ތޮއް ޖެހިފައިވާ މާލޭގެ ހުޅަނގު ފަރާތުގައި ހެދި އިންޑަސްްޓްރިއަލް ޒޯން މާލެ ސިޓީ ކައުންސިލުން ސާފު ކުރަން ފަށައިފިއެވެ.
ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތަކަށް ހާއްސަކޮށް 2016 ވަނަ އަހަރު މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުން 6.9 ހެކްޓަރުގެ ބޮޑު ބިމެއް ހިއްކައި ހެދި "އިންޑަސްޓްރިއަލް ވިލެޖް" ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވީ، އެ މަސައްކަތް ނިމެންވާ އިރަށް، އެތަން ބަލަހަށްޓާނެ ނިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ވެސް ފަށްޓަވާފައިވާ ކަަމަށެވެ.
މުއިއްޒު ވިދާޅުވީ، ސިނާއީ ސަރަހައްދު ތަރައްގީ ކުރުމަށް ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކާއެކު އެއްބަސްވުން ތަކެއްގައި ސޮއި ކުރި ނަމަވެސް މިސަރުކާރު އައިފަހުން އެތަނުގައި އެއްވެސް ތަރައްގީއެއް ހިންގާފައި ނުވާ ކަަމަށެވެ.
ތަރައްގީ ކުރި މި ސަރަހައްދަކީ މިހާރު އުދަ އަރާ ދުވަސްތަކުގައި ލޮނުގެ އަސަރު ވަރަށް ބޮޑަށް ކުރާ ސަރަަހައްދެކެވެ. އެތަނުގައި ހުންނަ އެކި ޒާތުގެ ކުނިތައް ލޮނާ އެކު ތަޣައްޔަރު ވެ ކުނި ވަހުން މުޅި ސަރަހައްދު އެއް ވަސް ވެފައިވާ ޒަމާންތަކެއް ވެސް މީގެ ކުރިން ވަނީ ގޮސްފައެވެ. މިހާރުވެސް އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި އުޅަނދުތަކުގެ ތެރޭގައި ހަލާކުވެ ފީވެފައިވާ ކިތަންމެ އުޅަނދެއް އެބަހުއްޓެވެ.
މިހާރު އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، ސިނާއީ ސަރަހައްދަށް ބަދަލު ކުރަން ޖެހޭ ގަރާޖު، ގުދަން ފަދަ ތަންތަން ދެނެގަތުމުގެ އަމަަލީ މަސައްކަތް ވެސް ދާދި ފަހުން ވަނީ ފަށާފައެވެ.
މޭޔަރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ މާލެ ސަރަހައްދުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުންނެވެ. މޭޔަރު ކަމަށް ހަވާލުވެވަޑައި ގަތުމަށް ފަހު މުއިއްޒު ވަނީ އޭނާ މާލޭ ރައްޔިތުނަށް ފުއްދައިދިނުމަށް ވެވަޑައިގެން ވައުދު ފުރިހަމަ ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދީ މާލެ ސިޓީގައި ދިރިއުޅޭ އެންމެންނަށް ކުރާ މަސައްކަތްތަކުގެ ނަތީޖައިން ފައިދާ އާއި މަންފާ ލިބިގެންދާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މީ އެމްޑީޕީ ސަރުކާރުން ވެސް އެކަން ކުރަން ބުނެފައި އޮންނަތާ އަހަރުތަކެއް ވީ ކަމެކެވެ. މީގެ ކުރިން އިންޑަސްޓްރިއަލް ޒޯން ކުނިން ތަޣައްޔަރު ވަމުން ދާތީ އެތަން ސާފު ކުރުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭރު ކައުންސިލްގައި ތިއްބެވި މެންބަރުން ބުނެފައި ވަނީ ޕްލޭނިން މިނިސްޓްރީގައި އެތަން ސާފު ކުރަން އެދުނު ކަމަށެވެ. ނަމަވެސް އެތައް ސާފުކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައި އެތަނުގައި ހުރި ވެހިކަލްތައް ނަގާ އެތަން ސާފު ކުރަމުންދާ ކަމަށް ވެސް ކުރީގެ ކައުންސިލުން ބުންޏެވެ. ނަމަވެސް އެ މަސައްކަތް ވެސް ބޭނުންވި ސްޕީޑުގައި ކުރިއަށް ނުގޮސް ކައުންސިލް ބަދަލުވި އިރު ވެސް ތަން އޮތީ ވެހިކަލް ތަކުން ތޮއް ޖެހިފައެވެ.