ޖައްވު ތެރޭގައި ޗައިނާއިން ގާއިމު ކުރި އާ ސްޓޭޝަންގައި މަސައްކަތް ކުރަން ފަށާ ކުރޫގައި ހިމެނޭ 3 ފަޅުވެރިން، ދުނިޔޭގެ ސަތަހައިން ޖައްވަށް އުދުއްސާލައިފިއެވެ.

މިއަދު އުދުއްސާލި ނީ ހައިޝެންގް، ލިއު ބޯމިންގް އަދި ޓޭންގް ހޮންގްބޯ، ޖައްވުގައި 3 މަސް ދުވަސް ހޭދަ ކުރާނެއެވެ. އެ މީހުން މި ދުވަސްތައް ހޭދަ ކުރާނީ، ދުނިޔޭގެ ސަތަހައިގެ 380 ކިލޯމީޓަރު މަތީގައި ތަރައްގީ ކޮށްފައި ވާ ޓިއާންހޭ މޮޑިއުލް ތެރޭގައެވެ.

މިއީ ޗައިނާގެ ޖައްވީ މިޝަންގެ ތާރީހުގައިވެސް އެގައުމުގެ ފަޅުވެރިން، ޖައްވުގައި މިހާ ގިނަ ދުވަސް ހޭދަ ކުރާނެ ފުރަތަމަ ފަހަރެވެ. އަދި މި ދަތުރަކީ ފާއިތުވީ 5 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޗައިނާއިން ކުރާ މިފަދަ ފުރަތަމަ ދަތުރު ކަން ވެސް ފާހަގަ ކުރަންޖެހެއެވެ.

ޗައިނާގެ އާ ޖައްވީ ސްޓޭޝަނަށް ދާ ކުރޫ ގޮވައިގެން، ޖޫން 17، 2021 ވަނަ ދުވަހު އުދުއްސާލި ރޮކެޓް / ފޮޓޯ: ގެޓީ އިމޭޖަޒް

ޗައިނާގެ ޝެންޝޫ-12 ކެޕްސޫލް، މާޗް 2އެފް ރޮކެޓާއެކު ކާމިޔާބު ކަމާއެކު އުދުއްސާލީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ދަތުރަކީ، ޖައްވު ތެރޭގައި ޗައިނާގެ ކޮންޓްރޯލް އޮތްކަން ސާބިތު ކޮށްދިނުމަށް އެ ގައުމުން ހިފާފައިވާ އަޒުމު ވަރުގަދަ ކުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ސިފަކުރެވެއެވެ.

ނީ ހައިޝެންގެ ކޮމާންޑަރު ކަމުގެ ދަށުގައި، މި ޓީމުގެ މައިގަނޑު މަސައްކަތަކަށް ވާނީ، 22.5 ޓަނުގެ ޓިއާންހޭ މޮޑިއުލް އަކީ މަސައްކަތް ކުރާ މޮޑިއުލްއަކަށް ހެދުމެވެ. އުމުރުން 56 އަހަރުގެ ނީ ހައިޝެންގްއަކީ ޗައިނާއިން ޖައްވަށް ފޮނުވާލި އެންމެ، ދޮށީ އެސްޓްރޮނޯޓްއެވެ. މީގެ ކުރިން 2 ފަހަރެއްގެ މަތިން އޭނާ ވަނީ ޖައްވަށް ދަތުރުކޮށް، އެ ތަނުގައި ދުވަސްތަކެއް ހޭދަ ކޮށްފައެވެ.