ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ކުރިން ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރި މީހަކު، ޑޮކްޓަރަކަށް ހެދިގެން ޕޭޝަންޓެއްގެ ހަށިގަނޑުގައި ސާޖަރީއެއް ހަދާފައިވަނިކޮށް، އެ ޕޭޝަންޓު މަރުވެފައި ވާ ކަމަށް، ޕާކިސްތާނުގެ ފުލުހުން ބުނެފިއެވެ.

ޕާކިސްތާނުގެ ލާހޯރް ސިޓީގައި ހިނގި މިހާދިސާގައި މަރުވެފައި ވަނީ، އުމުރުން 80 އަހަރުގެ ޝަމީމާ ބޭގަމް ނަމަކަށް ކިއާ މީހެކެވެ. މުހައްމަދު ވަހީދު ބަޓް ނަމަކަށް ކިއާ މިހާ، ޑޮކްޓަރަކަށް ވެގެން ހަދާފައި ވަނީ، ޝަމީމާގެ ބުރަކަށީގައި އުފެދިފައިވާ ފާރުގަނޑެއްގެ ސާޖަރީއެކެވެ.

ހާދިސާ ހިނގި، ލާހޯރް މެޔޯ ހޮސްޕިޓަލުގެ އިދާރީ އޮފިޝަލަކު ވިދާޅުވީ، އެއީ ބޮޑު ހޮސްޕިޓަލެއް ކަމަށާ، ހުރިހާ ޑޮކްޓަރުން ތާއަބަދު ކުރަނީ ކީއްތޯ ބަލަމުން، އަބަދު ނުދެވޭ ކަމަށެވެ.

ކަމަށް ގާބިލު ފަންނީ މީހުންވެސް ތިބި ތިއޭޓަރެއްގައި، މުހައްމަދު ވަހީދު ބަޓް ހަދާފައި ވަނީ ކަނޑައެޅިގެން ކޮން ކަހަލަ ސާޖަރީއެއް ކަމަށް ބުނަން ނޭނގޭ ކަމަށްވެސް އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ބޭގަމްގެ އާއިލާއިން އޮޕަރޭޝަނަށް ފައިސާ ދެއްކީ މުހައްމަދު ވަހީދު ބަޓްއަށެވެ. އަދި ސާޖަރީއަށްފަހު ގެއަށް އައިސް ދެ ފަހަރެއްގެ މަތިން ބޭސް އެޅުމަށްވެސް އެމީހާއަށް ފައިސާ ދީފައިވެއެވެ.

ނަމަވެސް ލޭ މަނާ ނުވުމުގެ މައްސަލަ ބޮޑުވެ، ވޭން ގަދަވާން ފެށުމުން އާއިލާއިން ޝަމީމާ އަނެއްކާވެސް ހޮސްޕިޓަލަށް ގެންދިޔައެވެ. ކަން ވީ ގޮތް އެނގުނީ އެހާ ހިސާބުން ކަމަށް ހަބަރު ލިބެއެވެ.

ޝަމީމާގެ ހަށިގަނޑު އަދި ވަޅުލާފައެއް ނުވެއެވެ. އޭނާގެ ހަށިގަނޑު ބާއްވާފައި ވަނީ އޮޓޮޕްސީއެއް ހެދުމަށެވެ. އެއީ އޭނާ މަރުވެފައި ވަނީ، ސާޖަރީގެ ސަބަބުން ތޯ ކަށަވަރު ކުރުމަށެވެ.

ލާހޯރް ފުލުހުންގެ ތަރުޖަމާނު، އަލީ ސަފްދާރު ވިދާޅުވީ، ސެކިއުރިޓީ ގާޑާ ދެކޮޅަށް ދައުވާ އުފުލާފައި ވާ ކަމަށާ، އޭނާ މިހާރުވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ޑޮކްޓަރަކަށް ހެދިގެން، އެހެން ޕޭޝަންޓުންގެ ގޭގެއަށް މީގެ ކުރިންވެސް ބަޓް ޒިޔާރަތް ކޮށްފައި ވާ ކަމަށް ހަބަރު ލިބެއެވެ.