ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާގެ ވޫހާންގެ ލެބްގައި މަސައްކަތް ކުރަމުން ދިޔަ މީހުންގެ ސިއްހީ ރެކޯޑްތައް އާންމު ކުރުމަށް، އެމެރިކާގެ ސިއްހީ ތަޖުރިބާކާރު، ޑރ އެންތަނީ ފައޫޗީ ގޮވާލައްވައިފިއެވެ.

ފައިނޭންޝަލް ޓައިމްސްގައި އާންމު ކޮށްފައިވާ ރިޕޯޓެއްގައި ޑރ ފައޫޗީ ވަނީ، ވޫހާންގެ ލެބުން ބަލީގެ އަލާމާތްތައް ފެނުނު މަސައްކަތްތެރިންގެ ސިއްހީ ރެކޯޑްތައް އާންމު ކުރުމަށް ޗައިނާއަށް ގޮވާލައްވާފައެވެ. އެހެނީ އެ މައުލޫމާތަކީ، ކޮވިޑް-19 ޖައްސާ ވައިރަހުގެ އަސްލު ދެނެގަތުމުގެ މުހިންމު މަސްދަރަކަށް ވުން ކަމުގައި ބެލެވެއެވެ.

ކޮވިޑް-19 ޖައްސާ، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް—2) އަކީ ވޫހާންގެ ލަބަކުން ލީކުވި ވައިރަހެއް ކަމަށް ކުރަމުން ދައުވާ އަކީ ބާތިލު ކޮށްފައި ނުވާއިރު، ލެބުން އެންމެ ފުރަތަމަ އަލަމާތްތައް ފެނުނު މަސައްކަތްތެރިންގެ ސިއްހީ ރެކޯޑްތަކުން މުހިންމު މައުލޫމާތުތަކެއް ލިބިދާނެ ކަމަށް ބުނެވެއެވެ.

ޗައިނާގެ ވޫހާން ސިޓީގައި ޑަބްލިއުއެޗްއޯގެ ތަހުގީގު ޓީމުން ހަރަކާތްތެރި ވަނީ / ފޮޓޯ: އޭޕީ

އެންމެ ފުރަތަމަ ބަލިވި ކަމަށް ބުނާ 3 މަސައްކަތްތެރިން ހަގީގަތުގައިވެސް ބަލިވިތޯއާއި، އެމީހުންގެ ބަލީގެ އަސްލަކީ ކޮބައިތޯ ޑރ ފައޫޗީ ވަނީ ސުވާލު ކުރައްވާފައެވެ.

ކޮވިޑް-19ގެ ކޭސްތައް ޗައިނާއިން ރިޕޯޓް ކުރުމުގެ މަހެއްހާ ދުވަސް ކުރިން، ވޫހާންގެ ވައިރޮލޮޖީ ލެބްގެ މަސައްކަތްތެރިންތަކަށް ސީރިއަސް ބައްޔެއް ޖެހުނު ކަމަށް ބައެއް ރިޕޯޓްތައް ބުނާއިރު، އެމެރިކާގެ ޖާސޫސީ އިދާރާތަކުން ދަނީ މިކަން ތަހުގީގު ކުރަމުންނެވެ.

ކަން މިހެން އޮތް އިރު، ޗައިނާއިން ދަނީ ލެބުން ލީކުވި ވައިރަހެއް ކަމަށް ބުނަ ދައުވާއަށް އިންކާރު ކުރަމުންނެވެ. އަދި ކޮވިޑް-19 ޖައްސާ ވައިރަހަކީ އޭރުވެސް އެހެން ތަނެއްގައި އުފެދި، ފެތުރެމުން ދާ ވައިރަހަކަށް ވެދާނެ ކަމަށާ، އެ ވައިރަސް ޗައިނާއަށް އެތެރެވެފައި ވަނީ، ގަނޑުކޮށްފައިވާ ކާބޯތަކެތީގެ ޒަރިއްޔާއިން ކަމަށް ވެދާނެ ކަމަށްވެސް ޗައިނާއިން ދަނީ ބުނަމުންނެވެ.

ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިއަހަރުގެ ކުރީކޮޅު ކުރިއަށް ގެންދިޔަ ތަހުގީގުތަކުންވެސް، ވަކި ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.