މުޅި ދުނިޔެ ކޮންޓްރޯލް ކުރުމަށް ނުފޫޒު ފޯރުވަމުން އަންނަ ކޮމިއުނިސްޓް ޗައިނާއަށް ގޮންޖެހުމުގެ ގޮތުން، އިގުތިސޯދީ ގޮތުން އެންމެ ތަނަވަސް 7ގައުމުގެ އިއްތިހާދު (ޖީ-7) އިން، އުމްރާނީ ތަރައްގީގެ ވަރުގަދަ ޕްލޭނެއް އެކުލަވާލައިފިއެވެ.

މި ޕްލޭނަކީ ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް އެއްބާރުލުން ދިނުމާ ބެހޭ ޕްލޭނެކަށް ވާއިރު، ޖީ-7ގެ މެންބަރު ގައުމުތަކުން ވަނީ ޕްލޭން ބަލައިގެންފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ، އެމެރިކާގެ އެއްބާރުލުމާއެކު ހިންގާ ބިލްޑް ބެކް ބެޓާ ވޯލްޑް (ބީ3ޑަބްލިއު) މަޝްރޫއަކީ، ޗައިނާގެ މަޝްރޫއުތަކުގެ ބަދަލުގައި އިހުތިޔާރު ކުރެވޭ ވަރުގަދަ ފެންވަރު ރަނގަޅު މަޝްރޫއަކަށް ހައްދަވަން ބޭނުންފުޅު ވާ ކަމަށް ވިދާޅުވެފައެވެ.

ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދިޔަ އިރު، ޗައިނާގެ މަސައްކަތްތެރިއެއް ބުރިޖުގެ މަސައްކަތުގައި ހަރަކާތްތެެރިވަނީ / ފައިލް ފޮޓޯ: ޙުސައިން މަޚްތޫމް | ދަޕްރެސް

ޗައިނާއިން މައިގަނޑު ގޮތެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ، ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރްއައި)ގެ ދަށުންނެވެ. މި މަޝްރޫއުގެ ދަށުން ގިނަ ގައުމުތަކެއްގައި، މަގުތަކާ، ރޭލު ޓްރެކުތަކާ، ބަނދަރުތައް ހަދާފައި ވީ ނަމަވެސް، އެ ގައުމުތައް ދަރަނި ދަންތުރާގައި ޖައްސާފައި ވާ ކަމުގެ ފާޑުކިއުންތައް، ޗައިނާއަށް ސިލްސިލާ ގޮތެއްގައި އަމާޒުވެއެވެ.

އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ ޖީ-7 ގެ ލީޑަރުންގެ ބައްދަލުވުމުގައި، ޗައިނާއަށް ގޮންޖަހަން ތަރައްގީގެ ޕްލޭނެއް ބަލައިގެންފައި ވާ އިރު، އެ ޕްލޭނަކީ އެކުގައި މަސައްކަތް ކުރާ ދެ ފަރާތަށްވެސް ކުރިއެރުން ކަށަވަރު ކުރުވަނިވި، ފެންވަރު ރަނގަޅު އަދި ދެ ފުށް ފެންނަ އުސޫލަކުން ހިންގާނެ ޕްލޭނެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

އެމެރިކާގެ 46 ވަނަ ރައީސް ޖޯ ބައިޑަން، ރިޔާސީ ގަރާރުތަކެއްގައި ސޮއި ކުރެއްވުމުގެ ތެރެއިން / ފޮޓޯ: ނިއުސްޑޮޓްކޮމް

ކަން މިހެން އޮތް އިރު، ޖީ-7 އިން އުމްރާނީ ތަރައްގީގެ މަޝްރޫއު ހިންގާނެ ގޮތުގެ މާލީ ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. ޖަރުމަނުވިލާތުގެ ޗާންސެލާ އެންހެލާ މާކޭލް ވިދާޅުވީ، މަސައްކަތްތައް އަދި އޮތީ، އެފަދަ ތަފްސީލުތަކެއް ހާމަ ކުރެވޭނެ މަރުހަލާއެއްގައި ނޫން ކަމަށެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީތަކުގެ ތެރޭގައިވެސް ގުނާލެވޭ ޖީ-7ގެ ގައުމުތަކުން ވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފަދަ ބަލިމަޑުކަމުން، ކުރިއަށް އޮތް ތަނުގައި ދުނިޔެ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމާ ބެހޭ އާ ޕްލޭނަކަށްވެސް ރުހުން ދީފައެވެ.