ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ގިނަ އަދަދެއްގެ މުސްލިމުންތަކެއް އަޅުވެތިކޮށްގެން ގެންގުޅެމުން އަންނަ ޝީންޖިއާންގް ޕްރޮވިންސްގެ ހޮޓާންއޭ ކިއުނު ސަރަހައްދުގައި ކުރިން މިސްކިތެއް ހުރި ބިމުގައި، ވިޔަފާރި އުސޫލުން ހޮޓާ ހިންގާ، ހެމްޓަން ބައި ހިލްޓަންގެ ޓަވަރެއް އަޅާ ކަމުގެ ހަބަރު ލިބިއްޖެއެވެ.

މުސްލިމުންގެ ނަސްލެއް ނައްތާލުމަށް ޗައިނާއިން ހިންގަމުންދާ ސިލްސިލާ ޖަރީމާގެ ތެރެއިން، ޝީންޖިއާންގްގައި ހުރި މި މިސްކިތް، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ސުންނާފަތިކޮށް، ލޯ މަތިން "ގެއްލުވާލީ" 2018 ވަނަ އަހަރުގެ ތެރޭގައެވެ.

އޮސްޓްރޭލިއަން ސްޓްރެޓީޖިކް ޕޮލިސީ އިންސްޓިޓިއުޓް (އެސްޕީ) އިން ސެޓެލައިޓް ފޮޓޯޓަކެއް ބަލައިގެން ހޯދި ހޯދުންތަކުން، މިއީ ޗައިނާއިން މިފަދަ ގޮތަކަށް ގެއްލުވާލަފައިވާ ހަމައެކަނި ތަން ނޫން ކަންވެސް ސާފުވެއެވެ. ގިނަ އަދަދެއްގެ މިސްކިތްތައް ސުންނާފަތި ކޮށްފައި ވާއިރު، އިސްލާމީ ރަމްޒުތަކެއްގެ ގޮތުގައި ސިފަކުރާ ގުއްބުތަކާ، މުންނާރުތަކާ، ހަނދުފަޅިތައްވެސް ނަގަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ޗައިނާގައި ދިރިއުޅޭ ވީގޫރު މުސްލިމު ކުއްޖަކު ނަމާދު ކުރަނީ/ފޮޓޯ: އޭޕީ ނިއުސް

މުއައްޒިންގެ ބަންގީގެ އަޑު މީގެ ކުރިން އިވެމުންދިޔަ ހޮޓާން ސަރަހައްދުން މިހާރު އިވެނީ، ހިލްޓަން ހޮޓާ އެޅުމަށް ބަރު މެޝިންތައް ގާނާ އަޑުފަށްގަނޑެވެ.

އެސްޕީއިން ލަފާ ކުރާ ގޮތުގައި، ޗައިނާ ސަރުކާރުން ތަންފީޒު ކުރަމުން އަންނަ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް، ޝީންޖިއާންގްގެ 16000 އެއްހާ މިސްކިތަށް ގެއްލުންދީ ސުންނާފަތި ކޮށްފައިވެއެވެ. މިއީ ޝީންޖިއާންގްގައި ހުރި މިސްކިތްތަކުގެ، ގާތްގަނޑަކަށް 65 ޕަސެންޓެވެ.

ޝީންޖިއާންގްގެ ވެރިކަން ކުރާ އުރުމްޗީގައި ކުރިން މިސްކިތެއް ހުރި ސަރަހައްދުވެސް ވަނީ ހުސް ބިމަކަށް ހަދާފައެވެ. މީގެ އިތުރުން، މަރުވެ ގޮސްފައިވާ އާއިލާ މެންބަރުންގެ މަހާނަ ދޮށަށް ދިއުންވެސް އޮންނަނީ މަނާ ކޮށްފައެވެ.

މީގެ އިތުރުން، ކަޝްގާރޭ ކިއުނު ސަރަހައްދުގައި މިސްކިތެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތެއް މިހާރު ވަނީ އާންމު ފާހާނާއަކަށް ހަދާފައެވެ. ވުޟޫ ކުރުމަށް ކުރިން ހާއްސަ ކޮށްފައިވާ ސިންކު ފަދަ ތަންތަން މިހާރު ބޭނުން ކުރަނީ، ފިރިހެނުން ކުޑަކަމުދާ ތަންތަނުގެ ގޮތުގައެވެ. މިސްކިތެއްގެ ގޮތުގައި އެ ތަން ބޭނުން ކުރަމުން ދިޔައިރު، ﷲ ގެ އިސްމުފުޅު ލިޔެފައިވާ ތަނުގެ މަތީގައި، ކަޅު ދަވާދު ހާކާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ވީގޫރު މުސްލިމުން ތުނބުޅި ބަހައްޓައި އުޅުންވެސް ޗައިނާގެ ކޮމިއުނިސްޓް މައި ސަރުކާރުން އޮންނަނީ މަނާކޮށްފަ/ފޮޓޯ: ލޯވީއިންސްޓިޓިއުޓް

ޝީންޖިއާންގެ މަގުތަކުން މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު، އިސްލާމީ އުސޫލުތަކާ ސިފަތައް ފެންނުން ހީނަރުވެފައި ވާ ކަމަށް ހަބަރު ލިބެއެވެ. އެގޮތުން، ތުނބުޅި ހުންނަނީ މަދު މީހެއްގެ ކަމަށާ، އަންހެނުންވެސް ބުރުގާ އަޅާލެއް މަދުކަމަށްވެއެވެ. އަދި ނަމާދު ކުރަން ހާއްސަ މުއްސަލައެއް ގެންގުޅުމަކީ ކޮންމެ ކޮންމެ މީހަކަށް މިއަދު ކުރަން ކެރޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މުސްލިމުންގެ ނަސްލެއް ނައްތާލުމަށް ޗައިނާއިން ގަތުލުއާންމާއި ލާއިންސާނީ ޖަރީމާ ހިންގާ ކަމަށް، ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ ތުހުމަތުތަކަށް ޗައިނާއިން ތަކުރާރުކޮށް އިންކާރު ކުރެއެވެ. މިސްކިތް ސުންނާފަތި ކުރާ ކަމުގެ ވާހަކަތަކަށްވެސް ޗައިނާއިން އިންކާރު ކުރެއެވެ.

ޗައިނާގައި ދިރިއުޅޭ ވީގޫރު މުސްލިމުންގެ ހައްގުގައި ކުރި މުޒާހަރާއެއްގެ ތެރެއިން/ފޮޓޯ: ނޭޝަނަލް އިންޓްރެސްޓް

ހިލްޓަން އިން ވަނީ، ހޮޓާންގައި ހިންގާ ހޯޓާ މަޝްރޫއަކީ، ފްރެންޗައިޒް އުސޫލުން ތަރައްގީ ކުރާ މަޝްރޫއެއް ކަމަށް ބުނެފައެވެ. އަދި އެ ސަރަހައްދުގެ ތަފްސީލުތައް ބަލާލުމުގެ ފުރުސަތު، ނޫސްވެރިންނަށް ދީފައި ނުވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައިވެއެވެ.

ހޮޓާ ތަރައްގީ ކުރާ ބިމަކީ، 2019 ވަނަ އަހަރު، ނީލަމުގެ އުސޫލުން، އެ ސަރަހައްދުގެ އާންމު މީހަކު ގަތް ބިމެއް ކަމަށް ހިލްޓަންއިން ބުނެއެވެ. އަދި ސަރަހައްދުގެ ހުރިހާ ގާނޫނަކަށް ކިޔަމަންވާނެ ކަމަށްވެސް ހިލްޓަންއިން ވަނީ ބުނެފައެވެ.

ޝީންޖިއާންގްގައި މިހާރުވެސް ހިލްޓަން ބްރޭންޑްގެ 3 ހޮޓަލެއް ހިންގައެވެ. ހުރިހާ ތަނެއްވެސް ހުރީ، އުރުމްޗީގައެވެ.