީ ޗީފް، އިބްރާހީމް ރައީސީ / ފޮޓޯ: ޝިކާގޯ ސަން ޓައިމްސް

ރައީސީ އަނެއްކާވެސް ރިޔާސީ ކެމްޕޭން ފެއްޓެވިއެވެ. އަދި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އިންދަޖެހިފައި އޮތް އީރާނު ނަގަހައްޓާނެ ކަމުގެ ހުވަފެނީ އަޒުމުތައް ވަރުގަދަ ކުރައްވަމުން ގެންދެވިއެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި ތާރީހީ ނިއުކްލިއާ އެއްބަސްވުމާ މީގެ ކުރިން ދެކޮޅު ހެއްދެވި ރައީސީ ވަނީ، މިފަހަރު އެ އެއްބަސްވުން ނަގަހައްޓަވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ރަނގަޅު މިސްރާބަކަށް އެއްބަސްވުން އަނބުރާލެވޭ ފަދަ ވަރުގަދަ ސަރުކާރެއް އެކުލަވާލައްވާނެ ކަމަށް ރައީސީ ވަނީ ވިދާޅުވެފައެވެ.

ގޮންޖެހުންތައް ގިނަ

އީރާނުގެ ރައީސް ކަމުގެ މަގާމަށް ރައީސީ އިންތިހާބުވެވަޑައިގެންފައި ވާ މި ދަނޑިވަޅަކީ، ބޮޑެތި ގޮންޖެހުންތަކެއް އީރާނަށް ކުރިމަތިވެފައިވާ، ހައްސާސީ ދަނޑިވަޅެކެވެ.

އީރާންގެ ރިޔާސީ އިންތިހާބު 2021 ކާމިޔާބު ކުރެއްވި ޖުޑީޝަރީ ޗީފް، އިބްރާހީމް ރައީސީ / ފޮޓޯ: ފްރާންސް 24

83 މިލިއަން މީހުންގެ އާބާދީއެއް އޮތް އީރާނުގައި ވަޒީފާ ނެތް މީހުންގެ އަދަދު އިންތިހާއަށް ގިނައެވެ. ބާޒާރުގައި ތަކެތީގެ އަގުތައް އެހާމެ ބޮޑެވެ. ބަޖެޓް އޮތީ ދަރަނީގައެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ނުރައްކާވެސް ދެމި އޮތީއެވެ.

ރައީސީ ވަނީ އަހަރަކު 1 މިލިއަން ވަޒީފާ އުފައްދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަލަށް ކައިވެނި ކުރާ ދެމަފިރިންނަށް ހާއްސަކޮށްގެން ހައުސިންގް ލޯނު ދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މި ހުރިހާ ކަމެއްގައި މާލީ ކަންކަން ހިންގަވާނީ ދެފުށްފެންނަ އުސޫލަކުން، ކޮރަޕްޝަނާ ދެކޮޅަށް ކަމަށްވެސް ރައީސީ ވަނީ ވައުދުވެވަޑައިގެންފައެވެ.