މުޅި ދުނިޔޭގެ ކޮންޓްރޯލް އަތުލުމަށް ހުދުމުހުތާރު ސިޔާސަތުތަކެއް ތަންފީޒު ކުރަމުން އަންނަ ޗައިނާގެ ޝީންޖިއާންގް ޕްރޮވިންސްގައި ދިރިއުޅެމުން އަންނަ ވީގޫރު ދަރިކޮޅުގެ މުސްލިމުންގެ ނަސްލު ނައްތާލުމަށް، ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ހިންގަމުން އަންނަ ގަތުލުއާންމާއި ލާއިންސާނީ ޖަރީމާގެ ތަހުގީގަށް، ޕުލިޓްޒާ ޕްރައިޒް އެވޯޑް ކޮށްފިއެވެ.

ނޫސްވެރިކަމުގެ ރޮނގުން ދޭ އެންމެ ޝަރަފުވެރި އެވޯޑްގެ ގޮތުގައި ސިފަކުރާ ޕުލިޓްޒާ ޕްރައިޒް ދީފައި ވަނީ، ވީގޫރު ގަތުލުއާންމުގެ ޖަރީމާ ތަހުގީގު ކުރުމަށް، ބްރޫކްލިންގެ އައިބީމް އާޓް އެންޑް ޓެކްނޮލޮޖީ ސެންޓަރުން ފަންޑުކޮށްގެން ހިންގި "ބިލްޓް ޓު ލާސްޓް" މަޝްރޫއަށެވެ.

4 ބައެއްގެ މައްޗަށް އެކުލެވޭ މި ތަހުގީގީ ރިޕޯޓްގައި، ވީގޫރު މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާގެ ދިގު ތާރީހަށްވެސް ބަލާފައިވެއެވެ. "ބިލްޓް ޓު ލާސްޓް" މަޝްރޫއުގެ ރިޕޯޓް އާންމުކުރީ 2020 ވަނަ އަހަރު، ބަޒްފީޑުގައެވެ. މި މަސައްކަތުގައި ބައިވެރިވީ، ރިޕޯޓަރު މޭގާ ރާޖަގޯޕާލަން، އާކިޓެކްޓް އެލިސަން ކިލިންގް އަދި ޕްރޮގްރާމާ އެންޑް ޑިޖިޓަލް ސެކިއުރިޓީ ޓްރެއިނަރެއް ކަމަށްވާ ކްރިސްޓޯ ބުޝްޗެކްއެވެ.

ޓީމުން އެއްކޮށްފައިވާ ވީގޫރު ކޭމްޕުތަކުގެ މަންޒަރުތަކެއް / ފޮޓޯ: އެލިސަން ކިލިންގް

މި ތިން މީހުންގެ ޓީމުން ވަނީ، ނަސްލު ފޮހެލުމަށް ޗައިނާގެ ސަރުކާރުން ހިންގަމުންދިޔަ ޖަރީމާތައް، އެންމެ ޒަމާނީ ސެޓެލައިޓް ފޮޓޯގެ އެހީގައި ތަހުގީގުކޮށް، ދިރާސާކޮށްފައެވެ. 3 މީހުންގެ މަސައްކަތުން، ޗައިނާއިން މަންޒަރު ނުސާފު ކޮށްފައިވާ 50000 ސަރަހައްދެއް ހޯދިއެވެ. އަދި ގޫގްލް އާތު، ޕްލެޓް ލެބްސް އަދި ޔޫރަޕިއަން ސްޕޭސް އޭޖެންސީގެ މަންޒަރުތަކާ އެ ފޮޓޯތައް އަޅާކިއެވެ.

ޓީމުގެ ހޯދުންތަކުން، 428 ޖަލެއް ފާހަގަ ކުރެވުނެވެ. ގިނަ ތަންތަނަކީ 2016 ވަނަ އަހަރަށް ފަހު ބިނާ ކުރި، ނުވަތަ ޖާގަ ބޮޑު ކުރި ޖަލުތަކެވެ. އެއީ ވީގޫރު މުސްލިމުންނާ ދެކޮޅަށް، ޗައިނާގެ ސަރުކާރުން ހާއްސަ އޮޕަރޭޝަން ފެށި ދުވަސްވަރެވެ. މި ކޭމްޕުތަކަކީ އުޖޫރައަކާ ނުލާ، ވީގޫރު މުސްލިމުން ލައްވާ، ކާރުހާނާތަކަށް އަޅު މަސައްކަތް ކުރުވާ ކޭމްޕުތަކެއް ކަން ވެސް ވަނީ ހާމަވެފައެވެ.