ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ޖަލުތަކުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަން ނިންމާލާފައި ވާ ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން ބުނެފިއެވެ.
މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލަށް ފުލުހުންނާއި ސިފައިން ވަދެފައި ވަނީ މިއަދު ފަތިހު 5:30 ގައެވެ. އެ އޮޕަރޭޝަންގައި މިއަދު ޖަލުތަކުގައި ހަމަނުޖެހުން ހިނގައި، ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރި ކަމަށް ވާހަކަ ދެކެވުނު ނަމަވެސް ފުލުހުންނާއި ކަރެކްޝަންސް އިން ވެސް ވަނީ އެކަން ދޮގު ކޮށްފައެވެ.
ކަރެކްޝަންސް އިން ބުނީ މިއަދު ހެނދުނުން ފެށިގެން އެ ސާވިސް އާއި ފުލުހުންނާއި ސިފައިން ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަން މިހާރު ނިންމާލާފައިވާ ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަން އާ ބެހޭ އިތުރު ތަފްސީލެއް އެފަރާތުން ހާމައެއް ނުކުރެއެވެ.
މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގައި އިންކުއަރީއެއް ކުރިއަށްދާ އިރު އަދިވެސް މި މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ހަމަލާގެ ތަހުގީގު ކުރިއަށް ދަނީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، ހަމަލާ ރާވާއި ހިންގި މީހުންނާއި އަދި ހަމަލާއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިން މީހުން ހޯދުމަށް ފޯކަސް ކޮށްގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ހަމަލާއަށް ފަހު ސަލާމަތީ ބާރުތަކުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި މިހާތަނަށް 14 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެތެރެއިން 5 މީހުންނަކީ ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާ އާ ގުޅުން ހުރި މީހުން ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް މިހާތަނަށް ފުލުހުން ވަނީ އެ ފަސް މީހުންގެ ތެރެއިން 4 މީހެއްގެ ވަނަވަރު ހާމަކޮށްފައެވެ. އެއީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ. އެމީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.