ކުރިއަށް އޮތް އދގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ކާމިޔާބު ކުރައްވާފައިވާ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު، ޢަބްދުﷲ ޝާހިދު އެކުލަވާލައްވާ ޓީމުގެ ޝެފް ޑި ކެބިނެޓްގެ މަގާމަށް، އިންޑިއާގެ ޑިޕްލޮމެޓަކު އިސްކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމުގެ އަޑުތަކެއް ފެންމަތިވެއްޖެއެވެ.

އދގެ ނިޒާމުގެ ތެރޭގައި ހިމެނޭ ގުނަވަނެއްގެ އިސްވެރިޔާ ކަމުގައި ހުންނަވާ ބޭފުޅަކު އައްޔަން ކުރައްވާ، ޝެފް ޑި ކެބިނެޓް މަގާމަކީ، ސަރުކާރެއް ހިންގުމުގެ އޮނިގަނޑަށް ބަލާނަމަ ޗީފް އޮފް ސްޓާފްއާ އެއްވަރުގެ މަގާމެކެވެ.

އިވެމުންދާ އަޑުތަކަށް ބަލާއިރު، ޝާހިދުގެ ޓީމުގެ ޝެފް ޑި ކެބިނެޓްގެ މަގާމަށް، އައްޔަން ކުރައްވަނީ އިންޑިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ ނައިބު، ނާގަރާޖު ނައިދޫއެވެ. ނަމަވެސް މިއިން އެއްވެސް މައުލޫމާތެއް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ. އަދި ރަސްމީ ސިފައެއްގައި މިކަން ކަށަވަރު ކޮށްދީފައެއްވެސް ނުވެއެވެ.

މި މަހުގެ 7 ވަނަ ދުވަހުގެ ރޭގެ އިރާކޮޅުގެ ވަގުތެއްގައި، އދގެ މަރުކަޒީ އިދާރާގައި ކުރިއަށް ގެންދިޔަ ވޯޓުގައި، އެ އިދާރާގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމު، ޝާހިދު ކަށަވަރު ކުރެއްވީ 143 ގައުމުގެ ތާއީދާއެކުގައެވެ. މިއީ ގާތްގަނޑަކަށް 4 ބައިކުޅަ 3 ބައިގެ ވޯޓެވެ.

ދިވެހިރާއްޖެއަށް މި ތާއީދު ހޯދުމުގައި އެންމެ އިސް ދައުރެއް އަދާ ކުރި އެއް ގައުމަކީ އިންޑިއާއެވެ. އެގޮތުން، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިންޑިއާއިން ވަނީ، 76 ވަނަ އަހަރު އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއަށް ކާމިޔާބު ކުރުމަށް އެގައުމުގެ ފުރިހަމަ ތާއީދު އޮތް ކަން ހާމަކޮށްފައެވެ. އޭގެ ފަހުންވެސް އެކި ޕްލެޓްފޯމްތަކުގައި އިންޑިއާއިން ވަނީ ދިވެހިރާއްޖޭގެ ހައްގުގައި، އެކަމަށް ވަކާލާތު ކޮށްފައެވެ.