ހަމައެކަނި އިންޑިއާއަށް ބަރޯސާވެގެން ގަރުނު ނިމޭއިރުވެސް ފިނިހަކަ ދުވެލީގެ ރާއްޖެ އޮންނަން ވީތޯ ޕްރޮފެސަރު ހަސަން އުގެއިލް ސުވާލު ކުރައްވައިފިއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އުގައިލް ވިދާޅުވީ އިންޑިއާއަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ނޫން ކަމަށާއި ވީއިރު އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ.

އޭގެ އިތުރުން 21 ވަނަގަރުނު ނިމޭއިރު ވެސް ބޭނުންވަނީ ރާއްޖެ ފިނިހަކަ ދުވެލީގެ އޮންނަން ތޯ އުގައިލް ވަނީ ސުވާލު ކުރައްވާފައެވެ. އަދި މިއީ ސިޔާސީ ވާހަކައެއް ނޫން ކަމަށާއި މިއީ އިލްމީ ވާހަކައެއް ކަމަށް ވެސް އުގެއިލް ވަނީ ވިދާޅުވެފައެވެ.

އިންޑިއާއަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ނޫން. ވީއިރު އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ. ނޫނީ އެކާވީސްވަނަ ގަރުނު ނިމޭއިރު ވެސް އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ފިނިހަކަ ދުވެލީގެ އޮންނަން ތޯ؟ މިއީ ސިޔާސީ ވާހަކައެއް ނޫން. މިއީ އިލްމީ ވާހަކައެއް.
ޕްރޮފެސަރު ހަސަން އުގެއިލް
https://www.facebook.com/712725635/posts/10157869803215636/

އުގެއިލް އެހެން ވިދާޅުވެފައިވަނީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓް ޖެނެރަލް އޮފީހެއް ހުޅުވަން އިންޑިއާގެ ޔޫނިއަން ކެބިނެޓުން ފާސްކުރުމާ ގުޅިގެން ބައެއް އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވާއިރު އަނެއް ބަޔަކު އެކަމަށް ތާއީދު ކުރާ ދަނޑިވަޅެއްގައެވެ.

ފާޑުކިޔާ އާންމުންގެ ގިނަ ބަޔަކު ވަނީ އައްޑޫގައި އިންޑިއާގެ ކޮންސުލޭޓް އޮފީހެއް އެޅުމާ ދެކޮޅު ހަދާފައެވެ. އަދި އިންޑިއާއިން އުޅެނީ ދިވެހި ރާއްޖެ ހިފަން ކަމަށްވެސް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ.

އިންޑިއާ ސަރުކާރުން އައްޑޫގައި ކޮންސުލޭޓް އޮފީހެއް ގާއިމުކުރަން އެގައުމުގެ ޔޫނިއަން ކެބިނެޓުން ފާސްކުރުމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ އައްޑޫސިޓީގައި އިންޑިއާގެ ކޮންސުލޭޓް ޖެނެރަލް އޮފީހެއް ހުޅުވުމާމެދު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.