ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް އިތުރުވުން ކޮންޓްރޯލް ކުރުމަށް، އަވަށްޓެރި އިންޑިއާއިން ތަންފީޒު ކުރަމުން ދިޔަ ބައެއް ފިޔަވަޅުތަކަށް ލުއި ދީފިއެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުގައި ތަންފީޒު ކުރަމުން ދިޔަ، ރައްކާތެރި ކަމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދީފައި މި ވަނީ، ފާއިތުވީ 2 މަހެއްހާ ދުވަހުގެ ތެރޭގައި ނުދާހާ ދަށަށް، އެ ގައުމުގެ އާ ކޭސްތައް ދަށަށް ގޮސްފައި ވާ ދަނޑިވަޅެއްގައެވެ.

ލުއި ދިނުމުގެ ތެރެއިން ވެރިރަށް ނިއުދިއްލީގެ ފިހާރަތަކާ، މޯލްތައްވެސް ހުޅުވަން ހުއްދަ ދީފައި ވާ އިރު، ދާއިރާގެ ތަޖުރިބަކާރުން ދަނީ ބޮޑެތި ލުއިތަކެއް ދީ، ގައުމު މުޅިން ހުޅުވާލުމާ ދެކޮޅަށް އިންޒާރު ކުރަމުންނެވެ.

އިންޑިއާގެ އާބާދީއަށް ބަލާއިރު ވެކްސިން ޖަހަން ޖެހޭ 950 މިލިއަން މީހުން އެބަ ތިބި ކަމަށް ލަފާކުރެވެއެވެ. ނަމަވެސް މީގެ ތެރެއިން 2 ޑޯޒްގެ ވެކްސިން ފުރިހަމަ ކޮށްފައި ވަނީ އެންމެ 5 ޕަސެންޓް މީހުން ކަމީވެސް، ލުއި ދިނުމުގައި ހުށިޔާރު ވާން ޖެހޭ ސަބަބެކެވެ.

އިންޑިއާއިން ދިން އިތުރު ލުއިތަކަށް ބަލާއިރު، ޓެމިލް ނާޑޫއިން ވަނީ، މުވައްޒަފުންގެ 50 ޕަސެންޓް ހާޒިރުކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު، ވިޔަފާރިތަކަށް ހުޅުވާލާފައެވެ. ބެންގަލޫރަށް ބަލާއިރު، އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ދޫ ދީފައިވެއެވެ. ވިޔަފާރިތައް ހުޅުވާލުމަށްވެސް ފުރުސަތު ދީފައި ވާ އިރު، ރޭގަނޑުގެ ވަގުތުތަކާ، ހަފުތާ ބަންދުގައި ކާފިއު ހިންގާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ހުސްވި މެއި މަހަކީ އިންޑިއާއަށް ކޮވިޑް-19ގެ ތޫފާނަކާ ކުރިމަތިލާން ޖެހުނު މަހެކެވެ. މެއި މަހުގެ ބައެއް ދުވަސްތަކުގައި، ދުވާލެއްގެ މައްޗަށް 4 ލައްކައަށްވުރެ މަތިންވެސް ޕޮޒިޓިވް ކޭސް ރެކޯޑްކޮށް، މުޅި ދުނިޔެ ނުތަނަވަސް ކުރުވިއެވެ. ނަމަވެސް މިއަދު އެ ގައުމުން ރެކޯޑް ކޮށްފައި ވަނީ 70421 ޕޮޒިޓިވް ކޭހެވެ. މިއީ މާޗް 31، 2021 ގެ ފަހުން، މިހާ ދަށް އަދަދަކަށް ކޭސް ރިޕޯޓް ކުރި ދުވަހެވެ.

ކަމާ ބެހޭ ތަޖުރިބާކާރުން ވަނީ ކޮވިޑް-19ގެ 3 ވަނަ ރާޅަކާވެސް އިންޑިއާއަށް ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.