މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އައިޖީއެމްއެޗް ގައި ޓެކްސީ ސްޓޭންޑެއް ހަދައިފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެޓެކްސީ ސްޓޭންޑް ހަދާފަ ވަނީ ކަނބާއައިސާ ރަނި ހިނގުމުގައި ވާ އައިޖީއެމްއެޗްގެ މައި ދޮރަށް ވާގޮތަށް ކަމަށެވެ.

ޓެކްސީ ސްޓޭންޑް ގެ ހުރިހާ މަސައްކަތްތަކެއް ނިމި މިހާރު ބޭނުން ކުރަމުންދާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

މި މަސައްކަތަށް ޖުމްލަ 1.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މިފަދަ ޓެކްސީ ސްޓޭންޑެއް ހެދުމުގެ މައިގަނޑު މަގްސަދަކީ، އައިޖީއެމްއެޗް ގެ މެއިން އެންޓްރަންސް ސަރަަހައްދުން ޓެކްސީގެ ހިދުމަތް ހޯއްދަމުން ގެންދާ ފަރާތްތަކަށް ދިމާވަމުން ދިޔަ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.

އެގޮތުން، ވިއްސާރަ ދުވަސްވަރު އެ ސަރަަހައްދުގައި ޓެކްސީ ހޯދަން މަޑުކޮށްލައިގެން ތިބެވޭނެ ހިޔާވަހިކަމެއް ނެތުމުން ދިމާވާ ދަތިތަކާއި، ޓެކްސީ ނަންގަން ބޭނުންވާ ފަރާތްތަކުން ހިޔަލުގައި މަޑުކޮށްލާ، ހާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކަށް، އިޝީންދެލައިގެން ތިބެވޭނެ ތަނެއް ނެތުމުގެ މައްސަލައަށް، އެ ޓެކްސީގެ ބޭނުން ހިފާ ފަރާތްތަކަށް، ހާއްސަ ގޮތެއްގައި ވިއްސާރަ ދުވަސްވަރު، މި ކަމުގެ ފަސޭހަކަން ލިބިގެން ދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ، ކުންފުނިން ތަރައްގީގެ ހަރުފަތްތައް ގިރާކުރަމުން ދާއިރު، ކުރިމަގުގާވެސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، ދިވެހި މުޖްތަމަޢުގެ ކުރިއެރުމާއި ލާބައާއި މަންފާއަށް ތަފާތު އެކި އެކި ރޮނގު ރިނގުން އެހީތެރިވެ، މަސައްކައްތައް ކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.