ގިނަ އަދަދަކަށް ކެމިކަލާއި ޕްލާސްޓިކް ބަރުކޮށްގެން ދަތުރު ކުރަމުން ދަނިކޮށް އަލިފާން ރޯވެ، ސްރީލަންކާގެ ކަނޑުގެ ސަރަހައްދަށް ފެތެމުންދާ ސިންގަޕޫރުގެ މުދާ އުފުލާ ބޯޓު، އެކްސް-ޕްރެސް ޕާލްގެ ކެޕްޓަން، ސްރީލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ސިންގަޕޫރުގައި ރަޖިސްޓްރީކޮށްގެން ދުއްވަމުން އަންނަ އެކްސް-ޕްރެސް ޕާލްގެ ކެޕްޓަނަކަށް ހުރީ، ރަޝިއާ މީހެއް ކަމަށްވާ، ވިޓާލީ ޓިޔުޓްކަލޯއެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ، ކޮޅުނބުގައި އޭނާ ހުރި ހޮޓަލުންނެވެ. ހައްޔަރު ކުރުމަށްފަހު އޭނާ ވަނީ ހައިކޯޓަށް ހާޒިރުކޮށްފައެވެ. ނަމަވެސް، ކަފާލާތުގެ ދަށުން އޭނާ މިނިވަން ކޮށްފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ސްރީލަންކާ ފުލުހުންގެ އޮފިޝަލަކު، ބައިނަލްއަގުވާމީ މީޑިއާއަށް ވިދާޅުވީ، ކެޕްޓަނާ ދެކޮޅަށް ރަސްމީ ދައުވާއެއް އުފުލާފައި ނުވާ ކަމަށާ، އޭނާ ހައްޔަރުކޮށްގެން ކޯޓަށް ގެނައީ، ކަނޑު ތަޣައްޔަރު ކުރުން ހުއްޓުވުމާ ބެހޭ ގާނޫނާ ހިލާފު އަމަލެއް ހިންގާފައި ވާ ކަމުގެ ކުށުގެ ތުހުމަތުގައި ކަމަށެވެ.

ލަންކާ ކަނޑުގެ ސަރަހައްދުގައި ކެމިކަލް ޓޭންކު ތަކާއެކު ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ބޯޓު ރޯވެ ފެތެމުން ދަނީ

ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން، ކެޕްޓަންގެ ޕާސްޕޯޓް ހިފަހައްޓާފައި ވާ އިރު، ޖުލައި 1 ވަނަ ދުވަހުވެސް އޭނާ ކޯޓަށް ހާޒިރު ކުރާނެ ކަމަށް ފުލުސް އޮފިސަރު ވަނީ ވިދާޅުވެފައެވެ.

ކެޕްޓަންގެ އިތުރުން ރަޝިއާއަށް ނިސްބަތްވާ ޗީފް އިންޖިނޭރު، އޯލެގް ސަޑިލެންކޯއާއި އިންޑިއާ ރައްޔިތެއް ކަމަށްވާ ޗީފް އޮފިސަރު ޕީޓާ އަނީޝްގެ ޕާސްޕޯޓްވެސް، ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހިފަހައްޓާފައެވެ. އެކްސް-ޕްރެސް ޕާލްގެ ހާދިސާއާ ގުޅިގެން ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނައިރު، ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ 3 މީހުންނާވެސް ސުވާލު ކޮށްފައެވެ.

ހާދިސާގެ ތަހުގީގަށް މުހިންމު އީ-މެއިލްތަކެއް، އެކްސް-ޕްރެސް ޕާލްގެ ލަންކާގެ އޭޖެންޓްގެ އަތުގައި ހުރި ކަމަށްވެސް، ލަންކާގެ ފުލުހުން ވަނީ ކޮލަމްބޯ މެޖިސްޓްރޭޓަށް ދަންނަވާފައެވެ.

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ރޯވެ، ފެތެމުންދާ ސިންގަޕޫރުގެ އެކްސް-ޕްރެސް ޕާލް ކާގޯ ބޯޓު / ފޮޓޯ: އީޕީއޭ

ބުނެވޭ ގޮތުގައި، ބޯޓުން އެސިޑް ލީކުވާން ފެށުމުން، ސްރީލަންކާގައި ހުންނަ އެމީހުންގެ މަންދޫބު، ސީ ކޮންސޯޓީއަމް ލަންކާއަށް، ބޯޓުން ވަނީ އެކަން ރިޕޯޓް ކޮށްފައެވެ. ނަމަވެސް، ލަންކާގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށް ސީ ކޮންސޯޓީއަމް ލަންކާއިން ފެއިލްވެފައި ވާ ކަމަށް ސްޓޭޓް ޕްރޮސެކިއުޓަރު ވަނީ ވިދާޅުވެފައެވެ.

މި ހާދިސާއަކީ މި ފަހުގެ ތާރީހުގައިވެސް، ލަންކާގެ ކަނޑުގެ ސަރަހައްދުގައި ހިނގި އެންމެ ގެއްލުންދެނިވި ހާދިސާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާއިރު، މިކަމުގެ އިބްތިދާއީ ބަދަލެއްގެ ގޮތުގައި 40 މިލިއަން ޑޯލަރު ހޯދުމަށް، ސްރީލަންކާގެ ސަރުކާރުން ވަނީ ހުށަހަޅާފައެވެ.