އެސްޓްރާޒެނަކާގެ ފަސްލައްކަ ޑޯޒް ވެކްސިން އަންނަ މަހު ލިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސިންގަޕޫރްގެ އެސްޓްރާޒެނެކާ ކުންފުނިން ގަންނަން މަސައްކަތް ކުރާ 500،000 ޑޯޒްގެ ކޮވިޑް ވެކްސިން މި މަހު ލިބޭނެ ކަމަށް ކުރިން ބެލެވުނަސް މިއަދު އެ ކުންފުންޏާ ވާހަކަ ދެއްކުމުން، ވެކްސިން ލިބޭނީ އަންނަ މަހު ކަމަށް މިހާރު ބުނެފައިވާ ކަމަށެވެ. ހަމައެއާއެކު ރަޝިއާގެ ސުޕަޓްނިކް ވެކްސިން ގަތުމުގެ އެއްބަސްވުން އޮތީ ސޮއިކުރާ ހިސާބުގައި ކަމަށާއި އެމެރިކާ އިން ވެސް ދޭ ވެކްސިން މި މަހު ލިބޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމެރިކާ އިން ލިބޭނީ ކިހާ ވެކްސިނެއް ކަމެއް އަދި ކޮން ވައްތަރެއްގެ ވެކްސިނެއް ކަމެއް ނޭނގެއެވެ.

ރާއްޖެއިން ވަނީ ދެ ވެކްސިނެއްގެ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކާފައެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.

މި ވެކްސިންތަަކުގެ ތެރެއިން އެސްޓްރާޒެނިކާ އަށް ފައިސާ ދެއްކި 700،000 ޑޯޒު ވެސް މި މަހުގެ ތެރޭގައި ލިބެން ފަށާނެ ކަމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ކުރިން ވަނީ ވިދާޅުވެފައެވެ.