ދުނިޔޭގެ އެންމެ ބޮޑު ފިލްމީ ސިނާއަތުގެ ގޮތުގައި ސިފަ ކުރަމުން އަންނަ، އިންޑިއާގެ ބޮލީވުޑް ފިލްމް އިންޑަސްޓްރީ މިސްރާބު ޖަހާފައިވަނީ އިޖުތިމާއީ އިސްލާހީ ބަދަލަކާ ދިމާއަށްތޯ ނުވަތަ ނޫންތޯ، މިއީ މިއަދު ފުޅާ ދާއިރާއެއްގައި ބަހުސް ކުރަމުން އަންނަ، އަދި އެކަމަށް ފުރުސަތު އޮތް މައުލޫއެކެވެ.
ބޮލީވުޑް ސިނާއަތުން މާޒީވި 70 އަހަރަށް ބަލާ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މަސްނޫއީ ތޫނުފިލިކަން ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއެއް ބުނާ ގޮތުގައި، ބޮލީވުޑް މިސްރާބު ޖަހާފައި ވަނީ އިޖުތިމާއީ އިސްލާހާ ދިމާއަށް ކަމަށްވެސް އަދި އެ ދިމާއަށް ނޫން ކަމަށްވެސް ބުނެވެން އެބައޮތެވެ.
2.1 ބިލިއަން ޑޮލަރުގެ އަގުހުރި މި ސިނާއަތަކީ ކޮންމެ އަހަރަކުވެސް އެތައް ސަތޭކަ ފިލްމެއް އުފައްދަމުން އަންނަ ސިނާއަތެކެވެ. އިންޑިއާގައި ވަޒަންވެރިވެ ތިބި މީހުންގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު، ގާތުން ފާރަވެރިވާ ސިނާއަތެއްވެސްމެއެވެ. ބޮލީވުޑް ފޭނުންނަކީ، ބަތޮލުންނާއި ބަތޮލާއިންނަށްޓަކާ ކޮންމެ ފަދަ ގުރުބާނީއެއްވެސް ބައެކެވެ. އެގޮތުން، ބައެއް މީހުންނަކީ، އެމީހުން ސަޕޯޓް ކުރާ ތަރިންގެ ނަމުގައި ލޭ ހަދިޔާ ކުރުން ފަދަ އިޖުތިމާއީ ކެމްޕޭންތަކުގައިވެސް އަމަލީ ގޮތުން ބައިވެރިވާ މީހުންނެވެ.
ފާއިތުވީ އަހަރުތަކަށް ބަލާއިރު، ބޮލީވުޑްގެ ފިލްމުތަކަށް ބޮޑެތި ފާޑުކިއުންތަކެއް ވެސް ވަނީ އަމާޒުވެފައެވެ. އެގޮތުން، އެ ފިލްމުތަކަކީ އިޖުތިމާއީ ފޭރާން ވިދާ، އަންހެނުންނަށް ބޭ އިހުތިރާމްކޮށް، ގަދަރު ކުޑަކޮށް، ދޮންކަޅުގެ ފަރަގު އިންތިހާއަށް ގެންގުޅޭ، ޖިންސުގެ ހަމަހަމަކަމުން އެއްކިބާ ވެފައިވާ ފިލްމުތަކެއް ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް، ދިރާސާއެއްގެ ސިފާގައި މިކަން ކަށަވަރުކޮށްފައެއް ނުވެއެވެ.
މި ހުސްކަން ފޫބެއްދުމަށް ތެދުވީ ކާނެގީ މެލަން ޔުނިވާސިޓީ (ސީއެމްޔޫ) ގެ ކުނާލް ހަދިލްކާރްއާއި އާޝިގުއް ހުދާބުހްޝްއެވެ. މި 2 މީހުން އިސްވެ، ކުރިއަށް ގެންދިޔަ ދިރާސާއަށް ބޭނުން ކޮށްފައި ވަނީ، 1950 އާއި 2020 ވަނަ އަހަރާ ދެމެދު ބޮލީވުޑް ސިނާއަތުން، ވިޔަފާރީގެ ގޮތުން އެންމެ ވަރުގަދަ ހިޓުގެ ގޮތުގައި ފާހަގަ ކުރެވުނު 100 ފިލްމެކެވެ.
ބޮލީވުޑްގެ އެންމެ ވަރުގަދަ ފޭނުން ކަމަށް ވަކާލާތު ކުރަމުން އަންނަ ކުނާލް ހަދިލްކާރްއާއި އާޝިގުއް ހުދާބުހްޝް ވަނީ، މި ފިލްމުގެ ސަބްޓައިޓަލް ނުވަތަ ފިލްމުގެ ޑައިލޮގްތައް، ބަސް މުރާޖާއާ ކުރާ އޮޓޮމެޓިކް ޓޫލްއެއްގެ އެހީގައި ދިރާސާ ކޮށްފައެވެ. މަގުސަދަކަށް ވީ، ފާއިތުވީ އަހަރުތަކުގައި ބޮލީވުޑްގައި ފަރަގު ކުރުންތައް ހުރި ގޮތް ދެނެގަތުމެވެ.
އާޝިގުއް ހުދާބުހްޝް ބުނާ ގޮތުގައި ފިލްމަކީ މުޖުތަމައެއްގެ މޫނު ބަލާ ލޯގަނޑެވެ. މުނިފޫހިފިލުވުމުގެ ދާއިރާގެ ލެންސުން، އިންޑިއާއަށް އައިސްފައިވާ ބަދަލުތައް ބަލާލެވޭ ކަމަށް އޭނާ ބުނެއެވެ.
ކުނާލް ހަދިލްކާރްއާއި އާޝިގުއް ހުދާބުހްޝްގެ ދިރާސާގައި އެ ޓީމުން ވަނީ، ހޮލީވުޑްގެ 700 ފިލްމަކާ، ފޮރިން ފިލްމް ކެޓަގަރީން އޮސްކާ އެވޯޑަށް ނޮމިނޭޓްވި 200 ފިލްމެއްވެސް ދިރާސާގައި ބޭނުން ކޮށްފައެވެ.
ދިރާސާގެ ހޯދުންތަކުގެ ޝައުގުވެރި ކަންތައްތަކެއް ފާހަގަ ކުރެވުނެވެ. އެގޮތުން ބޮލީވުޑްގެ ފިލްމުތަކަކީ ވަކި ފަރާތަކަށް ބުރަވެފައިވާ ފިލްމުތަކެއް ކަމަށް ވަނީ ދައްކާފައެވެ. ހަމަ މިފަދައިން، ހޮލީވުޑްގެ ފިލްމުތަކަކީވެސް ވަކި ފަރާތަކަށް ބުރަވާ ފިލްމުތަކެއް ކަމަށާ، ނަމެވެސް މިކަން އޮތީ ބޮލީވުޑާ އަޅާ ބަޅާއިރު ކުޑަ މިންވަރަކަށް ކަން ފާހަގަ ކުރެވެއެވެ. ފާއިތުވީ 70 އަހަރަށް ބަލާއިރު، 2 ސިނާއަތުގައިވެސް އިޖުތިމާއީ ގޮތުން ގެންގުޅު ތަފާތުތައް ކުޑަވަމުން އައި ކަމަށް ކުނާލް ހަދިލްކާރްއާއި އާޝިގުއް ހުދާބުހްޝްގެ ދިރާސާއިން ދައްކައެވެ.
ބޮލީވުޑް ފިލްމުތަކުން ބެލި ބައެއް ކަންކަމަށް ބަލާއިރު، އަންހެން ދަރިއަކަށްވުރެ ފިރިހެން ދަރިއަކު ބޭނުން ވުމާ، ޑައުރީއާއި ގުޅިފައިވާ ނުރަނގަޅު ކަން ކަމަށް، ފާއިތުވީ 70 އަހަރުގެ ތެރޭގައިވެސް މާބޮޑު ބަދަލެއް އައިސްފައި ވާތީއެއް ނުދައްކައެވެ. އަދި އިންޑިއާގައި ޒަމާނުއްސުރެ އޮންނަ ހަމުގެ ކުލަ އަލިވުމަށް ތާއީދު ކުރުމުގެ ސަގާފަތަށް، އެއްވެސް ވަރެއްގެ ބަދަލެއް އައިސްފައި ނުވާ ކަމަށް ހޯދުންތަކުން ވަނީ ސާބިތުވެފައެވެ.
ޖުމުލައެއްގައި ހުސްތަންކޮޅު ފުރާ އުސޫލުން ފިލްމުތަކުގެ ޑައެލޮގް ދިރާސާކޮށްގެން ހެދި ޓެސްޓުތަކަށް ބަލާއިރު، ރީތި އަންހެނެއްގެ ހަމުގެ ކުލަ، "އަލިވާން/ ދޮންވާން" ޖެހޭ ކަމަށް ބޮލީވުޑްގެ ފިލްމުތަކުގައިވެއެވެ. ހޮލީވުޑްގެ ފިލްމުތަކުގައިވެސް މިކަން ފުދޭ ވަރަކަށް އޮތް ކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ.
ބޮލީވުޑް ފޭނުން ފިލްމު ބަލަން ދަނީ ހައިޖާނުތަކާ، ލަވައާއި ޑާންސްގެ އުއްމީދުގައި ކަމަށް ވާއިރު، ފިލްމު އުފައްދާ ފަރާތްތަކުން ބޭނުން ކުރަމުން ދަނީ މި ތައްގަނޑު ކަމަށް ހޯދުންތަކުން ދައްކައެވެ.