ކަނޑައެޅިގެން ވަކި ފަރުވާއެއް އަދާ ޖެހުނުއިރުވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހޭ މީހުންނަށް، އެ ބަލިން ދިފާއުވާން ތަރައްގީ ކޮށްފައި ވާ ވެކްސިންގެ 2 ވަނަ ޑޯޒްއެއް ބޭނުން ނުވާ ކަމަށް، އާ ދިރާސާއެއް ބުނެފިއެވެ.

އަވަށްޓެރި އިންޑިއާގެ އޭއައިޖީ ހޮސްޕިޓަލްސްގެ ދިރާސާ ޓީމުން ބުނީ، ކޮވިޑް-19 ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި އުފެދިފައިވާ އެންޓިބޮޑީއަކީ، މީގެ ކުރިން ބަލި ޖެހިފައި ނުވާ މީހުންނާ އަޅާ ބަލާއިރު މާ ވަރުގަދަ އިޖާބައެއް ދޭ އެންޓިބޮޑީތަކެއް ކަމަށެވެ. އެހެން ކަމުން، މިފަދަ މީހުންނަށް، 1 ޑޯޒްގެ ވެކްސިނުން ފުދޭނެ ކަމަށެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާއިން ތަރައްގީ ކޮށްފައިވާ ކޮވިޝީލްޑް ވެކްސިން ސްޓޮކެއް / ފޮޓޯ: އޭޕީ ނިއުސް

ދިރާސާގައި ތަފާސް ހިސާބުގެ ގޮތުގައި ބޭނުން ކޮށްފައި ވަނީ، ޖެނުއަރީ 06، 2021 އިން ފެބުރުއަރީ 06، 2021 އާ ދެމެދު، ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ، 260 ސިއްހީ ހިދުމަތްތެރިއެއްގެ ކިބައިންނެވެ. ދިރާސާ މައިގަނޑު ގޮތެއްގައި އަމާޒު ކުރީ، ދިރާސާގެ ބައިވެރިންގެ ދިފާއީ ނިޒާމުން އިޖާބަދޭ ގޮތުގެ މައްޗަށެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި އެއް ފަހަރު ބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމުން ފުދޭ ވަރަށް އެންޓިބޮޑީ އުފައްދާ، ބައްޔާ ދެކޮޅަށް އިޖާބަދެއެވެ. އެހެންކަމުން، 1 ޑޯޒްގެ ވެކްސިނުން ފުދޭ ކަމަށް ދިރާސާގައި ބުނެފައި ވެއެވެ. ބަލި ނުޖެހޭ މީހުންނަށް 2 ޑޯޒްއިން ލިއްބައިދޭ ރައްކާތެރިކަން، ބަލިޖެހިފައިވާ މީހުންނަށް 1 ޑޯޒްއިން ލިއްބައިދެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާއިން ތަރައްގީ ކޮށްފައިވާ ކޮވިޝީލްޑް ވެކްސިން ޑޯޒްއެއް ޖަހަން ތައްޔާރު ކޮށްފާ / ފޮޓޯ: ޓައިމް މެގަޒިން

އޭއައިޖީ ހޮސްޕިޓަލްސްއިން މިފަދަ ދިރާސާއެއް ކުރިއަށް ގެންގޮސް، ނަތީޖާ އާންމު ކޮށްފައި ވާ މި ދަނޑިވަޅަކީ، ވެކްސިންގެ ޑޯޒްތައް ކަށަވަރު ކުރުމަށް ގައުމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވާ ދަނޑިވަޅެއްގައެވެ. ވަކިން ހާއްސަކޮށް، އިންޑިއާއިން ތަރައްގީ ކުރަމުން އައި ކޮވިޝީލްޑް ވެކްސިން އެކްސްޕޯޓް ކުރުން މަޑުޖައްސާލުމުގެ ސަބަބުން، ބައެއް ގައުމުތަކަށް ފުރަތަމަ ޑޯޒް އަދި އަނެއް ބައި ގައުމުތަކަށް 2 ވަނަ ޑޯޒް ނުލިބި، ދިގުލާ ގޮސްފައި ވާ ކަން ފާހަގަ ކުރަންޖެހެއެވެ.

އޭއައިޖީ ހޮސްޕިޓަލްސްގެ ޗެއާމަން، ޑރ ޑީ ނާގޭޝްވަރު ރެޑީ ވިދާޅުވީ، މި ދިރާސާގެ ސަބަބުން، މިހާރު އުފެދިފައިވާ ހުސްކަން ފޫބައްދާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މި މޭރުމުން ރެޑީ އިތުރަށް ވިދާޅުވީ، މިހާތަނަށް ބަލި ޖެހިފައި ނުވާ މީހުންނަށް 2 ޑޯޒް ދީ ނިމުމުން، ބަލި ޖެހިފައި ވާ މީހުންނަށް ފުރަތަމަ ޑޯޒް ޖެހިދާނެ ކަމަށާ، މި ގޮތަށް އަމަލު ކުރުމުން، އެއްވެސް މީހަކަށް އެކަމުގައި ގެއްލުމެއް ނެތް ކަމަށެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާއިން ތަރައްގީ ކޮށްފައިވާ ކޮވިޝީލްޑް ވެކްސިން ސްޓޮކެއް / ފޮޓޯ: ވީއޯއޭ

ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދުތަކުން އިތުރުވާން ފެށުމާއެކު އެ ގައުމުން ވަނީ ވެކްސިން އެކްސްޕޯޓް ކުރުން ހުއްޓާލާފައެވެ. މިކަމުގެ ސަބަބުން، ދުނިޔޭގެ އެކި ހިސާބުތަކަށް، ވެކްސިންގެ ދަތިކަން ފޯރާފައި ވާއިރު، ހުރިހާ ގައުމުތަކަކަށް އިންސާފުން ވެކްސިން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ "ކޮވެކްސް" ވެކްސިން އިއްތިހާދަށްވެސް، އެކަމުގެ ހީނަރުކަން ވަނީ ފޯރާފައެވެ.