ފެބުރުއަރީ 2021 ގެ ބަޣާވާތަށް ފަހު ހަމަނުޖެހުންގަނޑު ގަދަވެފައިވާ މިޔަންމާގެ އަވަށެއް އަންދާ އަޅިއަށް ހަދައިފިއެވެ.

މިޔަންމާގެ މެދު ތެރޭގައި އޮންނަ އަވަށެއް ކަމަށްވާ ކިން މާ އަވަށް އަންދާ އަޅިއަށް ހަދާފައި ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކާ، މިޔަންމާ ކޮންޓްރޯލް ކުރަމުން އަންނަ އެ ގައުމުގެ ހުދުމުހުތާރު އަސްކަރިއްޔާއާ ދެމެދު ހިންގި ކުރިމަތިލުންތަކަކާ ގުޅިގެން ކަމަށް ހަބަރު ލިބެއެވެ.

މި ހާދިސާގައި 2 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

މިޔަންމާގެ ކިން މާ އަވަށް ވަނީ، އަންދާ އަޅިއަށް ހަދާފަ / ފޮޓޯ: ދަ ސްޓޭޓްސްމަން

ބައިނަލްއަގުވާމީ މީޑިއާއަށް މައުލުމާތު ދެމުން، އަވަށުގެ އާންމުން ބުނީ، ކިން މާ އަވަށުގައި ހުންނަ 240 ގޭގެ ތެރެއިން، 200 ގެ އަންދާލާފައި ވާ ކަމަށާ، އެކަން ކުރީ އަސްކަރިއްޔާއިން ކަމަށެވެ.

އިނގިރޭސިވިލާތުން މިޔަންމާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑަން ޗަގް ވަނި މި ޖަރީމާ ކުށްވެރި ކުރައްވާފައެވެ.

ކަން މިހެން އޮތް އިރު، މިޔަންމާގެ ދައުލަތުގެރ ޓީވީއިން މި ހަމަލާގެ ޒިންމާ އަމާޒު އަޅުވަނީ، ސަރަހައްދީ ހަނގުރާމަވެރިންގެ ބޮލުގައެވެ. އަދި އެނޫން ގޮތަކަށް ފަތުރާ އަޑަކީ، މިޔަންމާގެ އަސްކަރިއްޔާގެ އަގު ވައްޓާލަން އަރުވާ އަޑުތަކެއް ކަމަށް މިޔަންމާގެ މީޑިއާއިން ރިޕޯޓް ކުރެއެވެ.

މިޔަންމާގެ ކިން މާ އަވަށުގެ 240 ގޭގެ ތެރެއިން 200 ގެއެއް ވަނީ އަންދާ އަޅިއަށް ހަދާފަ / ފޮޓޯ: ރޮއިޓާޒް

ރޮއިޓާޒްއިން ހަބަރުދޭ ގޮތުގައި ކިން މާ އަވަށުގައި ޖެހި ހުޅުގަނޑަކީ ވަރުގަދަ ހުޅުގަނޑެކެވެ. އެގޮތުން، ނާސާގެ ސެޓެލައިޓް ފަޔާ ޓްރެކިންގް ސިސްޓަމަށްވެސް މި ހުޅުގަނޑު ރެކޯޑް ކުރެވިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިޔަންމާގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކަކީ އާންމުން އިންތިހާބު ކޮށްފައި އޮތް ސަރުކާރެއް، ވައްޓާލާ، އަސްކަރިއްޔާއިން ބަޣާވާތްކޮށް، ގައުމުގެ ކޮންޓްރޯލް ނެގުމާއެކު އުފެދިގެން އުޅޭ ހަމަނުޖެހުންތަކެކެވެ. މި ހަމަނުޖެހުންތަކާ ދެކޮޅަށް މިޔަންމާގެ ރައްޔިތުންނަށް ނިކުންނައިރު، އަސްކަރިއްޔާއާއި ސަލާމަތީ ބާރުތަކުން އާންމުންނާ ކުރިމަތިލައެވެ. މި ކުރިމަތިލުންތަކުގައި މިހާތަނަށް 800 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައި ވާއިރު، ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ އަދަދު 5000 އާ ގާތް ކުރެއެވެ.