ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ޝަރީއަތް މިއަދަށް ތާވަލު ކުރުމަށް ފަހު ކެންސަލް ކޮށްފިއެވެ.

އެމައްސަލަ މިއަދު ތާވަލްކޮށްފައިވަނީ މިއަދު މެންދުރު 13:00 އަށެވެ. ނަމަވެސް ދިފާއީ ވަކީލުންގެ އެދުމުގެ މަތިން މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

އިއްސެގެ މަރުގެ މައްސަލާގައި ހައްޔަރުކޮށް ދައުވާ ކޮށްފައިވާ ބަންގްލަދޭޝް ރައްޔިތެއް ކަމަށް ސުމޮން މިއާ އަށެވެ. އޭނާއަށް ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައެވެ.

އިއްސެ މަރާލާފައި އޮއްވައި ފެނިފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު އޭނާ މަސައްކަތް ކުރާ އައިސްޕްލާންޓް ތެރޭގައި ހުރި އެކޮމަޑޭޝަން ރޫމުގައެވެ.

ޝަރީއަތުގެ މަޖިލީހުގައި ސުމޮން ކުށަށް އިއުތިރާފުވި ނަމަވެސް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ އެ ކުށަށް އިންކާރުކޮށްފައެވެ. އަދި އިއްސެ މަރާލިކަމަށް އެއްބަސްވީ ފުލުހުން އަނިޔާކޮށް ބިރުދެއްކުމުން ކަމަށް ސުމޮން ވަނީ ބުނެފައެވެ.

ސުމޮން މީގެ ކުރިން ވަނީ އިއްސެ މަރާލުމަށް އޭނާ އައިސް ޕްލާންޓަށް ދިޔައީ 12 ވަރަކަށް ފޫޓު ހުންނަވަރުގެ ވާގަނޑެއް ހިފައިގެން ކަމަށާއި ފުރަތަމަ ވިސްނައިގެން ހުރީ ވާގަނޑު ބޭނުން ކޮށްގެން އިއްސެ މަރާލުމަށް ކަމަށެވެ. ނަމަވެސް އިއްސެ އޭރު ނިދާފައި އޮތުމުން ވާގަނޑުން އެކަނި މަރާނުލެވިދާނެ ކަމަށް ހީވުމުން އެ ކޮޓަރި ތެރޭގައި ހުރި ކަބަޑުން ފޫޓެއް ހުންނަ ވަރުގެ ވަޅިއެއް ނެގުމަށްފަހު އިއްސެ ކައިރިއަށް ދިޔަ ކަމަށް އޭނާ ބުނެފައިވެ އެވެ.

އެންމެ ފުރަތަމަ ކަރަށް ވާގަނޑު ލެއްވުމަށް މަސައްކަތް ކުރަނިކޮށް އިއްސެ ހޭލައި އޭނާއަށް ހަމަލާ ދިން ކަމަށާއި އެއަށް ފަހު ވަޅިން އިއްސެއަށް ހަމަލާދިނުމުން އޭނާ އަތުން އިއްސެ ވަޅި އަތުލި ކަމަށާއި ނަމަވެސް އިއްސެ އަތުން އަލުން ވަޅި އަތުލައި 2 ވަނަ ފަހަރަށް ވަޅި ޖެހީ ކަރަށް ކަމަށެވެ.

ސުމޮން މިއާ ބުނީ، އޭރުވެސް އިއްސެ އޮތީ އެނދު މަތީގައި ކަމަށާއި ނަމަވެސް އިއްސެ އެނދުން ވައްޓާލައި ތިންވަނަ ފަހަރަށް ކަރަށް ވަޅި ހެރި ކަމަށެވެ. އިއްސެއަށް ހަމަލާދީ މަރާލުމަށް ފަހު، ވަޅި އާއި ވާގަނޑު އޭނާ ކައިރީގައި ބޭއްވުމަށް ފަހު ދޮރުތައް ތަޅުލާ، ރަށުން ފައިބައިގެން ދިޔައީ ކަމަށް ސުމޮން ވަނީ ބުނެފައެވެ.