ކޮވިޑްއިން ރައްކާތެރިވުމަށް މިދިޔަ މަހު އެޅު ހަރުކަށި ފިޔަވަޅުތަކަށް ލުއި ދީ މިސްކިތްތައް ހުޅުވާލައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، މާދަމާއިން ފެށިގެން ދޭ ލުއިތަކުގެ ތެރޭގައި ވަކިވަކި މީހުން މިސްކިތަށް ގޮސް ނަމާދު ކުރެވޭ ގޮތަށް މިސްކިތްތައް ހުޅުވާލާފައިވާ ކަމަށެވެ. މިސްކިތްތައް ހުޅުވި ނަމަވެސް މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުމަށް އަދި ހުއްދަ ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި ހިންގާ ކާފިއު ވަގުތުވެސް ވަނީ ހަވީރު 4 އިން ފަތުހު 4 އަށް ބަދަލުކޮށްފައެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުމެވޭނީ ހުއްދަ އޮވެގެން ކަމަށް އެޗްއީއޯސީން ބުނެއެވެ. ނަމަވެސް ފަތިހު 4 އިން ހެނދުނު 8 އަށް ކަސްރަތު ކުރަން ނުކުންނަ މީހުންނަށް ހުއްދައަކާ ނުލާ ނުކުމެވޭނެ ކަމަށް އެޗްއީއޯސީން ބުނެއެވެ.
ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުން ދާތީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު ވަނީ ކޮވިޑާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަލާފައެވެ. އޭރު މި ފިޔަވަޅުތައް އެޅި އިރު މުޅި ރާއްޖެއިން ދުވާލެއްގެ މައްޗަށް 2000 އާ ގާތުން ކޭސްތައް އައީ ރިޕޯޓް ކުރަމުންނެވެ.
މި ފިޔަވަޅުތައް އެޅިފަހުން މިހާރު ވަނީ ކޭސްތައް މަދުވާން ފަށާފައެވެ. މި މަސް ފެށިގެން އައި އިރު ކޮންމެ ދުވަހަކުވެސް ރިޕޯޓު ކުރާ ކޭސްތައް މަދެވެ. އެގޮތުން އިއްޔެ ރިޕޯޓު ކުރީ 372 ކޭސްއެވެ.