ބޭރު މީހުންނާއި ކުންފުނިތަކުގެ 100 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ރާއްޖޭގައި އެއާޕޯޓުތައް ހިންގޭނެހެން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި) އަށް އިސްލާހު ގެނެސްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން މިއަދު ގެޒެޓުކޮށްފައިވާ އިސްލާހުގައި ބުނެފައި ވަނީ، މިދިޔަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު އާންމުކޮށްފައި ވާ އެފްޑީއައި ޕޮލިސީގެ އެނެކްސް 1 ގެ ކޯޑު H3 އަށް އިސްލާހު ގެނެސްފައި ވާ ކަމަށެވެ. މީގެ ކުރިން އެ ކޯޑުގައި ފްރެއިޓް ހިދުމަތް ހިމެނޭހެން އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ ބޭރުގެ 75 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ކަމުގައި ވިޔަސް ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭ ގޮތަށް ވަނީ އިސްލާހު ގެނެސްފައެވެ. ނަމަވެސް އެއީ ފްރެއިޓް ސާވިސް ނުހިމެނޭ ގޮތަށެވެ.
މިއަދުން ފެށިގެން އަމަލު ކުރަން ފަށާ މި އިސްލާހުގައި އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުން (ޓާމިނަލް ފެސިލިޓީސް ހިމެނޭހެން)، އެއާޕޯޓު އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތާއި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށް ވެސް 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށް ބުނެފައި ވެއެވެ. އެފަދަ އިންވެސްޓުމަންޓު ތަކުން މިނިމަން އިނީޝަލް އިންވެސްޓްމެންޓުގެ ގޮތުގައި ފަސް އަހަރަށް މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓު ކުރަން ޖެހެެއެވެ. އަދި ސަރުކާރުން ހުއްދަ ދިނުމުން އެފަދަ ވިޔަފާ ރިތަކަށް ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުސަތު ގިނަވެގެން 50 އަަހަރަށް ލިބޭނެ އެވެ.
ރާއްޖޭގައި އެއާޕޯޓު ހިންގައި އޮފަރޭޓް ކުރުމުގެ ހުއްދަ ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ދޭގޮތަށް އެފްޑީއައި އުސޫލަށް ބަދަލު ގެނެސްފައި ވަނީ ރާއްޖޭގެ އުތުރުން އޮންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާ އާ ހަވާލު ކުރަން އުޅޭކަމަށް އަޑުތައް ގަދެވެފައި ވަނިކޮށެވެ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު ފައިސާއިން އިންޑިއާ ކުންފުންޏަކުންނެވެ.
އިންވެސްޓު ކުރާނީ ރައްޔިތުން ދަރުވައިގެން ނަގާ ލޯނު، ތަން ހިންގާން ހަވާލުކުރާނީ އިންޑިޔާގެ ކުންފުނިތަކާއި.
ގައުމު ވިއްކާލާކަށް ނެތް ވިއްކާލައިފި ހަނިމާދޫ، ގަން، ކައްދޫ ހުރިހާ އެއަރޕޯޓެއް އިންޑިއާއަށް. ޙިތާމައިގެ ކޮޅެއްނެތް. މިފަހަރު އެހެންމީހަކު ވެރިކަމަށް އަޔަސް ކުރެވޭނެ ކަމެއްނެތް ތިޔަ އޮތީ އިންޑިއާ ސަރުކާރަށް ވިއްކާ ލާފަ ކުންފުނީގެ ނަމުގައި.