މިއަދު މަރުވި ޒުވާނާ އަކީ ކޮވިޑް ފަރުވާގައި ވެންޓިލޭތަރުގައި އޮންނަތާ 15 ދުވަސްވީ ބަލި މީހެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީޢޭއިން ބުނީ، އޭނާ މަރުވެފައި ވަނީ މިއަދު މެންދުރު 12:43 ހާއިރު ކަަމަށެވެ. އަދި އޭނާއަށް ފަރުވާ ދީފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިލިގާއި ކަމަށް ވެސް އެ ފަރާތުން ބުނެއެވެ. އޭނާ މަރުވެފައި ވަނީ ވެންޓީލޭޓަރުގައި ފަރުވާ ދެމުންދާތާ 15 ދުވަސް ފަހުން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ، މަރުވި އަންހެން މީހާ ވަނީ ސިޒޭރިއަން ހަދާފައިވާ ކަމަށެވެ. އަދި ވިހޭ ކުއްޖާ ވަނީ، ވިހާ ތުއްތުކުދިން ލާ އައިސީޔޫގައި ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑުގައި މަރުވެފައި ވަނީ ފ. ނިލަންދޫ، މޯނިންގްސަން ސަމީއާ އަހުމަދު (ސަންމެ) އެވެ. މިއީ ރާއްޖެއިން މި ބަލީގައި ފަރުވާ ހޯދަމުން ދިޔަ މާބަނޑު މީހުންގެ ތެރެއިން މަރުވި ފުރަތަމަ މީހާ ކަމަށް ވެސް އެޗޕީއޭއިން ބުނެއެވެ. އޭނާ އަކީ މި ބަލީގައި ރާއްޖެއިން މަރުވި 195 ވަނަ މީހާއެވެ. އަދި މި ބަލީގައި މަރުވި އެންމެ ޒުވާން އަންހެން މީހާ ވެސް މެއެވެ.

އެ އަނެހންމީހާ ހާލު ސީރިއަސް ވެގެން ރަށުން މާލެއަށް ގެނެސްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އަދި އޭނާގެ ހާލު ސީރިއަސްވުމާ ގުޅިގެން މެއި 29 ގައި ސިޒޭރިއަން ހަދާ ވަނީ ދަރިފުޅު ނަގާފައެވެ. އޭރު ސަމީއާގެ ބަނޑަށް ވަނީ 8 މަސް ފުރިފައި ކަމަށް މައުލޫމާތު ލިބެއެވެ.

މިހާރު ކޮވިޑް ބަލިޖެހިގެން ބޮޑުވަރުވާ މާބަނޑު މީހުންނާއި ކުޑަކުދިން ގިނަ ކަމަށް ސިއްހީ މާހިރުން ބުނެފައި ވެއެވެ. އަދި މާބަނޑު މީހުންނަށް ބޮޑުވަރުވަމުން ދާތީ އެޗްޕީއޭއިން ވަނީ ކޮވިޑުން ރައްކާތެރި ވުމަށް މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖެހުމަށް އަންގާފައެވެ.