ކޮވިޑް-19 ކޮންޓްރޯލް ކުރަން އެންމެ ފަހުން އެޅި ފިޔަވަަޅުތަކަށް މި ހަފްތާ ނިމޭ އިރު ލުއިތަކެއް ދޭން މަޝްވަރާ ކުރަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ދޭނީ ކޮންކޮން ލުއިތަކެއް ކަން އެނގޭނީ މަޝްވަރާތައް ނިމުމުން ކަމަށެވެ. މަބްރޫކް ވިދާޅުވީ މަޝްވަރާ ކުރަމުން އަންނަނީ ދެވެން އޮތް އެންމެ ބޮޑެތި ލުއިތަކެއް ދިނުމަށް ކަމަށެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން މިހާތަނަށް ދިން އެންމެ ބޮޑެތި ލުއިތައް މިފަހަރު ދޭ ލުއީގެ ތެރޭގައި ނުހިމެނޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ވެކްސިނުގެ ދެޑޯޒް ފުރިހަމަ ކޮށްފައި ވާ މީހުންނަށް ކަރަންޓީނު ވުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް އަދި ލުއި ނުދޭނެ ކަމަށެވެ.
ކޮވިޑް ކޮންޓްރޯލް ކުރަން އެންމެ ފަހުން އެޅި ފިޔަވަޅުތަކުގެ މުއްދަތު މި ހަފްތާގައި ހަމަވާނެއެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި 16 ގަޑިއިރު ކާފިއު ހިންގުމާއި ކާފިއު ނޫން ވަގުތުތަކުގައި ވެސް ބޭރަށް ނުކުތުމަށް ފާހެއް ބޭނުން ކުރުން ހިމެނެއެވެ. ހަމައެއާއެކު ސްކޫލަތަކަށް ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުން ވަނީ ހުއްޓާލަފައެވެ. މިސްކިތްތަކުގައި ނަމާދުކުރުން މެދުކަނޑާލައި، ކެފޭ ރެސްޓޯރަންޓްތަކުގައި ތިބެ ކައިބޮއެ ހެދުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ. ކުޅިވަރު ކުޅުން ހުއްޓާލައި ސެލޫން އަދި ޖިމްތަކުން ވެސް އާންމުންނަށް ހިދުމަތް ދިނުން ވަނީ މެދުކަނޑާލާފައެވެ.
މި ފިޔަވަޅުތައް އެންމެ ފުރަތަމަ އަޅާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ދެ ހަފްތާގެ މުއްދަތަަކަށެވެ. އެ މުއްދަތު ހަމަވުމުން މިހާރު ވަނީ އެއް ހަފްތާއަށް އެ މުއްދަތު އިތުރު ކޮށްފައެވެ. މި މުއްދަތު ހަމަވާނީ މި މަހުގެ 16 އަށެވެ.
އޭރު ފިޔަވަޅުތައް ހަރުކަށި ކުރި އިރު މުޅި ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު އަންނަނީ 2000 އާ ކައިރިން ދުވާލަކަށް ރިޕޯޓް ކުރަމުންނެވެ. ނަމަވެސް މިހާރު ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 300 އިން ދަށަށް ގޮސްފައެެވެ. އެ ގޮތުން އިއްޔެ މި ބަލީގައި ޕޮޒިޓިވް ވި ޖުމްލަ މީހުންގެ އަދަދަކީ 246 އެވެ.