ސިފައިން ކޮށްދޭ ހިދުމަތަކީ ގައުމީ ހިދުމަތެއް ކަމަށާއި ކޮވިޑްގެ މި ހާލަތުގައި މިދިޔަ އަހަރު ސިފައިން ނިކުތް ގޮތަށް އެ ތިބީ އަދިވެސް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ސިފައިންނަށް ތައުރީފް ކުރައްވައިފިއެވެ.

މިރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ ޕްރޮގްރާމް" ގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ކޮވިޑްގެ މިހާލަތުގައި މިދިޔަ އަހަރު ސިފައިން ބޫޓަށް އަރައިގެން ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ނިކުތް ގޮތަށް އަދި ބޫޓު ނުބާލާ ތިބީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ކަަމަށެވެ. ކޮވިޑްގެ މި ހާލަތުގައި އެމްއެންޑީއެފުން ފެސިލިޓީއެއް މެނޭޖްކޮށް ހެދުމުން ރައްޔިތުންގެ ފަރާތުން ތައުރީފްގެ ބަސްތައް ލިބިފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑަށް މި މުއައްސަސާ ފެންނަނީ ވަރަށް ޕްރޮފެޝަނަލްކޮށް، ސިޔާސީ ގޮތުން ބޭރުގައި އެ ހިނގާ އެއްވެސް ކަމަކާ އެމީހުންގެ އޮޕީނިއަން އެއް ނެތި އެމީހުން ވަރަށް ރަނގަޅަށް މިތާ އެތެރޭގައި ހަމަޖެހިގެން މަސައްކަތް ކުރަމުން ދާތަން. ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ކޮވިޑު އޮޕަރޭޝަން ތަކުގައި ވެސް މަސައްކަތް ކުރަނީ، މަގުމަތި ވެސް ބަލަހައްޓަމުން ދަނީ"
މާރިޔާ އަހްމަދު ދީދީ

އެގޮތުން އެހެން ގައުމުތަކުގައި ކޮވިޑް ރެސްޕޮންސްގެ އޮޕަރޭޝަން އާމީތަކުން ނަގައިގެން ބަލަހައްޓަމުންދާ ފަދައިން އެމްއެންޑީއެފުން ވެސް މި އޮޕަރޭޝަންއާ ހަވާލުވުމަށް އެތައް ރައްޔިތުންތަކެއް އެދިފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެން ރައްޔިތުން ބުނާނީ އިތުބާރު ކުރެވޭތީ ކަމަށާއި އަދި ސިފައިން ނުކުމެ ކަމެއް ކުރާ ނަމަ އެކަމެއް ވަރަށް ފުރިހަމަ އަށް ކުރާނެ ކަން ރައްޔިތުންނަށް ގަބޫލު ކުރެވޭތީ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސިފައިންގެ މަސައްކަތަށް އެތައް ބަޔަކު ފާޑު ކިޔަމުންދާ މި ދަނޑިވަޅުގައި މާރީޔާ ވިދާޅުވީ، އެ ދުވަހު ރައީސް ނަޝީދުގެ އަރިހުގައި ހުރި ސިފަިއން ދައްކުވައިދީފައި ވަނީ ޕްރޮފެޝަނަލް ކަމުގެ ނަމޫނާއެއް ކަަމަށެވެ. އަމިއްލަ މިހާއަށް ލިބިފައިވާ ޒަހަމްތަކަށް ބެމުމެއް ނެތި މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ނަޝީދަށް ފަރުވާ ދިނުމަށް ނެގި އަވަސް ޑިޒިޝަންއަކީ އެ ސިފައިންގެ ޕްރޮފެޝަނަލް ކަން ހާމަކޮށްދޭ ހެއްކެއް ކަަމަށް މާރިޔާ ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ނަޝީދު ވެސް އެ ހަމަލާއަށް ފަހު އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތް ކުރުމައްޓަކައި ބޮޑީގާޑުން ކުރި މަސައްކަތް ފާހަގަ ކުރައްވާފައި ވާ ކަން މާރިޔާ ފަހާގަކުރެއްވިއެވެ. ހަމައެއާއެކު މާރީޔާ ވިދާޅުވީ، ސިޔާސީ ހަލަބޮލިކަން އޮތް އިރުވެސް ސިފައިން ތިބީ ސިޔާސީ ނުފޫޒުން އެއްކިބާވެ ވަރަށް ޕްރޮފެޝަނަލް ކޮށް ކަމަށެވެ. އަދި ސިޔާސީ ނުފޫޒުން ސިފައިން އެއްކިބާކޮށް ޕްރޮފެޝަނަލް ފޯސް އަކަށް ސިފައިން ހެދުމަކީ އެކަމަނާ މި މަގާމަށް ހަވާލުވެވަޑައިގެން އިރު އުންމީދު ކުރެއްވި ގޮތް ކަމަށެވެ.