މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން މިހާރު ފެންނަނީ އަމާޒުން ނެއްޓި އެހެން ހިސާބަކަށް ދާ މަންޒަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މެއި 6 ގައި ދިން ހަމަލާއާ ގުޅިގެން ރައީސް ވިދާޅުވީ، އެއީ ވަރަށް ނުރައްކާތެރި އަދި ބިރުވެރި ކަމެއް ކަމަށެވެ. ރާއްޖޭގައި އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށާއި އެ ކަން ހިންގި ގޮތް ބަލަމުންދާ މި ދަނޑިވަޅުގައި އެ މައްސަަލައިގެ ވަށައިގެން ހުރި ކަންތައްތަކަށް އަމާޒު ކޮށްގެން އެކި ދިމަދިމާލުން ވާހަކަ ދައްކަމުން ގޮސް މުޅި މައްސަލައިގެ އަސްލު ގެއްލޭ ހިސާބަށް މިހާރު ކަންކަން ދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު އެދެން ހުރިހާ ބޭފުޅުންގެ ކިބައިން، އަޅުގަނޑުމެން އެންމެންގެ އަމާޒަކަށް ވާންވީ ރާއްޖޭގައި އެފަދަ ކަންތައްތައް ހިންގިޔަ ނުދިނުމަށް އެންމެން އެކީގައި ކުރެވެން ހުރި މަސައްކަތްތަކެއް ކޮށް، ކާކުތޯ އެކަމެއް ކުރީ، އަދި ކޮން ބައެއް ބުނެގެންތޯ؟ އަދި އޭގަ ހަރަދުކޮށްފައި ފައިސާ އޭގަ އެކުލެވޭތޯ؟ ނޫނީ އަދި އެެން ބައެއް އެހެން މަގްސަދެއްގައި ކޮށްފައި އޮތް ކަމެއްތޯ ބަލައި އެކަން ހޯދައި މުޅި ގައުމު އެކަމުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ކަންތައްތައް އަޅުގަނޑުމެން ކޮށް. އެއާ ހިލާފަށް ވަރަށް ބޮޑަށް މި ފެންނަނީ އެއިން ނެއްޓި މުޅިން އެހެން ހިސާބަށް އަމާޒު ދާ ތަން."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މި މައްސަލައިގައި އެކަން ކުރީ ކޮން ބައެއްތޯއާއި ކޮން ބައެއް ބުނެގެން ކުރި ކަމެއްތޯއާއި ހަރަދުކޮށްފައިވާ ފައިސާ އޭގައި އެކުލެވޭތޯ ނޫނީ އެހެން މަގްސަދެއް ހިމެނޭ ކަމެއްތޯ ބަލައި އެކަން ހޯދަން ޖެހޭ ކަަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަން ކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހާ އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމު ވެއްޓިފައި އޮތް މި އަނދަވަޅުން ސަލާމަތް ކުރެވެން ކުރަން ހުރި ވަރަށް ބައިވަރު މަސައްކަތް އެބަހުރި ކަމަށާއި މިއީ ސިޔާސީ ހަލަބޮލިކަމަށް ދާންވީ ވަގުތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ގައުމުގައި ކުރަންޖެހޭ އެއަށް ވުރެ މާ ބޮޑެތި މަސައްކަތްތައް އެބަހުރި ކަމަށާއި މާ ގިނަ ކަންތައްތައް ހައްލު ކުރަން އެބަހުރި ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހު ދިން ހަމަލާ އާ ގުޅިގެން މަޖިލީހުން ހިންގާ އިންކުއަރީއަށް ހުރަސް ނާޅުއްވާނެ ކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ، މަޖިލީހުން ހިންގާ އިންކުއަރީއަށް ސިފައިންގެ ވަކިވަކި ފުލުހުން ހާޒިރު ކުރަން ހުރަސް އަޅުއްވާނީ ރައީސް ސޯލިހު ކަމަށް ތުހުމަތު ކުރައްވާ ރައީސް ނަޝީދު ވާހަކަ ދައްކަވާފައި ވާތީއެވެ. ނަޝީދު އެމްޑީޕީގެ މެންބަރުން ހިމެނޭ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި އެވާހަކައަށް އިޝާރާތް ކުރައްވާފައި ވެއެވެ.