މި ސަރުކާރުން ހިޔާ ފްލެޓްތަކުގެ އަގުތައް ކަނޑައެޅުމުގައި ބަލާފައިވާ ކަންކަމުގެ ހުރިހާ މައުލޫމާތު ތަކެއް ހިއްސާ ކުރުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

މިއަދު ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ މައުލޫމާތު ހިއްސާ ކުރައްވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު އަޅާފައިވާ ހިޔާ ފްލެޓްތަކުގެ އަގުތައް އޭރު ކަނޑައެެޅީ ހައުސިން މިނިސްޓްރީއާއި ރައީސް އޮފީހާއި އެޗްޑީސީ ގުޅިގެން ކަމަށެވެ. އަގުތައް ހަދާފައި ވާނީ ވަރަށް ރަނގަޅަށް ހުރިހާ ކަމެއް ވެސް ބެލުމަށް ފަހު ރައްޔިތުންނަށް ފައިސާ ދެއްކުމުގައި އެންމެ ލުއި ގޮތަކަށް ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާ ފްލެޓަކަށް މަހަކު ދައްކަން ކަނޑައަޅާފައި ވަނީ 5،500 ރުފިޔާއެވެ. ނަމަވެސް މިސަރުކާރުން ވަނީ އެއީ ފްލެޓް ދޫކޮށްލެވޭނެ އަގެއް ނޫން ކަމަށް ބުނެ 7،500 ރުފިޔާ އަށް ފްލެޓްތަކުގެ މަހު ފީ ބޮޑު ކޮށްފައެވެ.

މި ސަރުކާރުން ކުއްޔަށް ގެނައި ބަދަލާ ގުޅިގެން މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ އަގަށް ބަދަލު ގެނައުމުގައި މި ސަރުކާރުން ބަލާފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު އެދިފައިވާނެ ކަމަށެވެ. އަގަށް ބޮޑު ބަދަލެއް އަންނަން ޖެހޭނެ ކަމަށް މުއިއްޒު ގަބޫލު ނުކުރައްވާ ކަމަށާއި ހިޔާ ފްލެޓްތަކުގެ އަގު ކުރިން ވެސް އޮތް އަދަދާ ދާދި އެއްވަރުގެ އަދަދަކަށް ބަދަލުވާނެ ކަމަށް އަދިވެސް އުއްމީދު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޕްލޭނީން މިނިސްޓަރު މުހައްމަދު އަސްލަމް ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރައްވަނީ / ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މުއިއްޒުގެ ވާހަކަތަކާ ގުޅިގެން މިނިސްޓަރު އަސްލަމް ވިދާޅުވީ ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަގަކީ އެންމެ ކުޑަކުރެވޭނެ އަގު ކަމަށެވެ. ކުރީގެ ސަރުކާރުން ހިޔާ ފްލެޓްތަކުގެ އަގު ހެދިއިރު އެކަން ކުރި ގޮތް ރަނގަޅު ނޫން ކަމަށް އަސްލަމް ވިދާޅުވި ނަމަވެސް މުއިއްޒު ވަނީ އެކަން ދޮގު ކުރައްވާފައެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ އަދަދު ކުޑަކުރާނަމަ ދެން އެކަން ކުރެވޭނީ ހިޔާ މަޝްރޫއާ ގުޅިފައިވާ ކަމާ ގުޅޭ ހުރިހާ އިދާރާއަކަށް ވެސް އެކަން ހުށަހަޅައިގެން ކަމަށެވެ. ހިޔާ މަޝްރޫއަކީ ލޯނު ނަގައިގެން ކޮށްފައިވާ މަސައްކަތެއް ކަން ފާޙަގަ ކުރައްވަމުން އަސްލަމް ވިދާޅުވީ އެ އަގު ކަނަޑައެޅީ ހިޔާ ފްލެޓްތަކަށް ލޯނަށް ފައިސާ ދައްކަން ޖެހޭތީ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ތެރެއިން ފްލެޓް ލިބުނު މީހުންނާ އެކު އަންނަ މަހުގެ 14 ވަނަ އެއްބަސްވުންތަކުގައި ސޮއި ކުރަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަދި މިއަހަރުގެ ތެރޭގައި ފްލެޓްތަކަށް މީހުންނަށް ވަދެވޭ ވަރަށް މަސައްކަތްތައް ނިންމަން ދަނީ މަސައްކަތް ކުރަމުންނެވެ.