ތައިލޭންޑްގައި އުފައްދަމުން އަންނަ އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިން ސަޕްލައި ކުރުމުގައި ސީދާ އެގައުމަށް އިސްކަން ދެމުން އަންނަ ކަމަށާ، މިކަމުގެ ސަބަބުން ވެކްސިން ސަޕްލައި ލަސް ވާނެ ކަމަށް، ޓައިވާންގެ ރައީސް ސައި އިންގް-ވެން ވިދާޅުވެއްޖެއެވެ.

ޓައިވާންގެ ރައީސް ވިދާޅުވީ، ތައިލޭންޑްގައި އުފައްދާ އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިން ސަޕްލައި ކުރުމުގައި އެގައުމަށް އިސްކަން ދެނީ، އެ ގައުމުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ހާލަތު ގޯސް ވަމުން އަންނާތީ ކަމަށެވެ.

ޓައިވާންގެ ރޭޑިއޯ ސްޓޭޝަނަކަށް ދެއްވި ބަސްދީ ގަތުމެއްގައި ސައި ވިދާޅުވީ، މައްސަލައަކީ، ވެކްސިން އުފައްދަން ބޭނުންވާ ސާމާނުގެ ތެރެއިން، ޖޫން މަހު ލިބެންޖެހޭ ބައެއް ބާވަތްތައް ލިބިފައި ނުވުން ކަމަށެވެ.

ޓައިވާނުން ވަނީ، އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިންގެ 10 މިލިއަން ޑޯޒް ގަތުމަށް އޯޑަރު ދީފައެވެ. މީގެ ބޮޑު ބައެއް އުފައްދަނީ ތައިލޭންޑްގައެވެ.

ތައިލޭންޑުން މިހާރު ވަނީ 189900 އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައެވެ. މީގެ 80 ޕަސެންޓަށްވުރެ ބޮޑު ބަޔަކީ، މިދިޔަ އޭޕްރިލް މަހުން ފެށިގެން ރިޕޯޓް ކޮށްފައިވާ ކޭސްތަކެވެ.

ޓައިވާންގެ ރައީސްގެ ވާހަކަފުޅުތަކާ ގުޅިގެން ތައިލޭންޑާއި އަސްޓްރާޒެނީކާއިންވެސް ރަސްމީ ސިފައެއްގައި އެއްޗެއް ބުނެފައެއް ނުވެއެވެ.

ހުސްވި ހަފުތާގައި ޖަޕާނުން ވަނީ، 1.24 މިލިއަން ޑޯޒްގެ އަސްޓްރާޒެނީކާ ވެކްސިން، ޓައިވާނަށް ހަދިޔާ ކޮށްފައެވެ.

ކޮވިޑް-19ގެ ވެކްސިން އެންމެ ފުޅާ ދާއިރާއެއްގައި ބައިނަލްއަގުވާމީ ބާޒާރަށް ސަޕްލައި ކުރަމުން ދިޔައީ އިންޑިއާއިންނެވެ. ނަމަވެސް ރެކޯޑް އަދަދުތަކުން ކޭސް ފެންމަތިވެ، އިންޑިއާއިންވެސް ވަނީ ހަމައެކަނި އެގައުމުގެ ބޭނުމަށް ވެކްސިން ބޭނުން ކުރަން ނިންމާފައެވެ.