ވެރިކަމަކީ އޭގެ ރަހަ ލައިފިނަމަ މީހުން އަމަލު ކޮށްލާ ފަދަ އަފިހުނެކެވެ. އެ ބީވެގެން ދިޔަ ނުދިނުމަށްޓަކައި އެ މަގާމުގައި ހުންނަ މީހަކު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ނުބައި ވިހައެކެވެ. ހަމަ އެހެންމެ ވެރިކަން ބީވެ ދިއުމަކީވެސް އެހާމެ ނުރައްކާތެރި ބައްޔެކެވެ. ބަދަލު ހިފުމާއި، ނަފްރަތުގެ އަލިފާން ކެކި އަނދާ ކަމެކެވެ.

ރާއްޖޭގެ ތާރީހުގެ މާ ކުރިން، މާ ގަދަ ބާރުވެރިކަމެއްގައި އުޅުނު އެއްތައް ބައެއްގެ ވާހަކަ ފަތްފުތްތަކުގައި އެބަހުއްޓެވެ. އެމީހުން ބިމުގައި ފައިޖަހާ ފުމެ ހެދީ އެވަރުގެ ދެވަނަ ބަޔަކު ނެތް ކަމަށް ދެކިގެންނެވެ. ވެރިކަން ބީވެދިޔުމުން ބަދަލު ހިފުމުގެ ރޫހުގައި އެތައް އަލިފާނެއް އެމީހުން ރޯކުރިއެވެ. ރާއްޖޭގެ ތާރީހު ކިޔާލިޔަސް ވެރިކަމުގެ ދަހިވެތިކަމުގައި ހިންގާފައި ހުރި އެތައް އެތައް ކަމެއް ފެންނާން އެބަހުއްޓެވެ. ލޭ އޮހޮރުވާއި މެރުމާއި ދީން ބަދަލު ކުރުން ފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

އޭގެ އެއް ހާދިސާއަކީ ގިނަބައެއްގެ ހަނދާނުގައި ހުރި އަލިރަސްގެފާނު ޝަހީދު ކޮށްލި ހާދިސާއެވެ. އެ ރަސްގެފާނު ޝަހީދު ކޮށްލަން ވެރިކަމުގެ ކިއްލާގެ ތެރޭން ރޭވި ރޭވުމާއި، އެ ރަސްގެފާނުގެ އަރިހުގައި މަސައްކަތް ކުރި މީހުން ޣައްދާރުވުމާއި އަލިރަސްގެފާނުގެ ކުރިން ވެރިކަމުގައި ހުންނެވި ނުވަވަނަ ހަސަން ރަސްގެފާނު ފިލައިގެން ރާއްޖެ ދޫކޮށްގޮސް ވެރިކަމުގެ ދަހިވެތިކަމުގައި ރާއްޖެއަށް ޕޯޗުގީޒުން ފޮނުވާ މީހުން މެރި ވާހަކަ އަކީ މަޝްހޫރު ވާހަކައެކެވެ.

7 ފެބްރުއަރީ 2012 ވަނަ އަހަރުގެ ނަޝީދު ވެރިކަން ނިންމަން ޖުމްހޫރީ މައިދާން ކައިރިއަށް އެއްވުމުގެ ތެރެއިން

ނަޝީދުގެ ވެރިކަން ނިމުން

2012 ވަނަ އަހަރު ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުނީ ދިވެހި ތާރީހުގައި އެވާހަކަ އަބަދަށް ލިޔާނެ ހާ ހިތިކޮށެވެ. އޭރު ވެރިކަން ކުރި އެމްޑީޕީގެ ސަޕޯޓަރުންނާއި އިދިކޮޅު ފަރާތްތަކާ ދެމެދު ހަމަ ނުޖެހުން ހިނގާ، ހެންވޭރު އާޓިފިޝަލް ބީޗުގައި އެއްބަޔަކު އަނެއް ބަޔަކަށް ގާއުކާ ހެދިއެވެ. ސިފައިންނާއި ފުލުހުން ޖުމްހޫރީ މައިދާނުގައި ކުރިމަތިލާ، ހަމަނުޖެހުން ހިންގިއެވެ. ވެރިކަން ވައްޓާލީ ކަމަށާއި، އެކަން ކުރީ "ތެޔޮ ރިޕޯޓް" ނެރެތް އޮތް ދުވަހު ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، ލައިވް ޓީވީގައި ނަޝީދު އިސްތިއުފާ ދެއްވިތަން ގައުމު ވަނީ ދެކެފައެވެ.

"އެ ދުވަހަށް ފަހު، މިއަދާ ޖެހެންދެންވެސް ރައީސް ނަޝީދުގެ މަސައްކަތްޕުޅަކީ ވެރިކަން ހޯއްދެވުން، އެ މަގަށް މަސައްކަތް އެ ކުރަނީ"
ސިޔާސީ ތަޖުރިބާކާރެއް

ނަޝީދުގެ ވެރިކަން ނިމިގެން ދިޔަ ގޮތާ މެދު އެކި މީހުން އެކި ގޮތަށް ވާހަކަ ދައްކާ އިރު، އެ ވެރިކަން ބަޣާވާތް ކޮށްލީ ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. ވެރިކަން ވެއްޓުނު ގޮތުގެ ތަހުގީގު ރިޕޯޓުގައި "މިއުޓިނީ" އެއް ކަމަށް ބުނެފައި ވާ ކަމަށާއި، އެއީ ސީދާ ސާފު ބަޣާވާތެއްކަމަށް ނަޝީދުގެ ސަޕޯޓަރުން މިއަދުވެސް ދަނީ ބުނަމުންނެވެ. އަދި ނަޝީދުވެސް ދޭތެރެ ދޭތެރެއިން އެ މަގަށް އެވާހަކަ ދައްކަވައެވެ.

"ކޯނީ ރިޕޯޓުގައި ބުނާ ކަންތައްތައް ބަލާއި ނިންމާފައި ސިޓީ ހޯލަށް އެއްވެފައި ރައީސް ނަޝީދު ވެސް ހުރެގެން އެމްޑީޕީ އެންމެން ނިންމީ ކޯނީ ރިޕޯޓުގައި އެއޮތީ ބަގާވާތެއް ނޫން ކަމަށޭ. ދެން އެހެންވެއްޖިއްޔާ އެކަމާ ގުޅިގެން ހިނގާ ދިޔަ ހުރިހާ ކަމަކީ އެއީ މަންސޫހު ވީ ކަމެއް ނޫންތޯ؟ އަޅުގަނޑުމެން މި ތިބީ އެކަން ގަބޫލުކޮށްގެން ނޫން ތޯ؟ ދެން މިހާރު ކޮން ބަދަލެއް ހޯދަން އުޅޭކަށް. ދެން ކޯއްޗެއްގެ ވާހަކައެއް ދައްކާކަށް."
ރީކޯ މޫސާ މަނިކު

ނަޝީދުގެ ވެރިކަން ނިމުނު އިރު އެމްޑީޕީގެ އިސްކާރުކާޓީގައި ހުންނެވި، ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު އެހެން ވިދާވި ނަމަވެސް، ނަޝީދާއި އެ ޕާޓީގެ ބައެއް މެންބަރުން އެކަން ގަބޫލުކުރާ ކަމަކަށް ނުފެނެއެވެ. އެމީހުން މިހާރު ދައްކަނީ ވެރިކަން ވައްޓާލި ގޮތުގެ ތަހުގީގު ހިންގަން ޖެހޭ ވާހަކައާއި އެކަމަށް މަގުފަހިވާ ގޮތަށް ގާނޫނުތައް ބަދަލު ކޮށް ވެރިކަމުގެ ނިޒާމުވެސް ބަދަލު ކުރާ ވާހަކައެވެ. ނަޝީދަށް ވެރިކަމަށް އަނބުރާ ވަޑައިގެންނެވޭނެ ކޮންމެ ފޯމިއުލާއެއްވެސް ރަނގަޅު ވާހަކައެވެ.

ފޮޓޯގަނޑު އިރުން، އެއީ އަސްލެއްތަ؟

އެއީ ހަމަ އަސްލޭ ހީވާ ވަރަށް ޕާޓީގެ ލީޑަޝިޕް ދެ ފެކްޝަނަކަށް ބެހި އެއްބަޔަކު އަނެއްބަޔު ގެންދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ފަދަ ބޭފުޅުން އެއް ޓީމަކަށް ކުޅުއްވާއިރު އެބޭފުޅުންގެ އަޑުވެސް ގަދައެވެ. ސީދާ ފާޅުގައި ސަރުކާރަށް ފާޑުވެސް ވިދާޅުވެއެވެ. މިއަދު ވެރިކަމުގައި ހުންނެވީ އެމްޑީޕީގެ އަދި ރައީސް ނަޝީދުގެ "ކުޑައިރުގެ ދޯސްތް" އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ވިޔަސް ދުލެއް ނުދެއްވައެވެ. ސަރުކާރުގެ ސްލޯ ކަމާއި ކަމެއް ނުކުރެވޭ ވާހަކަ އެހެން ބައެއް މެންބަރުންނެކޭ އެއް ބީދައަކުން މަޖިީހުގެ ތަޅުމުގައިވެސް ދައްކައެވެ.

ޖޫން 6، 2021 ގައި ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންވެސް އިނގިލި ދިއްކުރި ދެބޭފުޅުންގެ ތެރެއިން އެއްބެފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެއީ "އިންސައިޑް ޖޮބެއް" ކަމަށާއި، އެކަމުގެ ފަހަތުގައި އޮތީ ނަޝީދަށް ވެރިކަމަށް ވަޑައިނުގެންނެވޭނެ ގޮތެއް ހެދުން ކަމަށް ބައެއް މީހުން ބުނެއެވެ.

ރައީސް ސޯލިހަށް އަމާޒު ކުރާ ފާޑުކިޔުންތައް ބޮޑުވެ "ފޮޓޯގަނޑު އިރިއްޖެ" ކަމަށް ބުނާ މީހުން ބާރު ހޯދަނީ އިއްޔެ ހަސަން ލަތީފާއި މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ދައްކަވާފައި ހުރި ވާހަކަތަކުންނެވެ. ބިގޭ އިއްޔެ ވިދާޅުވީ ޕާޓީ ދެބައި ނުވިޔަސް، މަޖިލީހާއި ސަރުކާރާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ މަސައްކަތްތައް ދެބައިވަމުން ދާތަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ހުރިހާ ކަމެއްގެ އަމާޒަކީ 2023 ގެ ރިޔާސީ ޓިކެޓް ކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ. އެއާއެކު ހަސަން ލަތީފު ވިދާޅުވީ، އެމްޑީޕީގެ މަސައްކަތްތައް ދެބައިވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެ ޕާޓީ ވެސް އެކަހެރިކޮށް، (ރައީސް ސޯލިހު) ސަރުކާރު ހިންގަން އުޅުއްވުމުން ކަމަށެވެ. އަދި ހާއްސަކޮށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ކޮރަޕްޝަންގެ އެހެން މައްސަލަތަކުގައި ސަރުކާރުން ފޫކަހަން ފެށުމުން ކަމަށެވެ.

"އެއީ ހުސް ގޭމް، އެ ގޭމުގެ ތެރެއަށް އަހަރެމެން ވަންނަނީ ކީއްކުރަން، އާހިރުގައި އެއީ ހަމަ އެކައްޗެއް، އެ ތަޅާފޮޅުގެ ތެރެއަށް އަހަރެމެން ވަނީމަ ދެން ބުނާނީ އެއީ އަހަރެމެން ހަދާ ގޮތެއް ބަލާލަން ކުރި ކަމެކޭ"
އިދިކޮޅު ޕާޓީގެ ލީޑާޝިޕް ބޭފުޅެއް

އެމްޑީޕީގެ އެތެރޭގެ ކޯޅުމާބެހޭ ގޮތުން އިދިކޮޅު ޕީޕީއެމްގެ އިސް ލީޑަރަކު ވިދާޅުވި އެ ވާހަކަ އާންމު ބައެއް ވިޔަފާރިވެރިން ވެސް ބުނެއެވެ. އަދި ބައެއް ޓެކްސީ ޑްރައިވަރުންގެ ހިޔާލުވެސް އެއްގޮތްވެއެވެ. ރެސްޓޯރަންޓާއި ކެފޭ ހިންގާ ބައެއް މީހުންވެސް ބުނަނީ ހަމަ އެހެންނެވެ. މާރުކޭޓު ސަރަހައްދާއި އެމްޕީއެލް ސަރަހައްދުގައި އުޅޭ ބައެއް މީހުން ކުރެން އަހާލީމައިވެސް ދިން ޖަވާބަކީ އެއީއެވެ.

މިއަދު ރައީސް ސޯލިހާއި، ރައީސް ނަޝީދާ ދެމެދު، ދެން ކައިރި ނުވެވޭވަރަށް ހިޔާލުތަފާތު ވެއްޖެ ކަމަށާއި، ދެ މިތުރުން ދެ ހަތުރުންނަށް ވެއްޖެ ކަމަށް ބުނެ ދައްކާ ވާހަކަ އެމީހުން ގަބޫލެއް ނުކުރެއެވެ. އަދި ފަހުވަގުތު (2023ގައި) އެއީ އެކައްޗެއް ކަމަށާއި، އެނޫން ފޯމިއުލާއަކުން އެމްޑީޕީއަށް ވެރިކަން ނުލިބޭނެ ކަމަށްވެސް އެމީހުން ބުނެއެވެ. އޭގެ ތެރެއިން ބައެއް މީހުން ގަބޫލުކުރާ ގޮތުން، 2023ގައި ވެރިކަމަށް 2 ބޭފުޅުންވެސް ނުކުމެވަޑައިގަންނަވާނެއެވެ. އަދި 2 ބޭފުޅުންވެސް ނުކުމެވަޑައިގަންނަވާނީ ވަކިވަކިން 2 ޓީމަކަށެވެ. އޭގެ ބޭނުމަކީ، 3 ވަނަ ބަޔަކަށް ގިނަ ވޯޓު ލިބުނަ ނުދިނުން ކަމަށާއި، 2 ވަނަ ބުރުގައި ރައީސް ސޯލިހާއި ނަޝީދު ކޯލިޝަނެއް ހައްދަވާނެ ކަމަށެވެ. އަނެއް ބަޔަކު ގަބޫލު ކުރަނީ މިހާރު "އެ ތެޅުން ތެޅިޔަސް" 2023 ގައި ވެރިކަމަށް ނުކުމެވަޑައިގަންނަވާނީ އެ 2 ބޭފުޅުން އެކުގައި އެއްޓީމެއްގައި ކަމަށެވެ.

މިއަދު ފެންނަ ހަގީގަތަކީ ވެރިކަމަށްޓަކައި ކޮންމެފަދަ ޒަހަމެއް ލިބެން ޖެހުނަސް އަދި ފާޅުގައި ސޯލިހަށް، ނަޝީދު މެސެޖް ކުރެއްވުން ކަމަށް ވިޔަސް އަދި އެއްކޮށް ފެންނަން ހުރި ފޮޓޯގަނޑު އިރުން ކަމަށްވިޔަސް އެއީ އަސްލެއް ނޫން ކަމަށާއި، ރައީސް މައުމޫނާއި ރައީސް ޔާމީނާ ހިލާފަށް ރައީސް ނަޝީދާއި ރައީސް ސޯލިހަކީ "އެއް ފޮތުން ކިޔަވައިގެން ތިބި" ދެބޭފުޅުން ކަމެވެ.