ނިއުޒީލަންޑްގެ ކްރައިސްޓްޗާޗްގެ 2 މިސްކިތަކަށް އަމާޒުކޮށްގެން މާޗް 15، 2019 ގައިނ ދިން ޓެރަރިސްޓް ހަމަލާގެ ފިލްމު ބިނާކޮށް، އެ ފިލްމުގެ މައިގަނޑު ފޯކަސްއަކަށް ވާންވާނީ، ނިއުޒީލަންޑްގެ މުސްލިމު އާބާދީ ކަމަށް، ނިއުޒީލަންޑްގެ މަގުބޫލު ބޮޑުވަޒީރު، ޖެސީންޑާ އެޑާން ވިދާޅުވެއްޖެއެވެ.

އެޑާން މިފަދައިން ވިދާޅުވީ، "ދޭ އާ އަސް"ގެ ނަމުގައި އުފައްދާ ފިލްމުގެ އަމާޒު، އެ ހާދިސާގައި އެޑާން ދެއްވި އިޖާބައަށް ބިނާ ކުރަން އުޅޭތީ، ގިނަ ބަޔަކު، އެ ކަމާ ދެކޮޅަށް ހިޔާލު ފާޅު ކުރަމުން ދާ ދަނޑިވަޅެއްގައެވެ.

ހޮލީވުޑް ރިޕޯޓާގައި ވާ ގޮތުން، 51 މީހުންގެ ފުރާނަ ގެއްލިދިޔަ ހާދިސާގެ މައްޗަށް ބިނާކޮށް، އުފައްދާ ފިލްމަކީ ހިތްވަރުދެނިވި ވާހަކައެއް ކިޔައިދޭ ފިލްމެކެވެ.

ކްރައިސްޓްޗާޗްގެ މިސްކިތްތަކަށް އަމާޒުކޮށް އޮސްޓްރޭލިއާގެ ބްރެންޓޮން ޓެރަންޓް ދިން ބަޑީގެ ހަމަލާތަކުގައި މަރުވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ/ފޮޓޯ: ރޮއިޓާޒް

އެޑާން އޮފީހުން ވަނީ، މި ފިލްމުގައި ނިއުޒީލަންޑްގެ ސަރުކާރު އަދި ހުދު ބޮޑުވަޒީރުގެ ދައުރެއްވެސް ނޯންނާނެ ކަމަށް ބުނެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި ފިލްމާ ބެހޭ ގޮތުން އަމާޒު ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އެޑާން ވިދާޅުވީ، ފިލްމު ބިނާވާން ވާނީ މުސްލިމުންގެ އާބާދީއަށް ކަމަށާ، އެއްވެސް ހާލެއްގައި އޭނާއަށް ނޫން ކަމަށެވެ.

މާޗް 15، 2019 ވީ ހުކުރު ދުވަހު ނިއުޒީލަންޑްގެ މިސްކިތްތަކަށް ހަމަލާދީ 51 މީހުން މަރާލި ބްރެންޓަން ޓެރަންޓް/ފޮޓޯ: ސްކައިނިއުސް

ހާދިސާގެ ފާރުތައް އަދިވެސް ފަސޭހަ ނުވާ ކަމަށާ، ނަމަވެސް ކޮންމެވެސް ދުވަހަކުން ހާދިސާގެ ވާހަކަތައް ކިޔައިދޭން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އެޑާން ވަނީ ވިދާޅުވެފައެވެ.

"ދޭ އާ އަސް" ގެ ވާހަކަ ލިޔެ، ފިލްމު ޑައިރެކްޓް ކުރަނީ ނިއުޒީލަންޑަށް ނިސްބަތްވާ އެންޑްރޫ ނިކޯލްއެވެ.

ފިލްމާ ގުޅިގެން ގިނަ ބައެއްގެ ހިތްތަކުގައި ނުތަނަވަސްކަމާއި ނުރުހުމުގެ ޝުއޫރުތައް ދައުރުވަމުން ދިއުމާ ގުޅިގެން، ފިލްމުގެ ޕްރޮޑިއުސަރު، ފިލީޕާ ކޭމްޕްބެލް ވަނީ، އެ މަގާމުން އިސްތިއުފާ ދީފައެވެ. އަދި އެ ފިލްމާ ގުޅިގެން މިހާތަނަށް އޭނާއަށް އަދާ ކުރެވުނު ދައުރުގެ ސަބަބުން، އޭނާ ވަނީ މައާފަށްވެސް އެދިފައެވެ.

ހުކުރު ނަމާދު ވަގުތުގައި 2 މިސްކިތަކަށް އަމާޒުކޮށްގެން ހަމަލާދީ، ގިނަ ބަޔަކު މަރާ، އިތުރު ބަޔަކު ޒަހަމްކޮށްލި ރަހުމު ކުޑަ ޖަރީމާ ހިންގި، އޮސްޓްރޭލިއާގެ ބްރެންޓަން ޓެރަންޓްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުއެވެ. އޭނާގެ މައްޗަށް ޖަލު ހުކުމް އިއްވާފައި ވަނީ ޕެރޯލްގެ ދަށުންވެސް މިނިވަން ނުކުރެވޭ ގޮތަށެވެ.