އަވަށްޓެރި ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން ހުޅަނގު އައްސޭރީގައި ދަތުރު ކުރަމުން ދަނިކޮށް ސިންގަޕޫރުގެ އެކްސް-ޕްރެސް ޕާލް ކާގޯ ބޯޓުގައި ރޯވެ، ހިސާބަކަށް ފެތިފައި އޮތުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލެއް ގޮތުގައި، ބޯޓުގެ އޮޕަރޭޓަރުންގެ އަތުން 40 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށް، ލަންކާއިން މަސައްކަތް ފަށައިފިއެވެ.

ލަންކާގެ ޕޯޓްސް އެންޑް ޝިޕިންގް މިނިސްޓަރު، ރޯހިތު އަބޭގުނަވަރުދަނާ ވިދާޅުވީ، ގެއްލުމުގެ ބަދަލު ހޯދުމަށް، އެމްވީ އެކްސް-ޕްރެސް ޕާލް ކޮންޓްރޯލް ކުރަމުން އަންނަ އެކްސް-ޕްރެސް ފީޑާޒްގެ ކިބައިން އެދިފައި ވާނެ ކަމަށެވެ.

ގިނަ އަދަކަށް ކެމިކަލާއި ޕްލާސްޓިކް ފަދަ ގެއްލުންދެނިވި މާއްދާތަކާ، ތެޔޮވެސް ހުރި މި ބޯޓު، ލަންކާގެ ވެރިރަށް ކޮޅުނބުގެ ރަށް ބޭރަށް ފެތެން ފެށީ ޖޫން 2 ވަނަ ދުވަހުއެވެ. އޭރު ބޯޓުގައި ރޯވެ، އަނދަމުން ދާތާ 2 ހަފުތާއެއްހާ ދުވަސް ވެއްޖެއެވެ. ބޯޓުން ބޭރުވާ ގިނަ އަދަދެއްގެ މާއްދާތައް، މިހާރުވެސް ދަނީ ސްރީލަންކާގެ އައްސޭރި ފަށުގެ ސަރަހައްދުތަކަށް ލައްގަމުންނެވެ. އަދި ކަނޑުގެ ދިރުންތަކަށްވެސް އެކަމުގެ ނޭދެވޭ އަސަރު ފޯރާކަން، ފެންނަ މަންޒަރުތަކުން އަންގައިދެއެވެ.

ތިމާވެށީގެ ހައްގުގައި މަސައްކަތް ކުރާ ލަންކާގެ ފަރާތްތަކުން ވަނީ، މިއީ އެ ގައުމުގެ ތާރީހު ދުށް، މިފަދަ އެންމެ ނުރައްކާތެރި ހާދިސާ ކަމަށް ސިފަކޮށްފައެވެ. ބައެއް ފަރާތްތަކުން ވަނީ، މިކަމުގެ އަސަރު އެތައް އަހަރަކަށް ދިގުލާ ދާނެ ކަމަށާ، އަދި މި ނުރައްކަލަކީ ބޯޑަރު ހުރަސް ކުރުމުގެ ބިރުވެސް އިންތިހާއަށް އޮތް ކަމެއް ކަމަށް އިންޒާރު ކޮށްފައެވެ.

އެކްސް-ޕްރެސް ޕާލްގެ ހާދިސާއާ ގުޅިގެން ސްރީލަންކާގެ މަސްވެރިކަމުގެ މަސައްކަތްތައް ހިސާބަކަށް މަޑުޖެހިފައި ވާ އިރު، އެ ގައުމުން ވަނީ، ކަނޑުގެ ދިރުންތަކާ ގުޅިފައިވާ އިގުތިސޯދީ ހަރަކާތްތަކަށް، މި ހާދިސާގެ ސަބަބުން ފޯރާނެ އަސަރު ދިރާސާ ކުރުމަށް، އޮސްޓްރޭލިއާގެ އެހީއަށް އެދިފައެވެ.

ހާދިސާއާ ގުޅިގެން ބޮޑު ސަރަހައްދެއްގައި މަސްވެރިކަން ކުރުން މަނާ ކޮށްފައި އޮތުމަށްފަހު، ހޮނިހިރު ދުވަހު ބައެއް ސަރަހައްދުތަށް ހުޅުވާލާފައި ވާ ކަމަށް މައުލުމާތު ލިބެއެވެ. މަސްވެރިކަން މަޑުޖައްސާލަން ކަމާ ބެހޭ ފަރާތްތަކުން އެންގުމާއެކު އެކަމުގެ އަސަރު، 20000 އެއްހާ އާއިލާއަށް ފޯރި ކަމަށް ހަބަރު ލިބެއެވެ.