މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ އަމަލީ މަސައްކަތް ދެ ހަފްތާ ތެރޭ ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ހަވީރު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ބްރިޖްގެ ޓެންޑާ ވަނީ މިހާރު ބަންދުކޮށްފައި ކަަމަށާއި އަދި އިވެލުއޭޝަންގެ މަސައްކަތް މިހާރު ކުރިއަށް ދާ އިރު އެ މަސައްކަތް އޮތީ ނިމުމަކާ ހިސާބުގައި ކަމަށެވެ.

އުންމީދު ކުރައްވަނީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެ މަސައްކަތް ނިމި ބްރިޖް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މައްސަކަތް ކުރުމަށް މި އަހަރުގެ ބަޖެޓުގައި 469 މިލިއަން ރުފިޔާ ކަނޑައަޅާފައި ވާނެ ކަމަށް ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ 2021 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން ދެއްވި ބަޔާނުގައި ވިދާޅުވެފައެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް 6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި ބްރިޖްގެ މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި 469 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާ އިރު މި އަހަރުގެ ތެރޭގައި މި ބްރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދީފައެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދަން ނިންމާފައިވާ މާލެއާއި ތިލަފުށި ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހު ފެށޭނެ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ. މިދިޔަ އަހަރު ތެރޭ ސަރުކާރުން ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި ތަފްސީލް ތަކުގައި ވާ ގޮތުގައި ބުރިޖް މަޝްރޫއަށް 7.6 ބިލިއަން ރުފިޔާ ހަރަދުވާނެއެވެ.