ފަތުރުވެރިކަމަށް ކުރިއެރުން ލިބޭ ގޮތަށް ވައިގެ ދަތުރުފަތުރުގެ ސިނާއަތް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަޝްރަވާ ކުރުމަށް އެދި މޯލްޑިވްސް އެއާޕޯޓްސް އެލަމްނައިގެ ފަރާތުން ސީޓީއެއް ފޮނުވައިފިއެވެ.

އެލަމްނައިގެ ފަރާތުން ރައީސް އޮފީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތާ އެ ސިނާއަތުގެ ނާރެސް ކަމަށްވާ ފަތުރުވެރިކަމުގެ މަސައްކަތަށް ކުރިއެރުން ލިބޭ ފަދަ ގޮތެއްގެ މަތިން ވައިގެ ބަދަރުތައް ފުޅާވެ، ހިދުމަތް ރަނގަޅު ވަމުން ދިއުމަށް އެހީތެރިވުމަކީ އެ މީހުންގެ މައިގަނޑު އަސާސް ކަމަށެވެ. އެގޮތުން ވައިގެ ބަނދަރުތަކުގެ ވިޔަފާރި އާއި ހިދުމަތާ، އެ ހިދުމަތުގެ ފެންވަރާއި، ޒަމާންތަކަށް ދެމިގެންދާ ގޮތަކަށް އިންވެސްމަންޓްތައް ގާއިމުކޮށް، ބަލަހައްޓާ، މެދުރާސްތާއެއްގަ އާއި ދިގު މުއްދަތަކަށް ދިވެހި ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ކުރަނިވި ގޮތަކަށް ބައްޓަން ވެގެން ދިޔުމަކީ އެދޭ ކަމެއް ކަމަށް ބުނެފައި ވެއެވެ.

އެގޮތުން އެލަމްނައިގެ ބައެއް ހިޔާލާއި ވިސްނުމާއި، ފިކުރު ހުރިގޮތް ހިއްސާ ކުރުމަށް، ރައީސް ސޯލިހުގެ މަސައްކަތްޕުޅުގެ ވަގުތުގެ ތެރެއިން ގަޑިއެއް ހާއިރު ދެއްވުމަށް އެ ޖަމިއްޔާއިން އެދިފައި ވެއެވެ.

"އަޅުގަނޑުމެންގެ، "ތިންކް ޓޭންކް" އަކީ ރާއްޖޭގެ ވައިގެ ބަދަރު ގާއިމްކޮށް ތަރައްގީކޮށް ހިންގާ ބެލެހެއްޓުމުގެ އެތަކެއް އަހަރެއްގެ ތަޖުރިބާއާއި މައުލޫމާތުގެ މައްޗަށް އެކުލެވޭ ޖަމާއަތެއް. މި ޖަމާއަތުގައި ހިމެނޭ ގިނަ މެންބަރުންނަކީ ހުޅުލޭގައި ބައިނަލްއަގްވާމީ ވައިގެ ބަދަރެއް ގާއިމްވީ ސުރެ ތިރީހަކަށް ވުރެއް ގިނަ އަހަރު އެވައިގެ ބަދަރު ކާމިޔާބު ކަމާއެކު ހިންގުމުގެ ގިނަ ތަޖުރިބާއާއި ތަމްރީން ހާސިލްކުރައްވައި އިސްކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅުންކޮޅެއް"
މޯލްޑިވްސް އެއާޕޯޓްސް އެލަމްނައި

މި ވަގުތު މަސައްކަތާ ދުރުގައި ތިބި ނަމަވެސް އެލަމްނައިގެ ޓީމަކީ އެއާޕޯޓު ހިނގުމުގައި އިސް ސަފުގައި މަސައްކަތް ކޮށްފައިވާ ބައެއް ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ. އަދި އެފަރާތަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ހިޔާލު ފާޅު ކުރުމަށް ރައީސް ސޯލިހާ ބައްދަލު ކުރުމަށް ބޭނުންވާ ކަމަށާއި އެގޮތުން އެ ޓީމްގެ 5 މެންބަރުންނަށް ރައީސް ސޯލިހާ ބައްދަލު ކުރުމުގެ ފުރުސަތު ދިނުމަށް ވެސް އެ ސިޓީގައި އެދިފައި ވެއެވެ.

ރައީސް ސޯލިހާ ބައްދަލު ކުުރަން މޯލްޑިވްސް އެއާޕޯޓް އެލަމްނައިން އެދިފައި މިވަނީ އިއްޔެ ބޭރުގެ ކުންފުނިތަކުގެ 100 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ރާއްޖޭގައި އެއާޕޯޓުތައް ހިންގޭނެ ހެން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި) އަށް އިސްލާހެއް ގެނައުމާ ގުޅިގެންނެވެ.

ސަރުކާރުން މިފަދަ ބަދަލެއް ގެނެސްފައި ވަނީ ރާއްޖޭގެ އުތުރުން އޮންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާ އާ ހަވާލު ކުރަން ކަމަށް ވަނީ އަޑުތައް ފެރުފިފައެވެ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު ފައިސާއިން އިންޑިއާ ކުންފުންޏަކުންނެވެ.