މާލޭގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން އިތުރު 4000 ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ބޯހިޔާވަހި ކަމުގެ މަޝްރޫއު "ގެދޮރުވެރިޔާ ލޯން ސްކީމް" ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަމަކީ ވަރަށް ބޮޑަށް ބޭނުން ޖެހިފައި އޮތް ކަމެއް ކަމަށެވެ.
މިހާރުވެސް 7000 ފްލެޓް އެޅުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން 4000 ޔުނިޓް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހި، އެކަމަށް ބޭނުންވާ ކޮންސްޓްރަކްޝަން ކުންފުނިތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ތައާރަފް ކުރި "ގެދޮރުވެރިޔާ ލޯނު ސްކީމް"އަކީ ކުޑަ އިންސްޓްރެސްޓެއްގައި، ދިގު މުއްދަތުން ދައްކާ ހަލާސްކުރާ ގޮތަށް، ތައާރަފު ކުރާ ލޯނު ސްކީމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މި ލޯނު ސްކީމުގައި ބައިވެރިވުމަށްޓަކައި ރަހުނުގެ ގޮތުގައި ހަމައެކަނި ދައްކަން ޖެހޭނީ އެމީހާއަށް ލިބިފައި އޮތް ގޯތި ނުވަތަ އެމީހާއަށް ލިބިފައިވާ ގޯތީގައި ހަދަން ފަށާފައިވާ އިމާރާތެވެ.
އަދި ގިނަވެގެން މަހެއްގެ މައްޗަށް ދައްކަން ޖެހޭނީ 5000 ރުފިޔާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ހަދަން ފަށާފައިވާ ގެ ނިންމާލުމަށްޓަކައި، ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ގިނަވެގެން ހަތް ލައްކަ ރުފިޔާ، ކޮންމެ ފަރާތަކަށް ދޫކުރެވޭނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ލޯނު ދޫކުރާނީ އެޗްޑީއެފްސީން ނެވެ. އަދި މި ލޯނަށް ޝަރުތު ހަމަވަނީ، ލޯނަށް އެދޭ ފަރާތުގެ ނަމުގައި އެހެން ބިމެއް ރަޖިސްޓްރީ ވެފައި ނެތުމާއި ބިން ރަޖިސްޓްރީ ވެފައިވާ ރަށުގެ ރަށްވެއްސަކަށް ވުމާއި، ރަށްވެހި ވެފައިވާ ރަށުގައި ލޯނަށް އެދޭ ފަރާތް ނުވަތަ އެ މީހެއްގެ އާއިލާ ދިރިއުޅޭތާ މަދުވެގެން ތިން އަހަރުވެފައިވާ މީހުންނަށެވެ.