ރާއްޖެއިން މިއަދު 412 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރެއިން 239 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި މީހުން ކަމަށެވެ. އެއާއެކު މީހުން ދިރިއުޅޭ ރަށްރަށުން 162 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓުތަކުން 11 މީހަކު މިއަދު ވަނީ ޕޮޒިޓިވް ވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 19،670 އަށް އަރާފައެވެ. އަދި ކޮވިޑް ޖެހުނު 67،950 މީހުންގެ ތެރެއިން 48،086 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 185 އަށް އަރާފައެވެ.

މިއަދު މި ބަލީގައި 3 މީހަކު މަރުވެފައި ވާއިރު، މިއަދު ފުރަތަމަ މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 93 އަހަރުގެ ދިވެހި ފިރިހެނަކާއި އެ ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 82 އަހަރުގެ އަންހެނަކާއި އެ ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 41 އަހަރުގެ އަންހެނެކެވެ.

މި މަހުގެ ކޭސްތަކުގެ އަޕްޑޭޓް:

  • ޖޫން 1: 768 ޕޮޒިޓިވް، 8 މަރު
  • ޖޫން 2: 704 ޕޮޒިޓިވް، 2 މަރު
  • ޖޫން 3: 648 ޕޮޒިޓިވް، 2 މަރު
  • ޖޫން 4: 432 ޕޮޒިޓިވް، 3 މަރު
  • ޖޫން 5: 590 ޕޮޒިޓިވް، 6 މަރު
  • ޖޫން 6: 412 ޕޮޒިޓިވް، 3 މަރު

މި މަސް ފެށިގެން އައިރު ޕޮޒިޓިވް ކޭސްގެ ގޮތުގައި ރިޕޯޓުކުރާ އަދަދު އަންނަނީ މަދުވަމުންނެވެ. މިދިޔަ މަހު 1000 އާއި 2000 އާ ދެމެދުން ކޮވިޑް ކޭސް ރިޕޯޓް ކުރަމުން އައި މި މަސް ފެށުނު އިރު ކޭސްތައް ރިޕޯޓު ކުރަނީ 700 އާ ގާތުންނެވެ. މި މަހު ހަތަރު ދުވަސް އެއްކޮށް ޕޮޒޮޓިވްވި ޖުމްލަ އަދަދު މި ވަނީ 3554 އަށް އަރާފައެވެ. އަދި މި މަހު މަރުވި މީހުންގެ އަދަދު މި ވަނީ 24 އަށް އަރާފައެވެ.

މި ދިޔަ އަހަރު ނިމުނު އިރު ކޮވިޑް ޕޮޒިޓިވް ކޭސްގެ ގޮތުގައި 13،757 ޖުމްލަ ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެ ދުވަހާ ހަމައަށް މަރުވި މީހުންގެ އަދަދު ވަނީ 48 ގައެވެ. ނަމަވެސް ވޭތުވެ ދިޔަ 5 މަސް ދުވަސް ތެރޭގައި ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދު މި ވަނީ 67،000 އިން މައްޗަށް ގޮސްފައެވެ.

މިއަހަރު ކޮވިޑް ކޭސްތަކާއި މަރުގެ އަޕްޑޭޓް:

  • މެއި 2021 - 34،561 ޕޮޒިޓިވް ކޭސް، 88 މަރު
  • އޭޕްރީލް 2021 - 5756 ޕޮޒިޓިވް ކޭސް، 6 މަރު
  • މާޗް 2021 - 4286 ޕޮޒިޓިވް ކޭސް، 5 މަރު
  • ފެބްރުއަރީ 2021 - 3952 ޕޮޒިޓިވް ކޭސް، 10 މަރު
  • ޖެނުއަރީ 2021 - 2084 ޕޮޒިޓިވް ކޭސް، 4 މަރު

މިދިޔަ އަހަރުގެ މާޗް 27 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ރާއްޖެއިން ދިވެއްސަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ އިރު މިއަދާ ހަމައަށް މި ބަލި ރާއްޖެއިން ފެނުނުތާ މި ވަނީ 456 ދުވަސް ވެފައެވެ. މި ވޭތުވެ ދިޔަ 13 މަސް ދުވަހަށް ބަލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީ މިދިޔަ މަހުއެވެ. މި ދިޔަ މަހު ޕޮޒިޓިވް ވީ މީހުންގެ ޖުމްލަ އަދަދަކީ 34،561 އެވެ. އަދި މި ބަލީގައި އެންމެ ގިނަ މީހުން މަރުވި މަހަކަށް ވެ 88 މަރު ވަނީ މެއި މަހު ރިޕޯޓް ކޮށްފައެވެ.