ޕާކިސްތާނުގެ ދެކުނުގެ ސަރަހައްދެއްގައި ފަސެންޖަރުން ގޮވައިގެން ދަތުރު ކުރަމުން ދިޔަ 2 ރޭލު ޖެހިގެން ހިނގި އެކްސިޑެންޓްގައި މަރުވި މީހުންގެ އަދަދު 40 އަށް އަރައިފިއެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި ސިންދު ޕްރޮވިންސްގައި ދަތުރު ކުރަމުން ދިޔަ އެއް ރޭލު، ދަގަނޑު މަތިން ކައްސާލައިގެން އެހެން ޓްރެކަކަށް އެރީ ކަމަށެވެ. އޭގެ ފަހުން، ފަސެންޖަރުން އަރުވާ ފުރައިގެން ދަތުރު ކުރަމުން ދިޔަ ރޭލެއް އެ ރޭލުގައި ޖެހި، ރޭލު ފުރޮޅާލީ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

މި ހާދިސާގައި ޒަހަމްވީ މީހުންނަށް، ކައިރި ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން ދާއިރު، ބައެއް މީހުންގެ ހާލު، ކުރިޓިކަލް ކަމަށް ހަބަރު ލިބެއެވެ.

ފާއިތުވީ އަހަރުތަކަށް ބަލާއިރު، މިފަދަ ރޭލު އެކްސިޑެންޓްތަކަކީ ޕާކިސްތާނުގައި އާންމުކޮށް ހިނގާ ހާދިސާތަކެކެވެ. ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތަކާ ހަވާލާދީ، ބީބީސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، 2013 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދު ހިނގި މިފަދަ އެކްސިޑެންޓްތަކުގައި 150 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

މިއަދުގެ ހާދިސާއާ ގުޅިގެން، ބޮޑުވަޒީރު އިމްރާން ހާން ވަނީ ޓްވީޓް ކުރައްވާފައެވެ. މި ހާދިސާއާއެކު ސިހުން ގެނުވި ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި ހަދިސާގެ ފުރިހަމަ އިންކުއަރީއެއް ކުރިއަށް ގެންދަވާނެ ކަމަށް އިމްރާން ވަނީ ވައުދުވެވަޑައިގެންފައެވެ.

ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެ ގައުމުގައި ރޭލު އެކްސިޑެންޓް އާންމު ވެފައި ވަނީ، ރޭލު ދަގަނޑުތައް އެކަށީގެންވާ ގޮތެއްހައި ބެލެހެއްޓެމުން ނުދާތީއެވެ. މީގެ އިތުރުން ރޭލުތައް ބާވުމާއި، ސިގުނަލް މައްސަލަ ޖެހުން ފަދަ ސަބަބުތައް ހިމެނޭ ކަމަށްވެސް، ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.