ކުރިއަށް އޮތް އދގެ 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ޝެފް ޑި ކެބިނެޓްގެ މަގާމު އަދާ ކުރައްވާނީ، އިންޑިއާގެ ޑިޕްލޮމެޓު ނަގަރާޖް ނައިޑޫ ކުމާރްކަން ރަސްމީކޮށް އިއުލާން ކުރީ ބުރާސްފަތި ދުވަހުއެވެ. މިއީ އދގެ އާންމު މަޖިލީހުގެ ރައީސްގެ ޝެފް ޑި ކެބިނެޓްގެ މަގާމަށް އިންޑިއާގެ ޑިޕްލޮމެޓަކު އައްޔަން ކުރެވުނު ފުރަތަމަ ފަހަރުވެސްމެއެވެ.

ޝެފް ޑި ކެބިނެޓްގެ މަގާމަކީ، ސަރުކާރެއް ހިންގާ ނިޒާމަށް ބަލާ ކަމުގައި ވަނީ ނަމަ، ޗީފް އޮފް ސްޓާފްއާ އެއް ފެންވަރުގެ މަގާމެކެވެ. އދގެ އާންމު މަޖިލީހުގެ ރައީސް އައްޔަން ކުރައްވާ ޝެފް ޑި ކެބިނެޓްގެ ދައުރުގެ މުއްދަތަކީ 1 އަހަރު ދުވަހެވެ.

އިންޑިއާއަކީ، އަދގެ އާންމު މަޖިލީހުގެ ރިޔާސީ ގޮނޑި، ދިވެހިރާއްޖެއަށް ކަށަވަރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ގައުމު ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. ނަގަރާޖް ނައިޑޫ ކުމާރްއަކީ އިންޑިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްއެވެ.

އދގެ އާންމު މަޖިލީސް ސިފަކުރައްވަމުން ނައިޑޫ ވިދާޅުވީ، އެ މަޖިލީހަކީ އދގެ ގުނަވަންތަކުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވޭ، މުހިންމު ސިޔާސަތުތައް ކަނޑައަޅާ، ގައުމުތައް ތަމްސީލު ކުރާ މައި ގުނަވަން ކަމަށެވެ. 193 މެންބަރު ގައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހަކީ، ސުލްހައާއި ސަލާމަތްތެރިކަން ފަދަ، ބައިނަލްއަގުވާމީ އެކި ކަންކަމާ ބެހޭ ގޮތުން އެއް ގައުމަށް ވުރެ ގިނަ ގައުމު ބައިވެރިވާ މަޝްވާރަތަކަށް ހާއްސަ، އާދަޔާ ހިލާފު ޕްލެޓްފޯމެއް ކަމަށްވެސް ނައިޑޫ ވިދާޅުވިއެވެ.

ޝާހިދުގެ ޝެފް ޑި ކެބިނެޓްގެ މަގާމަށް އައްޔަން ކުރެވުނު ކަމީ އޭނާއަށް ލިބިވަޑައިގެންނެވި ފަހްރެއް ކަމުގައި ނައިޑޫ ސިފަކުރައްވައެވެ. އަދި ޝާހިދު އުއްމީދީ ރިޔާސަތުގެ މޭސްތިރިކަމުގެ ދަށުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށްވެސް ނައިޑޫ ވަނީ ވިދާޅުވެފައެވެ.

ނައިޑޫ އަކީ އިންޑިއާގެ ފޮރިން ސާވިސް އޮފިސަރުންގެ 1998 ވަނަ އަހަރުގެ ބެޗުގައި ހިމެނިވަޑައިގަންނަވާ ޑިޕްލޮމެޓެކެވެ. ޗައިނާ ބަހަކީ ނައިޑޫއަށް ފެންފަދަ ބަހެކެވެ. ނައިޑޫ ޑިޕްލޮމެޓިކް ހަޔާތުގައި، އޭނާ ވަނީ ޗައިނާގައިވެސް މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން އިންޑިއާގައި ނޭޝަނަލް ސޯލާ އެލާޔަންސް ގާިއމު ކުރުމުގައި ނޭޝަނަލް ކޯޑިނޭޓަރުގެ ޒިންމާވެސް އަދާ ކުރެއްވިއެވެ.

2017 އިން 2018 ވަނަ އަހަރަށް ނައިޑޫ ހިދުމަތް ކުރެއްވީ، ޔޫރަޕް ވެސްޓް ޑިވިޝަންގެ ޖޮއިންޓް ސެކްރެޓަރީ އަދި ޑައިރެކްޓާ ޖެނެރަލްގެ ގޮތުގައެވެ. މައިގަނޑު ޒިންމާއަކަށް ވީ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް، ސްޕެއިން، ޕޯޗުގަލް، އަޔަލަންޑް، ބެލްޖިއަމް، ލަގްޒަމްބާގު، ނެދަލަންޑްސް، އެންޑޯރާ، ސޭން މެރީނޯ، މޮނާކޯ އަދި ވިލާތުގެ އިއްތިހާދާއެކު ސިޔާސީ ގުޅުން ދެމެހެއްޓެވުމެވެ.

އދގެ 76 ވަނަ އާންމު މަޖިލީސް ފަށަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ.