6 މެއިގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހިންގާ ތަހުގީގުގައި ހަމަ އެކަނި ދީނީ ހަރުކަށި ފިކުރަށް އެކަނި އަމާޒުކޮށްގެން ތަހުގީގު ކުރިއަށް ނުގެންދިޔުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން މިހެން ބުނީ ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވުމަށް އެމްޑީޕީން އުފައްދާފައިވާ 6 މެއި ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމު ގައެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ މެންބަރު ހަސަން އަފީފް ވިދާޅުވީ، ރައީސް ނަޝީދަށް ދިން މި ހަމަލާއަކީ އާދައިގެ ހަމަލާއެއް ނޫން ކަމަށާއި އެއީ މާލޭގެ ކާރުބާރު ބޮޑު މަގެއްގައި އެންމެ ގިނައިން މީހުން އުޅޭ ވަގުތެއްގައި ދިން ހަމަލާއެއް ކަމަށެވެ. އެއީ ރާއްޖޭގެ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށާއި އަދި އެރޭ މަޖީދީ މަގުގައި ބޮމެއް ގޮއްވާލި އިރު މާދަމާ ގޮއްވާލާނީ ކޮންތާކު ކަމެއް ނޭނގޭ ކަމަށް އަފީފް ވިދާޅުވިއެވެ.
ހައްޔަރު ކުރި މީހުންނަކީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބައެއް ކަމަށް ބުނެފައިވާ އިރު ވަކި ބަޔަކަށް ނެރޯ ޑައުންކޮށްގެން ތިބެވެން ނެތް ކަމަށް އަފީފް ވިދާޅުވިއެވެ. މި މައްސަލައިގައި ފަންޑް ކުރި ބަޔަކާއި މިކަން ކުރަން އެހީތެރިވި ބަޔަކު ވެސް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހިންގާ ތަހުގީގުގެ ކަންކަން ބެލުމަށް ރައްޔިތުން މަޖިލީހުގެ 241 ކޮމެޓީއާ އެކު ބައްދަލު ކުރުމަށް މިހާރު ވާނީ ސިޓީއެއް ފޮނުވާފައި ކަމަށްވެސް އޭނާ ވިދާޅުވެއެވެ.
އަފީފް ވިދާޅުވީ، އެމްޑީޕީން އުފެއްދި 6 މެއި ކޮމިޓީއަކީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަަލަ ތަހުގީގު ކުރަމުންދާ ގޮތް ގާތުން ބެލުމަށާއި އެމަނިކުފާނަށް އިންސާފު ހޯދައި ދިނުމަށް އުފައްދާފައިވާ ކޮމެޓީއެއް ކަމަށެވެ. އަދި މި މައްސަލައިގައި ކުރާ ތަހުގީގަށް ހުރަސް ނޭޅޭ ގޮތަށް އެ ކޮމިޓީއަށް ލިބޭ މައުލޫމާތުތައް އާންމުންނަށާއި އެ ޕާޓީގެ މެންބަރުންނަށް ފޯރުކޮށް ދޭނެ ކަމަށް އަފީފް ވިދާޅުވިއެވެ.
އަދި އެ ކޮމިޓީއަށް ސީދާ ރައީސް ނަޝީދު އިތުރު މެންބަރެއް އައްޔަން ކުރައްވަން ނިންމާފައިވާ ކަމަށް އަފީފު ވިދާޅުވިއެވެ. އެގޮތުން ނަޝީދު ހޯއްދަވަނީ ކޮމަންވެލްތްގެ ކޮންމެ ވެސް ގައުމެއްގައި މިފަދަ މަސައްކަތްތައް ކުރައްވާފައި ވާ ބޭފުޅެއް ކަަމަށް އަފީފް ވިދާޅުވިއެވެ.
އެ ކޮމެޓީން ބުނީ މަޖިލީހުގެ 241 ކޮމެޓީގެ އިތުރުން ފުލުހުންނާއި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިންޓެލް އޮޑިޓާ ބައްދަލު ކުރަން ވެސް ސިޓީ ފޮނުވާނެ ކަމަށެވެ. އަދި އެމްއެންޑީއެފްއާއި ހިއުމަން ރައިޓްސް ކޮމިޝަނާ ވެސް ބައްދަލު ކުރަން ބޭނުންވާ ކަމަށާއި ރައީސް ސޯލިހާ ވެސް ބައްދަލު ކުރަން ބެނުންވާ ކަމަށް އަފީފް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން މި މައްސަލަ ތަހުގީގު ކުރާ ގޮތް ބެއްލެވުމަށް ނަންގަވާފައިވާ މަންދޫބާ ވެސް ބައްދަލު ކުރުމަށް އެ ކޮމިޓީން ނިންމާފައިވާ ކަމަށް ވެސް އަފީފް ވިދާޅުވިއެވެ. އަދި މި ފަރާތްތަކާ ބައްދަލު ކުރުމަށް ބޭނުންވާ އެޕޮއިންޓްމަންޓް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.